30 Jun 2024, 07:58
ސްޓްރީމިންގް ޕްލެޓްފޯމް އެމޭޒަން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރަން ތައްޔާރުވަމުން އަންނަ ކްރައިމް ވެބް ސީރީޒަކަށް އެކްޓަރު ވިޖޭ އަދި ޓެލެވިޒަން ބަތަލާ ކްރިތިކާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
"މަޓްކާ ކިންގް"ގެ ނަމުގައި އުފައްދާ މި ވެބް ސީރީޒަކީ 1960ގެ އަހަރުތަކުން ފެށިގެން 1990އިގެ އަހަރުތަކާ ހަމައަށް އިންޑިއާގައި ފެތުރިގެންދިޔަ ހަޤީޤީ ދިރިއުޅުމުގެ މަޓްކާ ޖުވާ ކުޅުމުގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒެކެވެ. ވިޖޭއާ އެކު ކްރިތީ ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މި ސީރީޒްގެ ޑައިރެކްޓަރަކީ، ނަގްރާމް މަންޖުލޭއެވެ.
މިހާތަނަށް ވެސް ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ ގިނަ އުފެއްދުންތަކުން ފެނިފައިވާ ވިޖޭ ވަރުމާއަކީ ސީރީޒްތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރެކެވެ.

ބަތަލާ ކްރިތިކާ ވެބް ސީރީސް "ތަންޑަވް"ގެ މަންޒަރެއްގައި--ފޮޓޯ/ފޭސްބުކް
ވިޖޭ ފަދަ ތަޖުރިބާހުރި އެކްޓަރަކާ އެކު "މަޓްކާ ކިންގް"ގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އުފާވެރިކަމެއް ލިބުނު ކަމެއް ގޮތުގައި ޓީވީ ބަތަލާ ކްރިތިކާ ވަނީ ސިފަކޮށްފައެވެ. މަޝްހޫރު ޓީވީ ސީރީޒް "ކުޗް ތޯ ލޯގް ކަހޭންގޭ"ގެ ބަތަލާ ވަނީ ޓެލެވިޒަން ސީރީސްތަކުން ލިބުނު މަގުބޫލުކަމާ އެކު ފަހުން ވަރަށް ގިނަ ވެބް ސީރީޒްތަކުން ފެނިފައެވެ.
އޭގެ ތެރޭގައި އެމޭޒަން ޕްރައިމްއިން ގެނެސްދިން "ތަންޑަވް"، "ހަޝް ހަޝް" އަދި "ބަމްބައި މެރީ ޖާން" ހިމެނެއެވެ. ފިލްމު "ބީޅް"ގެ މުހިއްމު ރޯލަކުން ފެނުނު ބަތަލާ މިހާރު ވެސް އަންނަނީ ފެންޓަސީ ތުރިލަ ވެބް ސީރީޒެއްގައި މަސައްކަތް ކުރަމުންނެވެ.
ވެބް ސީރީޒް "މަޓްކާ ކިންގް"ގެ ޕްރޮޑަކްޝަން މަސައްކަތް ފެށިފައިވާއިރު މި ސީރީޒް ސްޓްރީމްކުރަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.