29 Jun 2024, 21:59
އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ މެނޭޖްމަންޓަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޝުކުރު އަދާ ކުރައްވައިފިއެވެ.
މި މަހުގެ 25އިން 27އަށް ޗައިނާގެ ބެއިޖިންގައި ކުރިޔަށްގެންދިޔަ ދުނިޔޭގެ 15ވަނަ އިކޮނޮމިކް ފޯރަމްގައި މިނިސްޓަރު ސައީދުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރުވަނީ ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް އިތުރަށް ފުޅާކުރަން ޗައިނާގެ ބޭންކުތަކާއެކު މަޝްވަރާ ވެސް ކުރައްވައިފައެވެ.
މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ހެޑް ކުއާޓާސްއަށް މިނިސްޓަރު ކުރެއްވި ޒިޔާރާތުގައި ވެދެއްވި އެހީތެރިކަމަށް ޓަކައި، އެ ބޭންކުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި ކަމުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އިއްތިފާގުވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރުމަށް ޗައިނާގެ ފަރާތުން ދޭ އަހަންމިއްޔަތުކަން ކަށަވަރުވެގެންދާ ކަމަށެވެ.
ޗައިނާގައި ކުރިޔަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގެ ތެރެއިން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާ ވެސް ކުރައްވައިފައެވެ.
އިކޮނޮމިކް މިނިސްޓަރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށް ޓަކައި، ރާއްޖެއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާ އެކު މިފަދަ ކަރަންސީ ސެޓްލްމެންޓް އެރޭންޖްމެންޓްތައް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން, ޗައިނާއާ ރާއްޖެއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމުގައި ކުރިއަށްދާނެގޮތްތައް، ޕީޕަލްސް ބޭންކް އޮފްޗައިނާ (ޕީބީސީ)އާއެކު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މިއީ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރިއާއި އިގުތިސާދާ ގުޅުންހުރި ކަންކަމުގައި އިތުރަށް މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލު ކުރެއްވުންތަކެކެވެ.
އިކޮނަމިކް މިނިސްޓަރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާ އެކު މިފަދަ ކަރަންސީ ސެޓްލްމެންޓް އެރޭންޖްމެންޓްތައް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމަށެވެ.