30 Jun 2024, 08:56
ހޮވި ފުޅިތަކެއްގައި ހުރި އެއްޗެއް ބޮއެގެން މަހަށް ނުކުމެ އުޅުނު އަވައްޓެރި ސްރީލަންކާގެ ހަތަރު މީހުން މަރުވެއްޖެއެވެ.
މަސްވެރިންނަށް އެ ފުޅިތައް ފެނުނީ ލަންކާގެ ދެކުނުން 320 ނޯޓިކަލް މޭލު ބޭރުންނެވެ.
މި ހާދިސާގައި ހަތަރު މީހުން މަރުވިއިރު، އިތުރު ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ލަންކާ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އެ ފުޅިތަކުގައި ހުރި އެއްޗެހި އެ މީހުން ބުއީ ބަނގުރާ ކަމަށް ހީކޮށް ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުނެއެވެ. އަދި، ހޮވި ބައެއް ފުޅިތައް ވަނީ ކައިރީގައި އުޅުނު އެހެން އުޅަނދުތަކުގައި ތިބި މީހުންނަށް ވެސް ދީފައެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކްވަޓިކް ރިސޯސަސްގެ ޑިރެކްޓަރު ޖެނެރަލް ސުސަންތާ ކަހަވައްޓޭ މީޑިއާތަކަށް ވިދާޅުވެފައިވަނީ މަރުވި މީހުންނާއި ހާލު ބޮޑުވި މީހުން އަނބުރާ ގެނައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަލިވި މަސްވެރިން އަނބުރާ ގެނައުން ލަސްވާތީ ވެރިރަށް ކޮލޮމްބޯ ކައިރީގައި އޮންނަ މަސްވެރިންގެ އަވަށެއްގައި އިއްޔެ މުޒާހަރާކޮށްފައިވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެފައިވެއެވެ.
ލަންކާ ސިފައިން ގެންދަނީ ފުޅިތައް ހޮވި މީހުންނާއި އެ ފުޅިތައް ބެހި، އަދި އެ ބުއި އެހެން މަސްވެރިން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފުޅިތަކުގައި ހުރީ ކޯޗެއްތޯ ދެނެގަތުމުގެ މަސައްކަތް ވެސް ސިފައިން އަންނަނީ ކުރަމުންނެވެ.