30 Jun 2024, 12:13
ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމަށްޓަކާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިސްނަގައިގެން އެ ކުންފުނި ރީސްޓްރަކްޗާކޮށް، ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށްޓަކާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހިއްސާކުރީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ، ޚަރަދު ކުޑަކުރުމަށްޓަކާ ކުންފުނިން ކުރަން ނިންމާފައި ވަނީ މައިގަނޑު 10 ކަމެއް ކަމަށެވެ.
އޭގެތެރޭގައި، ތެލަށްކުރާ ޚަރަދު ކުޑަކުރުމާއި، ފެނާއި ކަރަންޓަށް ކުރާ ޚަރަދާއި ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދުގެ އިތުރުން ދަތުރުފަތުރަށް ކުރާ ޚަރަދާއި ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތަކަށް ހޭދަވާ ޚަރަދު ކުޑަކޮށް، ބޭންކް ޗާޖުތައް ކުޑަކުރުމަށް ކުރެވޭނެ ކަންކަން ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެތެރޭގެ އިންވެންޓޮރީ ޚަރަދުތަކާއި، އިވެންޓުތައް ބާއްވަން ކުރާ ޚަރަދުތައް ވެސް ކުޑަކުރަން ވިސްނާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްއިން މިހާރު ބޭނުންކުރާ ޖެންސެޓް ތަކަކީ އެންމެ ރަނގަޅު ހާލަތުގައި ހުރި ތަކެތި ނޫންކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، އޭގެ ސަބަބުން ޑީސެލަށް ކުރާ ޚަރަދު ބޮޑުވާކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަ ޕަވާ އަޕްގްރޭޑިން މަސައްކަތް ކުރިއަށް އޮތް 15 ދުވަސްތެރޭ ނިންމާ، އާ ޖެންސެޓުތައް ބޭނުންކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބޭނުންކުރަން ފެށުމުން އަޅުގަނޑުމެން ކަރަންޓު އުފެއްދުމަށް ހޭދަކުރާ ތެލުގެ މިންވަރު މަދުވެގެން 20 ޕަސަންޓު ކުޑަވާނެ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއޭސީއެލްއަކީ 4000އަށްވުރެ ގިނަ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެއްކަމަށެވެ. އެހެންކަމުން ކުންފުނީގައި ކަރުދާހަށް ގިނަ އަދަދެއްގެ ފައިސާ ހޭދަވާކަމަށް ޝަރީފް ވިދާޅުވިއެވެ. މި ޚަރަދުތައް ކުޑަކުރުމަށް ކުރިއަށް އޮތް އެއް އަހަރުތެރޭ މުޅި ކުންފުންޏަކީ ކަރުދާސް ބޭނުން ނުކުރާ ކުންފުންޏަކަށް ހަދަން އަމާޒު ހިފާފައި ވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، އެމްއޭސީއެލް އިން ޚިދުމަތް ހޯދާ ބޭންކުތަކާ މަޝްވަރާ ކޮށް އެންމެ ރަނގަޅު އަދަދަކަށް ބޭންކު ޗާޖުތައް ދަށް ކުރުމާއި، ޓްރެއިނިންތައް އޮންލައިންކޮށް ބޭއްވުން އަދި ކުންފުނީގެ އިވެންޓުތަކަށް އެއްލައްކައަށް ވުރެ ގިނައިން ޚަރަދު ނުކުރަން ވެސް ނިންމާފައި ވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް މުސާރައަށް ބަދަލު ނުގެންނާނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ އަރުވާފައެވެ. އަދި ކުންފުންޏަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން އާ ޓާމިނަލުގެ މަސައްކަތް ލަސްވެ، ކުންފުނިންދޭ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން ވެސް ޝަރީފް ވަނީ ދެއްވާފައެވެ.
"އާ ޓާމިނަލް ހުޅުވުމަކަށް މީގަ އަސަރެއް ނުކުރާނެ. ޓާމިނަލަށް ބޭނުންވާ ފައިނޭންސާ މި ހުރިހާ ކަމަކީ ހަމަޖެހިފައި އޮތް ކަމެއް. ޚަރަދު ކުޑަކުރުމުން، އަޅުގަނޑު ކުރިންވެސް ދެންނެވިން އެމްއޭސީއެލްގެ ސާވިސް އެންހޭންސް ކުރުމަށް ކުރާ އެއްވެސް ކަމަކަށް ހުރަހެއް، މަޑުޖެހުމެއް، ހުއްޓުމެއް ނާންނާނެ،" ޝަރީފް ވިދާޅުވިއެވެ.
މިއަދުން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކިހާ ޚަރަދެއް ކުޑަކުރެވޭނެކަން އަދި ދަންނަވަން ނޭންގޭކަމަށް ޝަރީފް ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ޖުމްލަ ގޮތެއްގައި ދިހަ ޕަސަންޓާ ވިހި ޕަސަންޓާ ދޭތެރޭ ކަންތައްތަކަށް ކުރާ ޚަރަދު ކުޑަ ވާނެކަމަށް ވިސްނަވާ" ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާކަން ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ނިންމެވީ ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށެވެ.
ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.