30 Jun 2024, 12:03
ތެހެރާން (30 ޖޫން 2024): އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ 50 އިންސައްތަ ލިބިފައިނުވާތީ ދެވަނަ ބުރަކަށްދާން ނިންމައިފިއެވެ.
އީރާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީން ބުނީ ދެވަނަ ބުރަށް ގޮސްފައިވަނީ ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ކަމުގައެވެ. އެއީ، އިސްލާހީ ފިކުރުގެ ކެންޑިޑޭޓް ޑރ. މަސްއޫދު ބަޒްކިޝްޔާނާއި ކުރީގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ އަދި އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އެޖެންސީގެ ކުރީގެ ވެރިޔާ ޑރ. ސައީދު ޖަލީލީއެވެ. ޖަލީލީއަކީ ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެކެވެ.
މީގެ ތެރެއިން މަސްއޫދަށް ލިބިފައިވަނީ 42 އިންސައްތަ ވޯޓެވެ. ޖަލީލީއަށް ލިބިފައިވަނީ 39 އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިޔަ ދެ ކެންޑިޑޭޓުންނަކީ އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލިބާވްއާއި ކުރީގެ ވަޒީރެއް ކަމަށްވާ މުސްތަފާ މުހައްމަދީއެވެ.

އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުން: [ކަނާތުން ވާތަށް] ބާގިރު، ޖަލީލީ މަސްއޫދު އަދި މުސްތަފާ
މީގެ ތެރެއިން ބާގިރަށް ލިބިފައިވަނީ 14 އިންސައްތަ ވޯޓެވެ. މުސްތަފާއަށް ލިބިފައިވަނީ އެކެއް އިންސައްތަ ވޯޓެވެ. މި އިންތިޚާބުގައި ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 41 އިންސައްތަ މީހުންނެވެ. އީރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އިއްޔެ ނިމިފައިވާއިރު އެ ބުރުގައި ވޯޓުލުމަށް އީރާނުގެ އެތެރެއާއި ބޭރު ގައުމުތަކުގައި 60،000 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
އީރާނުގެ ރިޔާސީ އިންތިޚާބެއް ބޭއްވީ އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ ރިޔާސީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި މިދިޔަ މޭމަހުގެ 30 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގައި ހަ ކެންޑިޑޭޓުން ހިމެނުނު ނަމަވެސް ދެ ކެންޑިޑޭޓަކު ވަނީ އެންމެ ފަހު ވަގުތު ނަން އަނބުރައި ގެންދަވާފައެވެ. ރިޕޯޓްތައް ބުނާގޮތުން އެއީ ކޮންޒަވެޓިވް ފިކުރުގެ ކެންޑިޑޭޓް ސައީދު ޖަލީލީއަށް އިންތިޚާބު ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
ނަން އަނބުރައި ގެންދިޔަ ދެ ކެންޑިޑޭޓުންނަކީ ވެސް ކޮންޒަވެޓިވް ފިކުރުގެ ދެ ކެންޑިޑޭޓުންނެވެ. އެއީ، އަލީ ރިޒާ ޒަކާނީއާއި އަމީރު ހުސައިން ގާޒީއެވެ.