ޖަރުމަނުން ވަރަށް މޮޅަށް ކުޅެގެން ނޫނީ އޭނާގެ ޓީމުގެ
މައްޗަށް ގަދަވެ ނުގަނެވޭނެ ޑެންމާކްގެ ކޯޗު ކެސްޕާ ޔޫލްމަން ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔޫލްމަން ބުނީ ޖަރުމަނުގައި ހުނަރާއި، ކޮލިޓީވެސް އެބަހުރި ކަމަށާއި، ގްރޫޕް ސްޓޭޖުގައި ވެސް އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް ޑެންމާކް ޓީމަކީވެސް ހުނަރުވެރި ޓީމެއް ކަމަށާއި ޖަރުމަނަށް ކުޅެން އުނދަގޫވާނެ ކަމަށް އޭނާ ބުންޏެވެ. ޖަރުމަނަކީ މި ޔޫރޯގެ އެއް ފޭވަރިޓު ކަމަށާއި ކުރިއަށް އޮތް މެޗުގައި އެމީހުންނާ ވާދަކުރަން ޖެހުން ރަނގަޅުނޫން ނަމަވެސް، އެ ބޮޑު މެޗުގައި ޖަރުމަނަށް ފަސޭހަނުކުރާނެ ކަމަށްވެސް ޔޫލްމަން ބުންޏެވެ.

ޖަރުމަނާ ދެކޮޅަށް ކުރިއަށް އޮތް މެޗަކީ އަވޭ ގޭމްއެއްގެ ގޮތުގައި ސިފަ ވިޔަސް އޭނާގެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އެންމެ ރަނގަޅަށް އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ޑެންމާކްގެ ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަމަށް ކޯޗު ބުންޏެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ޑެންމާކްގެ ޑިފެންޑަރު ޔަނިކް ވެސްޓްގާޑް ބުނީ ޑެންމާކުން ދޫ ނުދޭނެ ކަމަށާއި، އެންމެ ރަނގަޅަށް ކުޅޭނެ ކަމަށެވެ. އަދި ޑެންމާކަށް މުބާރާތް ކާމިޔާބުކުރުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ނުކުރިނަމަވެސް އޭނާގެ ޓީމަށް އެކަމުގައި މާބޮޑު ފަރުވާލެއް ނެތް ކަމަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ޖަރުމަނާ ދެކޮޅަށް ޑެންމާކް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރުއެވެ.