ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މަގާމަށް އައްޔަން ކުރައްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރުމަށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރިޔާޒު އައްޔަން ކުރައްވާފައި ވަނީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ރައީސް އޮފީހުގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ސ. މަރަދޫ، އެށެވެލި، އިބްރާހިމް އިހުސާނެވެ.

އެ ދައުވާގައި ބުނަނީ ފުލުހުންގެ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ކަންކަން ދުވަހުން ދުވަހަށް ރާވައި ހިންގުމަށް ޓަކައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރައީސް އައްޔަންކުރާ މީހަކީ ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން މީހެއް ކަމަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ މަގާމަށް ރިޔާޒު އައްޔަން ކުރެއްވި އިރު އޭނާ ހުންނެވީ ފުލުހުންގެ ވަޒީފާގައި ނޫން ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ކޮމިޝަނާ އޮފް ޕޮލިސްގެ އެއްވެސް މަސައްކަތެއް ރިޔާޒަށް ނުކުރެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދޭކަމަށް ވެސް އެ ދައުވާގައިވެ އެވެ.