މޮބައިލް ފޯންތަކެއް މާފުށީ ޖަލަށް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 21 އަހަރުގެ އެ މީހާ ސަރުކާރުގެ މައިޖަލަށް ފޯނާއި ޗާޖަރުތަކެއް ވައްދަން މަސައްކަތް ކުރީ އިއްޔެ ކަމަށާއި އޭނާ ހައްޔަރު ކުރީ މާލެއިން މާފުއްޓަށް ދިޔަ ފެރީން ފޯނުތައް ހިފައިގެން ގޮސް ޖަލަށް ވައްދަން އުޅޭ ކަމަށް މައުލޫމާތު ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

"އެ މީހާ ހައްޔަރު ކުރީ މާފުށީ ބަނދަރު ސަރަހައްދުން ކޮތަޅެއް ހިފައިގެން [ޖަލާ ދިމާއަށް] ދަނިކޮށް،" ފުލުުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އެމީހާ ހުއްޓުވައި އޭނާ ގެންގުޅުނު ކޮތަޅު ބަލައި ފާސްކުރި އިރު ނޮކިޔާ 1280 ގެ ހަތް ފޯނާއި ނޮކިޔާ 1202 ގެ ދެ ފޯނާއި ސޮނީ އެރިކްޝަން ކޭ 750 އައި ފޯނަކާއި ސޮނީ އެރިކްޝަން ކޭ 300 ގެ އައި ފޯނަކާއި ނޮކިޔާ ހަތަރު ޗާޖަރާއި ސޮނީ އެރިކްޝަން ހެޑްސެޓެއް ކޮތަޅުގައި އޮތެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖަލަށް ފޯނު ވައްދަން އުޅެނިކޮށް ފުލުހުން ވަނީ ގައިދީންނާއި ޖަލުގެ ސެކިއުރިޓީން އަތުލައިގެންފަ އެވެ. އިއްޔެ ހައްޔަރު ކުރި އެމީހާއާ ބެހޭ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.