30 Jun 2024, 09:36
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލޭއޮހުރުވުން ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވެއްޖެއެވެ.
ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްދާން ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ ވެސް ޕޮޒިޓިވްކޮށް މުއާމަލާތް ކުރަން ހަމާސްއިން އަދިވެސް ތައްޔާރަށް އޮތް ކަމަށެވެ.
އެމެރިކާގެ ތާއީދާ އެކު މިސްރާ ގަތަރު މެދުވެރިވެގެން ފެށި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކާމިޔާބުވެފައިނުވާއިރު، ކޮންމެ އެއްބަސްވުމެއްގައި ވެސް ހަނގުރާމަ ހުއްޓައިލަން ބުނާ ހިސާބުން ހަމާސް ނައްތައިނުލެވެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އިސްރާއީލުން ބުނެއެވެ.
މީގެ ކުރިން 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގެ ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތް ނައްތައިނުލެވެނީސް ކުރާނެ ހަމައެކަނި ކަމަކީ ހަނގުރާމަ މެދުކަނޑައިލުން ކަމަށް އިސްރާއީލުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.
ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުން ކަނޑައަޅައި ޝަރުތުތައް ގަބޫލުކުރުމަށް އެމެރިކާއިން ހަމާސްއަށް ޕްރެޝަރު ކުރަމުންދާތީ، ހަމްދާން ވަނީ އެކަން ކުށްވެރި ކުރައްވައިފައެވެ.
އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެންމެ ފަހުން ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގެ އަލް ޝުޖައިއްޔާ ސަރަހައްދަށެވެ. އެ ސަހަހައްދުގައި ފެށި ގަތުލުގެ އާންމުގެ ސަބަބުން 600،000 މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް އދ.އިން ބުނެއެވެ.
ހަމާސްއާއި އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޖަމާއްތަކުގެ ހަނގުރާމަވެރިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންނާ ދެކޮޅަށް އެންޓި ޓޭންކް ރޮކެޓާއި ބޮން ބޭނުންކޮށްފައެވެ.
އިސްރާއީލުން ޣައްޒާގައި އެއްގަމާއި ވައިގެ މަގުން ހިންގާ ހަނގުރާމައަށް އަށް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ މަސްތަކެއް ކުރިން އިސްރާއީލަށް ކޮންޓްރޯލު ލިބިފައިވާ ކަމަށް އެ މީހުން ބުނި ސަރަހައްދުތަކުގައި ހަމާސްގެ ހަނގުރާމަވެރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ހަނގުރާމައިގެ މިހާތަނަށް 37،834 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 86،858 އަށް އަރައިފައެވެ.