30 Jun 2024, 15:39
ފްރެންޗް ލީގު އާންގެ އޮލިމްޕިކް މާސޭގެ އާ ކޯޗަކަށް އިޓަލީވިލާތުގެ ރޮބާޓޯ ޑި ޒާބީ ހަމަޖައްސައިފިއެވެ.
ޑި ޒާބީ ވަނީ މާސޭ އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މާސޭގެ ކޯޗަކަށް ޑި ޒާބީ ހަމަޖައްސައިފައި މި ވަނީ އެ ޓީމުގެ ކުރީގެ ކޯޗު ޖޮން ލުއީ ގަސޭޓު މިދިޔަ ސީޒަނާއެކު ރިޓަޔާ ކުރުމާއި ގުޅިގެންނެވެ.
މަގާމާ ހަވާލުވުމަށްފަހު ޑި ޒާބީ ވަނީ މާސޭއާ ގުޅުމަށް އޭނާ ވަރަށް ބޭނުންވި ކަން ހާމަކޮށްފައެވެ. އަދި އޭނާ ބޭނުންވަނީ ފްރެންޗް ލީގުގައި މާސޭއަށް ހައްގުވާ މަގާމު ހޯދައިދިނުމަށްޓަކައި އެހީތެރިވާން ކަމުގައިވެސް އޭނާ ހާމަކުރިއެވެ. އެހެންް ކަމުން ޕްރީ ސީޒަން ޓީމާއެކު ފެށުމަށް ކެތް މަދުވެފައިހުރި ކަމަށްވެސް އޭނާ ބުންޏެވެ. މާސޭގެ އޯނަރު ފްރޭންކް މެކޯޓު ހާމަކުރިގޮތުގައި ޑި ޒާބީ އަކީ މާސޭގެ މުސްތަޤްބަލާމެދު ކްލަބުން ގެންގުޅޭ ތަސައްވުރާ ވަރަށް ގުޅޭ ކޯޗެއް ކަމަށެވެ.
ޑި ޒާބީ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަން އަށެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބްރައިޓަން އާ ގުޅުނު ޑި ޒާބީ ވަނީ އެ ޓީމާއެކު ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. ނަމަވެސް ނިމިދިޔަ ސީޒަނަށް ފަހު ޑި ޒާބީ އާއި ކްލަބާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން އޭނާގެ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
މި ސީޒަންގައި ޕްރިމިއާ ލީގުގެ ބޮޑު ކްލަބަކުން ފެނިދާނެކަމުގެ އަޑު ފެތުރު ނަމަވެސް އެކަން އެހެން ވެފައެއް ނުވެއެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ބްރައިޓަންއިން ވަނީ ފުރަތަމަ ސީޒަން ތާވަލްގެ ހަވަނައިގައި އޮވެ ނިންމައިލައިފައެވެ. އަދި މިދިޔަ ސީޒަންގައި 11 ވަނައިގައި އޮވެގެން ލީގު ނިންމާލިއިރު ޔޫރޮޕާ ލީގުގެ ފަހު 16 ޓީމުގެ ތެރޭގައި އެ ޓީމު ހިމެނިގެންދިޔައެވެ.
މާސޭއިން މިދިޔަ ސީޒަން ނިންމާލީ ލީގުގެ އަށް ވަނައިގައި އޮވެގެންނެވެ. މިއީ 2016 ވަނަ އަހަރަށް ފަހު އެ ޓީމު މިހާދަށް މަގާމަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މާސޭއިން މިދިޔަ ސީޒަން ފެށީ އިޓަލީވިލާތުގެ ގެނާރޯ ގަޓޫސޯގެ ކޯޗު ކަމުގެ ދަށުންނެވެ. ނަމަވެސް އޭނާއަށް މާރަނގަޅު ނަތީޖާ ތަކެއް ހޯދޭގޮތް ނުވުމުން ފެބްރުއަރީ މަހު ވަގުތީ ގޮތުން ވަނީ ގަސެޓު މަގާމާ ހަވާލުވެފައެވެ. އެހެން ކަމުން މި ފަހަރު އިޓަލީވިލާތަށް ނިސްބަތްވާ ޑި ޒާބީ އާއެކު ރަނގަޅު ކާމިޔާބީ ތަކެއް ހޯދުމަށް މާސޭއިން އަންނަނީ އުންމީދު ކުރަމުންނެވެ.