އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޖީއެމްއާރަށް އެވޯޑްކުރި މައްސަލައިގައި އެ ބިޑް އިވެލުއޭޓް ކުރި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއެކު ސަރުކާރުން ބައްދަލުކޮށް އެ މައްސަލައިގައި މަޝްވަރާކޮށްފި އެވެ.

އައިއެންއައިއޭ ޕްރައިވެޓައިޒް ކުރުމުގެ ހުރިހާ ކަމެއްވެސް ކުރީ އައިއެފްސީގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.
އިތުބާރު ހުރި ގޮތަކަށް ސަންއޮންލައިނަށް އެނގިފައިވާ ގޮތުގައި މަޝްވަރާތައް އޮތީ މިދިޔަ ހަފުތާގެތެރޭގަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ އައިއެފްސީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރާއި އެ ޕްރޮޖެކްޓްގެ އިވެލުއޭޝަންގައި ހަރަކާތްތެރިވި އައިއެފްސީގެ ޓެކްނިކަލް ޓީމުގެ އިސް ހަތަރު ބޭފުޅަކު ކަމަށެވެ.

"އެ މަޝްވަރާތަކުގައި ޖީއެމްއާރުގެ އިވެލުއޭޝަން ޕްރޮސެސްއާ ބެހޭ ގޮތުން ސަރުކާރުން ސާފުކުރަން ޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ވަނީ ސާފުކޮށްފައި، ގިނަ ކަންތައްތަކެއް ސާފުވި،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި އެ އޮފިޝަލް ވިދާޅުވި އެވެ. "އަދިވެސް އެހެން ކަންކަމާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ސަރުކާރުން ވަނީ ސާފުކޮށްފައި،"

އޭނާ ވިދާޅުވީ ސަރުކާރުގެ ސްޑޭންޑަކީ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި ކޮންސެޝަންފީން އުނިކުރި ފައިސާ ކޮންމެ ގޮތަކަށް ނަމަވެސް ޖީއެމްއާރުން ހޯދުން ކަމަށެވެ. ސަރުކާރުން އެހެން ބުނާ އިރު އޭސީސީން ވެސް ވަނީ އުނިކޮށްފައިވާ އަށް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޝަރީއަތް މެދުވެރިކޮށްގެން ވެސް ޖީއެމްއާރުގެ އަތުން އަތުލަން ސަރުކާރަށް އަންގާފަ އެވެ.

މީގެ ކުރިން ވެސް ވަނީ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަންމަނިކާ އެކު ޖީއެމްއާރުގެ އިސްވެރިން މަޝްވަރާތަކެއް ބޭއްވި އެވެ.

ވާހަކަ ދައްކައިގެން ޖީއެމްއާރުގެ މައްސަލަ ހައްލުކުރަން ސަރުކާރުންގެންދަނީ ކޮމެޓީއެއް އެކުލަވާލައި ޖީއެމްއާރާއެކު މަޝްވަރާ ކުރަމުންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރާއި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު ސައީދެވެ. އެ މަޝްވަރާތަކާ ގުޅޭ މައުލޫމާތު ހޯދަން ތަކުރާރުކޮށް ބަންޑާރަ ނައިބު އާޒިމާއަށް ގުޅުމުން ވެސް އެކަމަނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ޖީއެމްއާރާ އެއާޕޯޓް 25 އަހަރަށް 2009 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކޮށްފައި ވަނީ އެގްރިމެންޓްގައި ބުނާ ހަތަރު މަސްދުވަހުގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ. ސަންއޮލައިންނަށް ކަށަވަރުވެފައިވާ ގޮތުގައި ފުރަތަމަ ދައްކަން ޖެހޭ 78 މިލިއަން ޑޮލަރު ވެސް ދައްކާފައި ވަނީ ނަޝީދުގެ ސަރުކާރުން ޖީއެމްއާރުގައި އެދިގެން ވަރަށް ކުއްލި ގޮތަކަށް އެގްރިމެންޓްގައި ބުނާ މުއްދަތުގެ ހަތަރު މަސް ކުރިންނެވެ.