29 Jun 2024, 23:34
އިމިގްރޭޝަނާ ފުލުހުން ގުޅިގެން ގަވާއިދާ ޚިލާފަށް ބިދޭސީން ދެނެގަތުމަށް ހިންގާ އޮޕަރޭޝަންގައި 50 ބިދޭސީން އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ލޯކަލް މާރުކެޓް ސަރަހައްދާއި މާލެ ތެރޭގައި ހިންގާ މާރުކެޓްތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.
މިގޮތުން އެ ސަރަހައްދުތަކުން 50 ބިދޭސީން މިހާރު އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ފުލުހުުން ވަނީ މިރޭގެ ވަގުތެއްގައި މަޖީދީމަގުގައި ހުންނަ "ހާފް ޕުރައިސް" ތަރުކާރީ ފިހާރަ ވެސް ބަލާ ފާސްކޮށްފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ އިސްނެގުމަކަށް ކުރިއަށް ގެންދާ އޮޕަރޭޝަންއެއް ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
އަދި މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ބަންގްލަދޭޝް މަސައްކަތްތެރިން އެތެރެކުރާތީ، އެ ގައުމުން މަސައްކަތްތެރިން ގެނައުން ވެސް ވަނީ ހުއްޓާލާފައެވެ.