މިސްކިތްތަކަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ޓީވީ ޗެނެލްތަކާއި ރޭޑިއޯ ޗެނެލްތަކާއި އޮންލައިން ނޫސްތައް ގުޅިގެން ހިންގާ ހާއްސަ ޓެލެތޯން ޕްރޮގްރާމެއް މިއަދު ފައްޓައިފި އެވެ.

މީޑީއާތަކުގެ އިސް ފަރާތްތަކާ އެކު މިއަދު އިސްލާމީ މަރުކަޒުގެ ގޯތީގައި ފަންޑު ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓަރު އައްޝައިހު މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތު ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރައްވާނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އެ ފަންޑުން ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމާއި މަރާމާތުކުރަން ހޭދަކުރައްވާނެ ކަމަށާއި އެ ފައިސާ އަށް ހިޔާނާތް ނުވާނެ ކަމު ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކަށް އެހީވުމުގެ ފަންޑެއް ހުޅުވައި މީޑިޔާގެ އެހީތެރިކަމާ އެކު ކެމްޕެއިން ކުރިއަށް ގެންދަން ނިންމީ ރޯދަމަސް އައުމުގެ ކުރިން މިސްކިތްތަކުގެ މަރާމާތަށާއި ބޭނުންވާ ބައެއް ސާމާނު ގަތުމަށް ފައިސާ ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތު ފަންޑަށް ކުރިން ލިބިފައިވާ ފައިސާ އިން 17 މިސްކިތެއް މަރާމާތު ކުރުމަށް ނިންމާފައިވާ ކަމަށާއި 31 ރަށެއްގެ 31 މިސްކިތެއްް މަރާމާތު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. ޝަހީމު ވިދާޅުވީ ފަންޑުގެ އެހީ އަށް އެދޭ އިރު މާލިއްޔަތު ގާނޫނުގައި ބުނާ ގޮތަށް އެސްޓިމޭޓް ފުރިހަމަކޮށްގެން އެހީ އަށް އެދުމުން މަސައްކަތް އަވަސް ކުރުމަށް މަގުފަހިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގަބުރު ފެނިގެން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 25 މިސްކިތެއް ބަންދުކޮށްފައިވާ ކަމަށާއި ލިބޭ ފައިސާ އިން އަލަށް މިސްކިތްތައް ބިނާކުރަން ވެސް ހަރަދު ކުރާނެ ކަމަށެވެ.

"ބައެއް ރަށްރަށުގެ މިސްކިތައް ވަނީ މުޅިން މަރާމާތުކުރަން ޖެހިފައި. އަޅުގަނޑުމެންނަކަށް ނެތް ފަހަތަށް ފިޔަވަޅެއް އެޅޭކަށް. އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ހަޒުރަތުން ވާގިއެދިގެން ރައްޔިތުންނަށް މި ވާހަކަތައް ކިޔައިދިނުން. މިފަދަ ކަމެއް ކުރާ އިރު މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން އެއީ ތާރީހުގައި ފާހަގަކޮށްލަން ޖެހޭވަރުގެ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އއ. މަތިވެރީ މިސްކިތަށް ފެންޑާއެއް އިތުރު ކުރަން އެ ރަށުގެ ރައްޔިތުން ބޭނުން ވެގެން އުޅޭ ކަން އެނގުމާއި ގުޅިގެން މާލޭގެ އާއިލާއެއްގެ ފަރާތުން 50000ރ. މިއަދު އިސްލާމިކު މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމަށާއި މިސްކިތްތަކުގެ ފަންޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފައިސާ ހަދިޔާ ކުރަމުން އަންނަ ކަމަށެވެ.

މިސްކިތްތަކަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ޓީވީ ޗެނެލްތަކާއި ރޭޑިއޯ ޗެނެލްތަކާއި އޮންލައިން ނޫސްތައް ގުޅިގެން ހިންގާ ހާއްސަ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މިސްކިތްތަކުގެ ފަންޑަށް މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.