29 Jun 2024, 19:13
ރޯގާ ފެތުރޭތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ޒިޔާރާތް ނުކުރުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.
މިގޮތުން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ ހައްޖު ކުލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އެދޭކަމަށެވެ.
މީގެއިތުރުން އެ ހޮސްޕިޓަލުން ބުނީ ބަލި މީހުންނާއި މުވައްޒަފުން އަދި މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް ނިންމާފައިވާ ކަމަށެވެ.
ހަމަމިއާއެކު، ހޮސްޕިޓަލަށް ޒިޔާރަތްކުރާނަމަ، ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަމަށް ސަމާލުވެ މާސްކު އަޅައިގެން ޒިޔާރަތްކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދުދީފައެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކުލިނިކެއް މިދިޔަ ބުދަ ދުވަހު ހުޅުވާފައެވެ.
ހައްޖާޖީން ރާއްޖެ އަންނަ މި ދުވަސްވަރަކީ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ފެތުރެމުން އަންނަ އާންމު ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ހައްޖާޖީން އަންނަން ފެށިފަހުން ރާއްޖެއިން ވަނީ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ވެސް ފެނިފައެވެ.