29 Jun 2024, 23:24
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ޖެހިޖެހިގެން ދެވަނަ އަހަރު ސްވިޒަލެންޑު ދަތުރުކޮށްފިއެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗު ސްވިޒަލެންޑު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިޓަލީގެ ފަރާތުން ފެނިފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. މުޅި މެޗު ކޮންޓްރޯލުކޮށްގެން މޮޅަށް ކުޅުނީ ސްވިޒަލެންޑުންނެވެ.
މެޗުގައި ސްވިޒަލެންޑުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފް ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ރުބެން ވާގަސް ދިން ބޯޅައަކުން ކާމިޔާބުކޮށްފައިވަނީ ރެމޯ ފްރެއުލާ އެވެ. މި ލަނޑު ޖެހިއިރު އިޓަލީގެ ޑިފެންސްލައިން ފެނުނީ ވަރަށް ބަލިކަށިކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިޓަލީއަށް ލިބުނީ ވަރަށް މަދު ފުރުސަތުތަކެކެވެ. އެގޮތުން ފެޑެރީކޯ ޗިއޭސާ އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފަ ފޮނުވާލުމުން ދިފާއުކުރީ މެންޗެސްޓާ ސިޓީއަށް ކުޅޭ ސްވިޒަލެންޑް ޑިފެންޑަރު އަކަންޖީއެވެ. އެ ބޯޅަ އަކަންޖީ ކޯނަރަކަށް ބޭރުކޮށްލިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުން ސްވިޒަލެންޑު ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން އިޓަލީއަށް ހަމަނޭވާ ނުލެވެނީސް ސްވިޒަލެންޑުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. ކުއާޓާ ޔަގީންކުރި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީހެވެ.
އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްލުމަށްފަހު ރުބެން ވާގަސް ބޯޅަ އޮއްސާލީ ގޯލްގެ މަތީ ކަނަށެވެ.
ސްވިޒަލެންޑުގެ މި ދެ ލަނޑަށްފަހު ވެސް އިޓަލީ ފެނުނީ ބަލިކަށިކޮށެވެ. މުބާރާތުގެ ކުއާޓާއަށް ސްވިޒަލެންޑް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.