02 Jul 2024, 07:20
"ބައްޕަ، ބައްޕަ، ބައްޕަ، އަބަދު ކީއްވެތަ ބައްޕަ އަހަރެންގެ ކަންކަމާ ގޮތް ނިންމަނީ. މަންމައަށް އެއްވެސް ކަމެއް ނުވަންޏާ، އަހަރެން އަމިއްލައަށް ގޮސްދާނަން" އައިސްފައި ހުރި ރުޅީގައި މަންމަގެ އަތް ފޮޅުވާލުމަށްފަހު ޔަލްވީ އެދިޔަ ބާރު މިނުގައި ނުކުމެގެން ދިޔައީ، އަތްދަބަހާއި ބެކްޕެކް ވެސް ހިފައިގެންނެވެ.
********
"އަފްސަމް! އަދި އެބަޖެހޭ ދިދަކޮޅެއް އިތުރުކޮށްލަން..." އޮފީހުގައި ހުރި ދިދަ ދަނޑިތައް ޕިކަޕަށް އަރުވަމުން ރަޔާން ވާހަކަ ދެއްކިއެވެ. "ފަސްގަނޑު ހަރުކަމުން އެތާ އެހާ ފަސޭހައެއް ނުވާނެ ދިދަ ޖަހާކަށް. ކޮބާ އެއްކަލަ ދަގަނޑު؟"
"އެ ދަގަނޑު ވާނީ ލޯންޗުގެ ވަތުގަ.." ހަނދާންކޮށްލަމުން އަފްސަމް ބުނެލިއެވެ. "މަޑުކޮށްބަލަ. ރަޔައްޓެ ދާއިރު އޭގެ އިންޖީނު ސްޓާޓްކޮށްލައްޗޭ"
"މިގަޑީ ކީއްކުރަން ސްޓާޓް ކުރަނީ؟" ރަޔާން ގަޔާނުވެފައި ސުވާލުކުރިއެވެ.
"މަށަށް ހީވަނީ އޭގަ މައްސަލައެއް އުޅޭހެން. މިރޭ އެބައޮތް ހޯރަފުއްޓަށް ދަތުރެއް އަޅާލަންވެފަ. މިގަޑީ އޭނައަށް ވަކި ޖަވާބެއް ދޭންވެސް އެބަޖެހޭ. މިކަމާ އުޅެފަ އެދިމާއަށް ދާންވެއްޖެއްޔާ، އެއްކަމެއްވެސް އޮންނާނީ ނުވެފަ. ދިދަ ޖެހުމުގެ ކަންތަކާ ހާސްނުވެބަލަ. އެންމެން އުޅެލީމަ މިކަން ނިމިދާނެ. އަހަރެމެން މި ނައްޓާލަނީއޭ އެދިމާއަށް" ރަޔާން އާއި ހިލާފަށް އަފްސަމް ހުރީ ހަމަޖެހިފައެވެ.
"އަފްސަމް އެކޮޅަށް ދާއިރު މަންމަ ކައިރިއަށް ވަދެލައްޗޭ. މިހާރު ހުންނާނީ ކާން ހަދައިގެން. ބުނޭ ހިއެއްނުވެއޭ އަވަހަށް ގެއަށް ދެވޭނެހެން" އަފްސަމް ދިއްކޮށްލި ތަޅުދަނޑި ހިފައިގެން ރަޔާން ބަނދަރާއި ދިމާއަށް ހިނގައިގަތެވެ.
ފަޅުގައި އަޅާފައި އޮތް ލޯންޗަށް އެރުމަށްފަހު ރަޔާން އޭގެ އިންޖީނު އިސްޓާޓްކުރިއެވެ. އެއްވެސް މައްސަލައެއް ފާހަގަވާން ނެތުމުން، ހިތާއިހިތުން އަފްސަމްއާއި ދިމާއަށް ކުދި ކިޔަމުން ރަޔާން ވަތަށް ފޭބީ އޭގައި އޮތް ދަގަނޑު ނެގުމަށެވެ.
ބާރު ހިނގުމުގައި ބަނދަރަށް ނުކުތް ޔަލްވީ ދެކޮޅު ހޯދައިލިއެވެ. ފަހަތުން ނަފީސާ އަންނާނެކަން ޔަލްވީއަށް އެނގެއެވެ. ޔަލްވީ ދިޔަ ބާރުމިނުގައި ބަނދަރުގައި އޮތް ލޯންޗަށް އެރީ އޭގެ ވާ މޮހާލާފައެވެ. ޔަލްވީގެ މަގުސަދަކަށްވީ އޭނާގެ ފަހަތުން އައި ނަފީސާ ބިރުގަންނުވައިލުމެވެ.
"ދަރިފުޅާ!... މަޑުކޮށްބަލަ!.." ނަފީސާ ގޮވަގޮވާ ހުއްޓާ، ޔަލްވީ ލޯންޗް ދުއްވައިލިއެވެ.
ޔަލްވީ ލޯންޗަށް އެރީ، އޭގެ އިންޖީނު އިސްޓާޓްކޮށްފައި ހުންނާނޭ ކަމަކަށް ނޫނެވެ. ލޯންޗުގައި މީހަކު ފެންނަން ނެތުމަކީވެސް ޔަލްވީއަށް ހަމަޖެހުމެއް ލިބުނު ކަމެކެވެ. މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް، ނިމާލާއިއެކު ލޯންޗު ދުއްވުމުގައި ބައިވެރިވެފައިވާތީ، ކަންތައް ކުރަންވީގޮތް ޔަލްވީއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ.
ފެނުނު މަންޒަރުން ނަފީސާގެ ހަރަކާތް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު، ދެލޮލުން ފެންނަމުންދިޔައީ ސިހުމެވެ. ޔަލްވީ އެފަދަ ކަމެއް ކޮށްފާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ނަފީސާ ދުވެފައި ވާޓަރާއި ހަމައަށް ދިޔައިރު، ލޯންޗް ފަޅުން ނުކުމެގެން ގޮސް ލޮލުގެ ކޮޅަށް އޮބާލައިފިއެވެ. އެހުރިހާ ކަމެއް ދިމާވުމުން، ނަފީސާއަށް ކުށްވެރިކުރެވުނީ ނިމާލެވެ. ޔަލްވީއަށް ލޯންޗު ދުއްވަން ދަސްވީ ނިމާލުގެ ސަބަބުން ކަމުގައި ވީތީއެވެ.
ލޯންޗު ދުއްވާލީ ރަޔާން ދަގަނޑު ނަގަން ގުދުވި ވަގުތުއެވެ. ރަޔާން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ފައި ކައްސާލައިގެން ވަތުތެރެއަށް ވެއްޓުނެވެ. ދަގަނޑުގައި ބޯ ޖެހުނުލެއް ބާރުކަމުން، ރަޔާންގެ މޫނުމައްޗަށް އަނދިރިވިއެވެ. ހަބަރު ހުސްވެގެން ރަޔާންގެ ދެލޯ މެރެން ނެގީ މަދު ސިކުންތު ކޮޅެކެވެ.
ކަނޑުން އަންނަމުންދިޔަ ފިނި ވައިރޯޅިތައް ޔަލްވީގެ ގައިގައި ބީހެން ފެށިއެވެ. ފަން އިސްތަށިގަނޑު ނުކިޔަމަންތެރިވެ، މޫނަށް ގޯނާކުރަނީއެވެ. ޔަލްވީއަށް ކުރެވުނީ ބަންދުކޮށްފައިވާ ކޮށްޓަކުން މިނިވަންވިކަމުގެ އިހުސާސެވެ. މައިންބަފައިގެން ނުފޫޒެއް ދެން އޭނާއަކަށް ނުފޯރާނެއެވެ. އެހުރިހާ އިހުސާސަކާއިއެކު، ޔަލްވީ އައިސްފައިވާ ރުޅި ފިނިވިގޮތްވެސް ނޭނގުނެވެ. ހިނިތުންވެލަމުން، ލޯންޗްގެ ސްޕީޑް އިތުރަށް ބާރުކޮށްލިއެވެ.
އުޑުމަތި ބަނަކުރަމުންދިޔަ ކަޅުވިލާތައް އިސާހިތަކު، އިރުގެ ދޯދިތަކަށް ހުރަސްއެޅިއެވެ. ދުނިޔެމަތި އަނދިރިވާން ގިނައިރެއް ނުނެގިއެވެ. ވައި ގަދަވެ، ކަނޑުގެ ރާޅުތައް ބިޔަވިއެވެ. އަންނަން އުޅޭ ތޫފާނަކަށް އިންޒާރެއް ދޭ ފަދައިންނެވެ. ރާޅުތަކުގެ ހަމަލާ ލޯންޗަށް އަމާޒު ކުރަމުން ދިޔައީ ކާނާއަކަށް ދަހިވެތިވެފައިވާ ފަދައިންނެވެ. ވިލާގަނޑުގެ ވައި ބާރުކޮށްލާ ގުގުރާ ވިދަންފެށިއެވެ.
ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ދެވޭ ނުދެވޭއެއް ނޭނގި އިރުކޮޅެއް ފާއިތުވެ ދިޔުމުން ޔަލްވީ ހާސްވާން ފެށިއެވެ. ބިރުން މުޅި މީހާ ތުރުތުރުލަމުން ދިޔައިރު މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ. ދެންމެ ދެންމެ ލާންޗް ބަންޑުން ޖަހާލަފާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ރާޅުތައް ލޯންޗްގެ ތެރެއަށް އަރައިގެން އަންނަ ކޮންމެ ފަހަރަކު ޔަލްވީ ބިރުން ރޯން ފަށައެވެ.
ޔަލްވީއަށް ކުރެވުނު މޮޔަ ކަންތައް އިހުސާސްވީ ދެނެވެ. އެވަގުތުކޮޅުވެސް ދުލުން ހެޔޮ އެއްޗެއް ކިޔައި، ހެއްދެވި ފަރާތުގެ މަދަދަށް އެދެން ޔަލްވީއަކަށް ހަނދާނެއް ނުވިއެވެ. އެފަދަ ވަގުތެއްގައިވެސް ޔަލްވީއަށް ހަމައެކަނި ވިސްނާލެވުނީ މިފަނާވަނިވި ދުނިޔެއާއި މެދުގައެވެ. ދެން ސަލާމަތް ނުވާނޭ ކަން އެނގުމުން ޔަލްވީއަށް ހިންދިރުވާލެވުނެވެ. ޔަލްވީ އޭނާގެ ދެލޯ މަރާ ބާރުކޮށްލީ ފަހުވަގުތުކޮޅު އައީހެން ހީވުމުންނެވެ.
********
ނަފީސާއަށް ހަމަހޭވެރިކަންވުމާއިއެކު، ދެފަޔަށް ލެވުނުހާ ބާރެއްލައިފައި އެއްގަމާއި ދިމާއަށް ދުއްވައިގަތެވެ. އޭރުވެސް ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅު އެކަނިމާއެކަނި މާސިންގާ ބޮޑު ކަނޑެއްގެ ތެރެއަށް ދޫކޮށްލައިގެން ބަލަން ހުރުމަށް ނަފީސާގެ މައިލަގޮނޑިއަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟ ނަފީސާ ދުވެފައި ގޮސް ސައިކަލެއްގައި އިން ޒުވާނެއްގެ ކައިރިއަށް ހުއްޓުނެވެ.
"އަހަނ ދައްތާ! ކިހިނެއްވީ؟" ސައިކަލުގައި އިން ޒުވާނާ ސުވާލުކުރިއެވެ.
"ދައްތަގެ ދަރިފުޅު. ދައްތަގެ ދަރި...ފު..ޅު....ސަލާމަތް" ރޮވޭވަރުން ނަފީސާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.
ބަނދަރާއި ދިމާއަށް އަތުން އިޝާރާތް ކުރަމުން އަތުގެ ނުފުށުން ކަރުނަތައް ފޮހެމުންދިޔަ ނަފީސާގެ ހާލު ބޮޑެވެ. ރަނގަޅަށް ނޭވާ ނުލެވޭއިރު، މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. ކޮޅަށް ނުހުރެވިގެން ނަފީސާއަށް ތިރިވެވުނެވެ.
"ދައްތާ! ކުއްޖަކު މޫދަށް ވެއްޓުނީތަ؟ އެބަ އަންނަން ބަލާލާފަ" ޒުވާނާ ކަންބޮޑުވެފައި، ސައިކަލުން ފައިބަން އުޅުނެވެ.
"ދައްތަ ކައުންސިލް އިދާރާއަށް ގެންގޮސްދީ!" ނަފީސާއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
********
ކައުންސިލްގެ ޓީމާއިއެކު ބޭއްވުނު ޖަލްސާ ނިންމާލުމަށްފަހު، ނިމާލު ބޭރަށް ނުކުތެވެ.
"ނަފީ....ކި...ހި" ކައުންސިލް އިދާރާގެ ތެރެއަށް ދުވެފައި ކަހަލަގޮތަކަށް ވަތް ނަފީސާގެ ފެނި ނިމާލުގެ މޫނުން ފެނުނީ ހާސްކަމެވެ.
ރޮއެ ރޮއެ ނަފީސާގެ ދެލޯ ވަނީ ރަތްވެފައެވެ. ނިމާލަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ނިމާލު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ނަފީސާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ނަފީސާގެ ރުއިމުގެ އަޑު އިތުރަށް ބާރުވިއެވެ. ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ވާނުވާ ނޭނގިފައި ބަލަން ތިއްބެވެ.
މީހުންގެ ނަޒަރުން ސަލާމަތްވުމަށް ނިމާލު ނަފީސާ ގޮވައިގެން ވަނީ ކޮންފަރެންސް ހޯލުގެ ތެރެއަށެވެ. ނަފީސާ ހަމައަކަށް އެޅުވޭތޯ ނިމާލު މަސައްކަތް ކުރަމުންދިޔައެވެ. ނަފީސާއަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އަރު ބެދިފައިވުމުން، އަޑު ބޭރުކުރަން އުނދަގޫވަނީއެވެ. ނިމާލު މޭޒުގެ މަތީގައި ހުރި ފެންފުޅިން ތައްޓަށް ފެންފޮދެއް އަޅައި ނަފީސާގެ އަތަށް ލައިދިނެވެ.
އެއްނޭވާއިން ފެންތަށި ބޮއެ ހުސްކޮށްލުމުން، ނަފީސާ ކުޑަކޮށް ހަމައަކަށް އެޅުނެވެ. ވެގެން އުޅޭގޮތް ނަފީސާއަށް ކިޔައިދެވުނީ އެތައް ހިތްވަރަކުންނެވެ. ދަރިފުޅު ސަލާމަތުން އެނބުރި އަންނާނެބާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު ނަފީސާގެ ދެލޯ ފުރި ބަންޑުންވެއެވެ. އަމިއްލަ ދަރިފުޅަށް ދެވުނު ތަރުބިއްޔަތުގައި އެއްވެސް އަގެއް ނެތްކަން މިއަދު އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ.
ނަފީސާގެ ވާހަކަތަކުން ލިބުނު ޝޮކުގައި ކުޑަވަގުތުކޮޅަކަށް އެއްޗެއް ނުބުނެވިފައި ނިމާލު އިނެވެ. ޔަލްވީގެ ނަންބަރަށް ގުޅި ނަމަވެސް ފޯނު އޮތީ ނިވާލާފައެވެ. ތަކުކާރުކޮށް ގުޅުމުންވެސް ލިބެމުން ދިޔައީ ހަމަ އެއް ޖަވާބެކެވެ.
*********
ގެއަށް އައިސް ވަންތަނާ ލިބުނު ހަބަރަކުން އަފްސަމްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ރަޔާން ނައިސްގެން ދަނޑުކައިރީގައި އެތައް އިރަކު ހުރެފައި އޭނާ ގެއަށް ދިއައީ އެފަދަ ހަބަރެއް ލިބޭނެ ކަމަކަށް ނޫނެވެ. އަފްސަމް ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ރަޔާންގެ ނަންބަރަށް ދެތިން ފަހަރަކު ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ. އަފްސަމް ބަނދަރަށް ދިޔައީ ލޯންޗް އޮތްތޯ ޔަގީންކުރުމަށެވެ.
"ޝިޓް.." ބަނދަރު ފެންނަ ހިސާބަށް ނުކުމެވުމާއިއެކު، އަފްސަމަށް ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސާލެވުނެވެ.
ކަންތައްވީ އަފްސަމް ހީކުރި ގޮތަށެވެ. ފަޅުތެރޭގައި ލޯންޗެއް ނެތެވެ. ޔަލްވީ ފިލައިގެން ދިޔުމަށް ރަޔާން އެހީތެރިވެދިނީ ހެއްޔެވެ؟ އެހެން ވެއްޖެއްނަމަ ރަޔާންގެ ވަޒީފާ ގެއްލޭނެއެވެ. ވިސްނި ވަރަކަށް އަފްސަމްގެ ހާސްކަން އިތުރުވިއެވެ. ރަޔާން އަކީ އެފަދަ މީހަކަށް ނުވާނެއެވެ.
********
"ވައިވެސް ވަރަށް ބާރު. ވިއްސާރަ ވިލާތައް އެޔޮތީ ބޯމަތީ.. ކެތްތެރިވެލައްވާ. އަޅުގަނޑުމެންގެ އެހީތެރިކަން މިކަމުގަ ވަރަށް ފުރިހަމައަށް ލިބޭނެ. މި ގަދަ ވިއްސާރައިގަވެސް އަޅުގަނޑުމެންގެ ޓީމްތައް މިހާރު ވީ ތިން ލޯންޗެއްގަ އެކި ދިމަދިމާއަށް ނައްޓާލާފަ" ފުލުހުންގެ އިންޗާޖު މުނީރު ވާހަކަ ދެއްކީ، ހާސްވެގެން އިސްޖެހިފައި އިން ނިމާލަށެވެ.
ނިމާލު އެއްޗެއް ނުބުނެ އިސްޖެހިފައި އިނީއެވެ. ޔަލްވީއަކީ ކުރަން ބޭނުންވާ ކަމެއް ކޮށްލާ ކުއްޖެކެވެ. ފަހުން ވާނެ ގޮތަކަށް ކުޑަކޮށްވެސް ވިސްނާ ކުއްޖެއް ނޫނެވެ. ނަފީސާ ބުނިހެން ޔަލްވީއަށް ލޯންޗު ދުއްވަން ދަސްކޮށްދެވުނީތީ ނިމާލު އަމިއްލަ ނަފުސު ކުށްވެރި ކުރިއެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރާނަން" ނިމާލުގެ ކޮނޑުގައި އަތްބާއްވާލަމުން މުނީރު ބުނެލިއެވެ.
********
ލޮނުފެނުގެ އަސަރު ހަށިގަނޑަށް ކުރުމުން ރަޔާން އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ގަދަޔަށް ރިއްސައެވެ. އޮވެވުނީ ކޮން ތަނަކުކަންވެސް ރަޔާންއަށް އެނގުނީ ކުޑައިރުކޮޅެއް ފަހުންނެވެ. އޭރު ވަތުގެ ތެރޭގައި އޮތީ ފެންބޮޑުވެފައެވެ. ބޮލުގައި އަތުން ހިފަހައްޓަމުން ތެދުވެވޭތޯ ރަޔާން މަސައްކަތްކުރިއެވެ. ނަމަވެސް ލޯންޗް ދެކޮޅަށް ހަލުވާތީ އެކަންވީ ރަޔާން އަށް ކުރަން އުނދަގޫވި ކަމަކަށެވެ.
ވަތުގެ ތެރެއިން އެރި ވަގުތު ފެނުނު މަންޒަރުން ރަޔާންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ކުރިމަތިން ފެންނަން އޮތީ މަލަމަތި ފެހި ރަށެކެވެ. ޖަންގަލި ބޯ އެ ރަށުގެ ވަށައިގެން ލެވިފައިވާ ގުދުރަތީ ރީތި ފަސްގަނޑު ބޮޑެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅި އާއި އެއްވަރަށް ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ރަޔާން ހުރީ ހީކަރުވައިގަނެގެން ތުރުތުރުލާ ވަރުވެފައެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް ރަޔާން ވިސްނަމުންދިޔައީ އެތަނަށް އާދެވުނު ގޮތަކާއި މެދުގައެވެ. އަނެއްކާ އަފްސަމް އޭނާއަށް ލަނޑެއް ދިނީ ހެއްޔެވެ؟
ހުންގާނު މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާ، ރަޔާންގެ ލޮލުގައި އަޅައިގަތީ އަނެއް ފަރާތަށް އެނބުރު ވަގުތުއެވެ. ތެމިފައިވާ އިސްތަށިގަނޑު އޮތީ އެކުއްޖާގެ މޫނުގައި ތަތްލާފައެވެ. ރަޔާންއަށް ކޮންމެވެސް ވަރަކަށް ވީގޮތް އެނގުނެވެ. ލޯންޗު ދުއްވީ އެކުއްޖާކަން އެނގުމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުންގާނާއި ދިމާއަށް ދިޔައެވެ.
ޖެހި ރާޅަކާއިއެކު ލޯންޗު ހަލުވައިލިއެވެ. ރަޔާންއަށް ގޮނޑީގައި ހިފެހެއްޓުނީ ކިރިޔާއެވެ. ހުންގާނުމަތީގައި އޮތް އަންހެންކުއްޖާ އަރިއަކަށްވާހެން ވެއްޓެން ދިޔައެވެ. އެކުއްޖާގެ ހަރަކާތް ހުއްޓިފައި އޮތުމުން، ރަޔާންގެ ހިތް ބިރުގަތެވެ. ރަޔާންއަށް އެކުއްޖާ ވެއްޓުނަނުދީ ހިފަހައްޓާލެވުނީ ކިރިޔާއެވެ.
އޮއެވަރު ހުރިގޮތުން ރަޔާން ފުރަތަމަ އިސްކަމެއްދިނީ ކުރިމަތިން ފެންނަން އޮތް ރަށުގެ ފަޅުތެރެއަށް ލޯންޗް ވެއްދުމަށެވެ. އަންހެން ކުއްޖާ ޝީޓުގައި ރީތިކޮށް ބާއްވާލުމަށްފަހު، ރަށުގެ ފަޅުތެރެއަށް ލޯންޗް ވެއްދުމަށް ރަޔާން އަވަސްވެގަތެވެ. ފަޅަކީ ފުދޭވަރަކަށް ތިލަ ފަޅަކަށްވާތީ، ރަޔާން ހުރީ އެކަމަށް ވަރަށް ސަމާލުވެގެންނެވެ.
ރަށުގެ ފަސްގަނޑުގައި ލޯންޗް ބީއްސާލުމަށްފަހު، ރަޔާން ބަލައިލީ ކައިރީގައި އޮތް އަންހެންކުއްޖާގެ މޫނަށެވެ. ތެމިފައިވާ އިސްތަށިގަނޑުން އެކުއްޖާގެ މޫނު ވަނީ ނިވާވެފައެވެ. އެކުއްޖާ ލައިގެން އޮތް އަންނައުނު އެކީހެން ތެމިފައިވާއިރު، ކުރު ޓޮޕްކޮޅު އޮތީ ކުޑަކޮށް ހިއްލިފައެވެ. ތެމިފައިވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ރީތިކޮށް ފާޅުވާން ހުއްޓެވެ. ރަޔާން މަޑުމަޑުން ތިރިވެ، އަންހެންކުއްޖާގެ މޫނާއި ދިމާއަށް އަތް ގެންދިޔައެވެ. ދެފިކުރެއްގައި އިނދެގެންނެވެ. ތުރުތުރުލަމުންދިޔަ އިނގިލިތަކުން އެކުއްޖާގެ މޫނުގައިވި އިސްތަށިކޮޅުތައް ނަގާ އެއްފަރާތްކޮށްލިއެވެ. ކަޝްފުވެގެންދިޔައީ ރަޔާންއަށް އައު މޫނެއް ނޫނެވެ. ރަޔާންއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ބިރެއް ފެނުމުން ތެދުވާހެންނެވެ.
(ނުނިމޭ)