ލަންޑަން (ޖޫން 18): ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކް ހުޅަނގުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ހުޅަނގުގެ ބާރުތަކުން ރާވަމުންދާ ކަމަށް އިނގިރޭސިވިލާތުގައި ނުކުންނަ ނޫހެއް ކަމަށްވާ "ޓައިމް"އިން ބުނެފި އެވެ.

އެ ނޫސް ބުނާ ގޮތުން ދުނިޔޭގައިވާ ކެމިކަލް ހަތިޔާރުގެ އެންމެ ބޮޑު އެއްސްޓޮކް ހުރީ ސޫރިޔާގަ އެވެ. ސޫރިޔާ އިން ކެމިކަލް ހަތިޔާރުގެ މިހާބޮޑު ސްޓޮކެއް ގެންގުޅެނީ އިސްރާއީލުގެ ނިއުކްލިޔާ ހަތިޔާރުގެ ކުރިމަތީގައި ދިފާޢީ އައްޑަނައެއްގެ ގޮތުގައި ކަމަށާއި ކެމިކަލް ހަތިޔާރު ގެންގުޅުމާއި އެހަތިޔާރު އުފެއްދުން މަނާކުރާ މުޢާހަދާގައި ސޮއިކުރުމަށް ސޫރިޔާ ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް ދުރުއިރުމަތީގެ މަސްރަޙު ދިރާސާކުރާ ވޮޝިންގްޓަން އިންސްޓިޓިއުޓުން ބުނެ އެވެ.
މިނޫސް ބުނާ ގޮތުން ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުގެ ބާވަތްތަކުގެ ތެރޭގައި މަސްޑަޑް ގޭހާއި ނާވް ގޭސް ގިނަ ޢަދަދަކަށް ހިމެނެ އެވެ. ސޫރިޔާގެ ފަނާކުރަނިވި ހަތިޔާރުގެ ސްޓޮކް ހުޅަނގުގެ ކޮންޓްރޯލް ހޯދަން ހުޅަނގުން ބޭނުން ވަނީ ސޫރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެހަތިޔާރުގެ ސަލާމަތްތެރިކަމާ މެދު ހުޅަނގުގެ ޤައުމުތައް ކަންބޮޑުވާތީ އެވެ.

ޚާއްސަކޮށް އިސްރާއީލަށް ޙަމަލާދިނުމަށް މަސައްކަތްކުރާ ފަލަސްތީނުގެ ފިދާއީ ޖަމާއަތްތަކުގެ އަތްދަށަށް މިހަތިޔާރުތައް ގޮސް އެކަމުގެ ސަބަބުން އިސްރާއީލުގެ އަމްނަށް ނުރައްކަލެއް ކުރިމަތިވުމަކީ އެމެރިކާ އާއި ހުޅަނގުން ކަންބޮޑުވާ ކަމެކެވެ. ހުލަނގުގެ ޖާސޫސީ ރިޕޯޓްތަކާ ޙަވާލާދީ ޓައިމް ނޫސް ބުނާ ގޮތުން ސޫރިޔާގެ ކެމިލަކް ހަތިޔާރުގެ ސްޓޮކް ހުރީ ރައީސް ބައްޝާރުލްއަސަދްގެ ޢަސްކަރީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ.

ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ޙަމަލާތަކުގެ ސަބަބުން ބައްޝާރުގެ ސަރުކާރު ބަލިވާގޮތްވެއްޖެ ނަމަ ސޫރިޔާގެ ކެމިކަލް ސްޓޮކަށް ވެދާނެގޮތަކާ މެދު ހުޅަނގަށް ލަފާކުރަންނޭނގޭ ކަމަށާއި ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ހުޅަނގުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ހުޅަނގުން ރާވާރޭވުމުގެ އެއްބޭނުމަކީ މިއީ ކަމަށް މިނޫސް ބުނެ އެވެ.

މިނޫސް ބުނާ ގޮތުން މިކަމުގައި ހުޅަނގަށް އެހީތެރިވެދިނުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ސޫރިޔާގެ އަވަށްޓެރި އުރުދުން، ތުރުކީ، އަދި ޒަޔަނިސްޓް އިސްރާއީލުވެސް އޮތީ ތައްޔާރަށެވެ. ސޫރިޔާގެ ކެމިކަލް ސްޓޮކް އަތްދަށުލުމަށް ޓަކައި ހުޅަނގުން އިސްރާއީލާ ގުޅިގެން ޢަސްކަރީ އޮޕަރޭޝަނެއް ވެސް ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ހުޅަނގުގެ ރޭވުންތަކުގެ ތަފްސީލް އަދި ސާފުނުވާ ކަމަށް މިނޫސް ބުނެ އެވެ.