ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ފުލުހުންނާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ވެސް ފެނުނު ކަމަށާއި އަތުލައިގެން އެންމެން ޑީޕޯޓުކޮށްލާނެ ކަމަށް އިމިގްރޭޝަންސްގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް މާރުކޭޓާއި މާލޭ ތެރޭގައި ހިންގާ މާރުކޭޓުތައް އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި އެ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ 50 ބިދޭސީއަކު އަތުލައިގަތެވެ.

އެ ކަމާ ގުޅިގެން އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޝައްމާން ވިދާޅުވީ، އިއްޔެ އަތުލައިގެން ބިދޭސީންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރިކުރާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އުސޫލުގެ ތެރެއިން އެ މީހުން ރާއްޖެއިން ޑީޕޯޓުކޮށްލާނެ ކަމަށެވެ.

"ގަވާއިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވީހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަން،" ޝައްމާން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިއްޔެ ހިންގި ޖޮއިންޓް އޮޕަރޭޝަން ހިންގާފައިވަނީ ލޯކަލް މާރުކޭޓު ސަރަހައްދާއި މާލޭ ތެރޭގައި ހިންގާ މާރުކޭޓުތަކުގެ އިތުރުން މާލޭ އެކިއެކި ސަރަހައްދުތަކުގައެވެ.

އެ އޮޕަރޭޝަންގައި އިއްޔެ ވަނީ 50 ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުުން ވަނީ ރޭގެ ވަގުތެއްގައި މަޖީދީމަގުގައި ހުންނަ "ހާފް ޕުރައިސް" ތަރުކާރީ ފިހާރަ ވެސް ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ އިސްނެގުމަކަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި، މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.