29 Jun 2024, 15:24
"ޔޫ ލުކް ސްމާޓް އެންޑް ހޭންޑްސަމް" ލިމްޔާ ރަޔާންއަށް ތައުރީފުކޮށްލިއެވެ.
********
މަޑުފިޔާތޮށި ކުލައިގެ ޝޯލްއަކުން ބޮލާއި ކަނދުރާ ނިވާކޮށްލައިގެން ލިމްޔާ ހުރީ އެހެން ދުވަސްދުވަހަށްވުރެ ރީތިވެލައިގެންނެވެ. ރަޔާން ލިމްޔާއަށް ބަލައިލި ނަމަވެސް، ހިނިތުންވެލާފައި ނެރުން ވަދެގެން އައި ލޯންޗަށް ނަޒަރު ހުއްޓައިލިއެވެ. ލިމްޔާ ހިތުގައި ޖެހުނެވެ. އެހާ ރީތިވެގެން ހުރިއިރުވެސް ރަޔާންގެ ލޮލުގައި އޭނާ އަޅައެއްނުގަތެވެ. ހަގީގަތަކީ އެކުވެރިކަމަށްވުރެ ބޮޑަށް ލިމްޔާގެ ހިތުން ރަޔާންއަށް ޖާގައެއް ހުސްކުރެވިފައިވި ކަމެވެ. ދެމީހުންގެ އެކުވެރިކަން ނިމުމަކަށް އައިސްދާނެތީ އެވާހަކަ ރަޔާންއާއި ހިއްސާކުރަން ލިމްޔާ ބޭނުން ނުވަނީއެވެ. ދެމީހުން އެއް އޮފީހެއްގައި މަސައްކަތްކުރާއިރު، ރަޔާންއަކީ ލިމްޔާގެ ވެރިމީހާއެވެ.
ލާންޗް އައިސް ބަނދަރާއި ކައިރިކުރުމުން ރަޔާން ކުރިއަށްޖެހިލިއެވެ. ނިމާލްގެ ފަހަތުން ނުކުތް ޔަލްވީ ފެނިފައި ރަޔާންގެ ހިތުގެ ހިނގުން މަޑުޖެހުނެވެ. ހަމުގެ ކުލަ އަލިކަމުން، އިރުގެ ގަދަ އަވީގައި ޔަލްވީގެ މޫނުކޮޅު ވަނީ ދިއްލިލާފައެވެ. ވަޔާއިއެކު ޔަލްވީގެ ފަން އިސްތަށިގަނޑު ވިހުރިގަތުމުން، އިސްތަށިތައް މޫނަށް ގޯނާކުރި މަންޒަރުންވެސް ފިރިހެން ކުދިންގެ ހިތްތައް ކަތިލާވަރުވެއެވެ. އެއް އަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ޔަލްވީ ހިނގަމުން އައިއިރު، އަނެއް އަތުގައި އަތްދަބަހެއް އަޅުވާފައި އޮތެވެ. ރަޔާންއަށް އެނޫން ދިމާއެއް ނުބެލުނެވެ.
"ތާކުން އަންހެނަކު ނުފެނިފަ ތިބޭނީ. ހާދަ ފޫއްސެއްވެޔޭ" މާވަރަކަށް އެންމެން ބަލަން ފެށުމުން، ޔަލްވީ ހިތާއިހިތުން ކުދިކިޔައިލިއެވެ.
"މީ އަޅުގަނޑުގެ ދަރިފުޅު ޔަލްވީ. ދެން މިހުރީ އަންހެނުން ނަފީސާ" ރަޔާންއަށާއި ކައުންސިލްގެ އިސް ޓީމަށް ނިމާލު އޭނާގެ އަންހެނުންނާއި ދަރިފުޅު ތައާރަފުކޮށްދިނެވެ.
ޔަލްވީ އާއި ސަލާންކޮށްލި ރަޔާން އަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ޔަލްވީގެ މޫނެކޭ އެއްވަރަށް އަތްވެސް އޮމާނެވެ. ގަދަ އަވީގެ ސަބަބުން ކުޑަކޮށް ރަތްވެފައިވާ މޫނު އެހާ ގާތުން ފެނުމުން ކުރިއަށްވުރެ ބޮޑަށް ހިތްކިޔެވެ. އެ މޫނަށް ހިތްފުރެންދެން ބަލާލަން ބޭނުންވި ނަމަވެސް ޔަލްވީ އިސްއުފުލާ ބަލާވެސް ނުލިއެވެ. ދެތުންފަތް ފިއްތާލައިގެން ހުރިގޮތުން ރަޔާން ޖެހިލުންވިއެވެ. އަވަހަށް ޔަލްވީގެ އަތުން ދޫކޮށްލެވުނެވެ.
ރަޔާން އަކީ އަބަދުވެސް ގުދުރަތީ ރީތިކަމަށް ލޯބިކުރާ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހެކެވެ. ހަޔާތުގެ ބައިވެރިޔަކަށް ހިޔާރު ކުރަން ބޭނުންވަނީވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ އަހުލާގު ރަނގަޅު ކުއްޖެކެވެ. ނަމަވެސް ޔަލްވީގެ ރީތި ސޫރަ އެހިތުގައި ކުރެހިއްޖެއެވެ. އިހުތިޔާރުން ބޭރުގައެވެ.
********
"މަންމާ! ހާދަ ފޫއްސޭ. ވަރަށް ބަނޑުހައިވެސްވެއްޖެ. މިރަށުން ލިބޭނެތަ ބާގާއެއް. ވަރަށް ކާހިއްވެއްޖެ" ގެއަށް އާދެވުމާއިއެކު ޔަލްވީ ބޭނުންވީ އެއްޗެއް ކާށެވެ. މާލޭގައި ނަމަ އެއީ ކޮންމެވެސް މަސްހޫރު ހޮޓަލަކުން ކާއެއްޗަކަށް އޯޑަރުކުރާ ވަގުތެވެ.
"ބައްޕަ އަންނަންދެން މަޑުކޮށްލަބަލަ. ދަރިފުޅެކޭ ތޭރަ އަހަރުގެ ކުޑަކުއްޖެކޭ ނެތެއްނު ތަފާތެއް. މަންމަ ހިތަށް އަރާ ދަރިފުޅު މީހަކާއި އިނދެގެން ކިހިނެއްބާއޭ އުޅޭނީ؟" ނަފީސާ ޔަލްވީގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ޔަލްވީގެ މުސްތަގުބަލު އުޖާލާކުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް ދަރިފުޅުދެކެ ވެވޭ ކަނު ލޯތްބެއްގެ ބޮޑުކަމުން، ނަފީސާއަށް ޔަލްވީ ބުނާ ކޮންމެ ކަމެއް ކޮށްދެވެނީއެވެ.
"ނޫޅެން މީހަކާ އިންނާކަށް. އަބަދުވެސް މަންމަ ކައިރީ ހުންނާނީ" ކުޑަކުއްޖަކު ފަދައިން ޔަލްވީ އޭނަގެ މަންމަގެ އުނގުގައި ބޯ އަޅާލިއެވެ.
ނަފީސާ ލުއި ހިނިގަނޑެއް ޖަހައިލީ ތަގުދީރުގައި ވާންހުރި ގޮތެއް އެނގޭނީ ކާކަށްތޯ ސުވާލުކުރަމުންނެވެ.
********
ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު ގެއަށްދިއުމަށް އެންމެން ނުކުންނަންފެށިއެވެ. ރަޔާންއަށް ޔަލްވީ ފެނުނީ ސާދަ ވިލޭރޭގެ ހަނދުފަދައިން ދިއްލިލާފައި ހުއްޓައެވެ. ކުރިއެކޭ އެއްގޮތަށް ރަޔާންއަށް އެހެން ދިމާއަކަށް ބަލާލުން ވީ އުނދަގޫ ކަމަކަށެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ރަޔާން އިސްޖަހައިލިއެވެ. ޔަލްވީ ލައިގެން ހުރީ، ނިވާކަން ކުޑަ ހެދުމެކެވެ. އަތްކުރު ޓޮޕްކޮޅާއި ކަކުލާއި ހަމައަށް އަރާ ކުރު ސްކާޓްކޮޅުގައި ޔަލްވީގެ ހަށިގަނޑުން ބޮޑުބައެއް ހާމައަށް ފެންނަން އޮތެވެ. އެހެން މީހުން ޔަލްވީއަށް މާ ވަރަކަށް ބަލާތީ ރަޔާންއަށް އުނދަގޫވިއެވެ.
"ކޮބާ މާދަމާއަށް ނިންމަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމުނީތޯ؟" ދަރިފުޅާއި އަންހެނުން ގެއަށް ފޮނުވާލުމަށްފަހު ނިމާލު އައިސް ރަޔާންގެ ކައިރިއަށް ހުއްޓުނެވެ.
"ލައްބަ. އެކަމަކު އަދި ވަގުތުކޮޅެއް އޮތީމަ، އެބަ ހިތަށް އަރާ މާދަމާ ދަނޑު ސަރަހައްދުގަ އިތުރު ދިދަކޮޅެއް ޖަހާލާނީއޭ. އޭރުން ތަންކޮޅެއް ކަލަފުލްވާނެއެއް ނޫންތޯ؟" ރަޔާން ބޭނުންވީ ނިމާލުގެ ވިސްނުން ހުރިގޮތެއް ބަލާށެވެ.
"ވަރަށް ރަނގަޅު ކަމެއް" ނިމާލަށް ރަޔާންގެ ހިޔާލު ކަމުދިޔައެވެ.
ރަށުގައި ހިންގާފައިވާ ގިނަ ޕްރޮޖެކްޓްތަކަކީ ރަޔާންގެ ހިޔާލާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތަކެއްކަން އެނގުމުން ނިމާލުގެ ބަސް ހުއްޓުނެވެ. ރަޔާންގެ އުމުރުގެ ހަގުކަމާއިއެކުވެސް އެފަދަ ޒިންމާދާރު މަގާމެއްގައި ހުރެ ރަށަށް ކޮށްދީފައިވާ އަގުނުކުރެވޭ މަސައްކަތްތައް ފެނި، ނިމާލް ތައުރީފު ކުރިއެވެ. ޔަލްވީވެސް އެފަދަ ޒިންމާދާރު މީހަކަށް ވާނެނަމައޭ ނިމާލުގެ ހިތަށް އެރިއެވެ.
********
"ރެން! ކީއްކޮށްލަނީ؟" ލިމްޔާ އައިއިރު ރަޔާން އުޅުނީ ފެންޑާގައި ހުރި ކަބަޑެއް ހުޅުވައިގެންނެވެ.
ރަޔާން ފުރަތަމަވެސް ބަލައިލީ ގަޑިއެވެ. ގަޑިން ދިހައެއް ޖަހާ ބޮޑުވީއެވެ. ރަޔާން ހައިރާންވެފައި ލިމްޔާއަށް ބަލައިލިއެވެ.
"އެހެންޏާ ނާންނަ ގަޑިއަކު ތިއައީއޯ؟" ރަޔާން ސުވާލުކުރިއެވެ.
ރޭގަނޑު ދިހައެއް ޖެހުމުގެ ފަހުން ލިމްޔާއަކީ ބޭރަށް ނުކުންނަ ކުއްޖެއް ނޫނެވެ. އެފަދަ ވަގުތެއްގައި ގެއަށް އައިތަން ފެނުމުން ރަޔާން ހާސްވިއެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު، ލިމްޔާއަށް ވަގުތު ހުސްކުރިއެވެ.
"މިހެދުން ލީމަ ރީތިތަ؟..." ލައިގެން ހުރި ހެދުމުގައި އަތް ޖައްސާލަމުން ލިމްޔާ ސުވާލުކުރިއެވެ.
އަބަދުވެސް ކަޅުކުލައިގެ އަބާޔާ ހެދުމާއި ކަޅު ބުރުގާ އަޅައިގެން އުޅޭ ލިމްޔާ ހުރީ މަޑު ޕީޗް ކުލައެއްގެ އަބާޔާ ހެދުމަކާއި މެރޫންކުލައިގެ ޝޯލްއެއް އަޅާފައެވެ. އެއްވެސް މޭކަޕަކާއި ނުލައިވެސް އެރީތިކަމަށް ފަނޑުކަމެއް ނުވެއެވެ.
"ވާއު. ޔޫލުކް ބިއުޓިފުލް" ލިމްޔާގެ ރީތިކަމަށް ރަޔާން ތައުރީފު ކުރިއެވެ.
"އަސްލުވެސްތަ؟ ޖަލްސާއަށް ރަނގަޅުދޯ މިހެދުން" ރަޔާންގެ ފަރާތުން ތައުރީފުގެ ބަހެއް އިވުމުން ލިމްޔާ ހީވީ އުފަލުން ފޮޅުނު ހެންނެވެ. އެންމެ ހިތްއެދޭ ފަރާތް ތައުރީފްކޮށްލުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ؟
"މާ ބޮޑަށްވެސް ގުޅެއެއްނު" ރަޔާން ބުނެލިއެވެ. "ތިވާހަކަ އަހަންތަ ތިއައީ؟..."
"މިއަދު ލައިގެން ހުރި ހެދުން ހަޑިތަ؟..." ރަޔާން ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ލިމްޔާ އަނެއްކާވެސް ކުރީ ސުވާލެކެވެ. "މިއަދު ލީ މީގެ ޕިންކް ހެދުމެއް"
"އެހެންތަ؟..." ހަނދާންކޮށްލަމުން ރަޔާން އަހައިލިއެވެ. "ލިމޫ ދެން ހުސް ކަޅު އެއްޗެހި ލާނެކަމެއް ނެތޭ. އަސްލުވެސް ލިމޫ އާ ވަރަށް ގުޅޭ ތިކަހަލަ ކުލަ އެއްޗެހި ލީމަ" ރަޔާން ހިނިތުންވެލަމުން ލިމްޔާއަށް އިތުރަށް ތައުރީފުކޮށްލިއެވެ.
ލިމްޔާ އިސްޖަހާލީ ލަދުން މޫނު ރަތްވުމުންނެވެ. ރަޔާންގެ އެފަދަ ބަސްތަކުން ލިމްޔާ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.
"މިއުޅެނީ އެއްޗެއް ގަންނަން ނުކުމެ. ޔޫތް މީހުންނާ އެކީ އައެއްނު އަންހެނެއް. އެއީ ލިމްގެ މަންމަގެ ރައްޓެއްސެކޯ. އެހެންވެ، މާދަމާ ހެނދުނު ސައެއް ހަދާފަ ގެންދަން މިއުޅެނީ." ލިމްޔާ އަތުގައި އޮތް ކޮތަޅު ދައްކައިލަމުން ބުނެލިއެވެ.
"ކޮތަޅު ބަރުކަމުން ނުހިއްލިގެންތަ މިގެއަށް ތިވަނީ؟" ސަމާސާ ރާގަކަށް ރަޔާން ސުވާލުކުރިއެވެ.
"މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. އާދެބަ މިތާ އިށީންނަށް." ފެންޑާގައި ބަހައްޓާފައި ހުރި ގޮނޑިތަކަށް އިސާރާތްކުރަމުން ލިމްޔާ ބުނެލިއެވެ.
ލިމްޔާ އާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލާލުމަށްފަހު، ރަޔާން ގޮސް ގޮނޑީގައި އިށީނެވެ. ލިމްޔާގެ މޫނުން ފެންނަން ހުރީ ރަޔާންގެ ހިތް ނުތަނަވަސް ކުރުވާފަދަ އަސަރުތަކެކެވެ.
"ރެން. އަހަރެން.. އަހަރެން... ރެންދެކެ......" ހިތުގެ ހިނގުން އަވަސްވެފައިވާ ވަރުން، ލިމްޔާ ބުނަން ބޭނުންވި ޖުމުލަ ފުރިހަމަކުރެވޭ ގޮތެއްނުވިއެވެ. ދެއަތް ދެއަތާއި މޮޑެން ފެށުނީ އަޑުވެސް ތުރުތުރުލަމުންދާ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ.
"އަހަނ. ލިމްޔާ ދަރިފުޅާ ހާދަ ދުވަހެއް ކޮށްލާފަ. އަނެއްކާ ކަމަކުތަ؟" މާހައުލުގެ ނާޒުކުކަން ނޭނގޭ ހާލު، ރަޒީނާ ގެއިން ނުކުތީ، ލިމްޔާ ނުވިސްނާ ހުއްޓައެވެ.
ރަޒީނާ އައިސް ލިމްޔާގެ ބޮލުގައި ފިރުމާލިއެވެ. ރައްދުގައި ލިމްޔާ ހަމައެކަނި ހިނިތުންވެލުމުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ރަޒީނާއަށް ހީވިއެވެ. ދެމީހުންނަށް ވަގުތު ދެމުން ރަޒީނާ އެތަނުން ދިޔައެވެ.
ރަޔާން އާއި ލިމްޔާ އުޅޭގޮތުން އެކަކު އަނެކަކުދެކެ ލޯބިވާހެން ވެސް ބައެއް ފަހަރު ރަޒީނާއަށް ހީވެއެވެ. އެދެކުދިން ގުޅުމަކީ ރަޒީނާވެސް ނުހަނު ބޭނުންވާ ކަމެކެވެ. ލިމްޔާ އަކީ ރަނގަޅު އާއިލާއަކުން އައިސް ހުރި ނުހަނު އަހުލާގު ރަގަޅު، ދީނީ ކަންކަމަށް ސަމާލުކަންދޭ ގެވެހި ކުއްޖެކެވެ. ރަޔާން އިސްވެ ލިމްޔާގެ ވާހަކަ ދައްކާނެ ދުވަހަކަށް ރަޒީނާއަށް އިންތިޒާރު ކުރެވެއެވެ.
"ދެން ބުނެބަލަ ލިމް ތިބުނަން އުޅޭ ވާހަކައެއް" މަންމަ ދިޔަކަން ޔަގީންކުރުމަށްފަހު ރަޔާން ސުވާލުކުރީ ފަރުވާކުޑަ ރާގަކަށެވެ. ކުރިން އެމޫނުން ފެނުނު ޝައުގުވެރިކަން މިހާރު ފެންނާކަށް ނެތެވެ.
ލިމްޔާގެ އުޅުމަށް އައި ބަދަލު ރަޔާންއަށް ނަގައިގަނެވުނީ އެވަގުތުއެވެ. ލޯބީގެ ނަޒަރަކުން ލިމްޔާ ރަޔާންއަށް ބަލާފާނެ ކަމަކަށް ރަޔާން ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ދެމީހުންގެ ދެމެދުގައި އެކުވެރިކަން ފިޔަވައި އިތުރު ގުޅުމެއް އުފެއްދުމަކީ، ރަޔާން ހުވަފެނަކުން ވެސް ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. އެފުރުސަތު ލިމްޔާއަށް ދޭކަށް ރަޔާން ބޭނުމެއް ނުވެއެވެ.
ރަޔާންގެ ފަރުވާކުޑަކަން ފެނި ލިމްޔާ ޖެހިލުންވިއެވެ. ބުނަން ބޭނުންވި ޖުމްލަތައް ހިތުތެރެއަށް އޮއްބައިލަން މަޖުބޫރުވިއެވެ.
"މާދަން އަންނައްޗޭ ހެނދުނު ސައިބޯން" ދައްކާނެ އިތުރު ވާހަކައެއް ނޭނގުމުން ލިމްޔާ ބުނެލިއެވެ.
"އެހެން ބުނަންތަ ތިއައީ" ރަޔާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ބޮޑު ވާހަކައެއް ދައްކަން ކަމަށް ހީކޮށް ވަރަށް ބިރުންނޭ މިއިނީ"
ހަގީގަތަކީ ލިމްޔާގެ ހިތުގެ ހާލު ރަޔާންގެ ކުރިމަތީ ފާޅުކޮށްފިނަމަ، ފުރަގަސްދޭނެ ހިތްވަރު ރަޔާންގެ ގައިގައި ނެތްކަމެވެ. ރަޔާންގެ ހިތުން ލިމްޔާއަށް ޖާގައެއް ދެވެން ނެތްއިރު، ދެމީހުންނަށްވެސް އުފަލެއް ނުލިބޭނެއެވެ. މިއަދު ލިމްޔާގެ ދުލުގައި ތަޅު އެޅުވުނަސް، އަބަދު ރަޔާންއަށް އެހަގީގަތާއި ފިލައިގެން ނޫޅެވޭނެއެވެ.
ރަޔާންގެ ގެއިން ނުކުތްއިރު، ލިމްޔާ ހުރީ ހިތުގައިޖެހިފައެވެ. ހިތުގައި އުފެދުނު ޝަކުވާތަކާއި އެއްވަރަށް އަމިއްލަ ނަފުސުދެކެ ވެސް ލިމްޔާއަށް ރުޅި އާދެވުނެވެ.
********
"މާލެއަށް ދާން ބޭނުމީ. މަންމާ! ދެން މިބުނީނު މާލެއަށޭ ދާން ބޭނުމީ" ޔަލްވީ ރުޅިގަދަވެގެން ކޮޓަރި ތެރޭގައި ހުރި އެއްޗެއްސަށް ގެއްލުންދޭން ފެށިއެވެ.
"ދަރިފުޅާ! މަންމަ މިބުނީއެއްނު މާލެ ގޮއްސަ ޓިކެޓު ނަގާދޭނަމޭ އިޓަލީއަށް ދާން. ދަރިފުޅުގެ އެކުވެރިންނާއެކީ ނުދެވުނަސް މަންމަ ދާނަމޭ ދަރިފުޅާ އެކީ" ޔަލްވީ ހިތްހަމަ ޖައްސައިދޭން ނަފީސާއަށް އެތައް ވާހަކައެއް ދެއްކިއްޖެއެވެ.
ހެނދުނު ސަޔަށް އެކުވެރިޔާގެ ގެއަށް ދައުވަތު ދީފައިވުމުން އެގެއަށް ދިޔުމަށް ނަފީސާ މަސައްކަތްކުރާތާ އިރުކޮޅެއް ވެއްޖެއެވެ. ޔަލްވީ ބޮޑާ ހޭކުމުގެ ސަބަބުން ވިސްނައިދިނުމަށް މަސައްކަތް ކޮށްކޮށް ނަފީސާ ވަރުބަލި ވެއްޖެއެވެ.
"މަންމައަށް އެއްކަމެއްވެސް ނުވާނެ!..." ޔަލްވީ ފެށީ ފޮށްޓަށް އެއްޗެހި އަޅާށެވެ.
"ދަރިފުޅާ! ދާނަމޭ. އެކަމަކު އިހަށް ކެތްކޮށްލަބަލަ ބައްޕަ ދުރުވަންދެން" ނަފީސާ ގޮސް ޔަލްވީގެ އަތުގައި ހިފައި، ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަފީސާގެ އެއަމަލުން ޔަލްވީގެ ރުޅި އިތުރަށް ގަދަވިއެވެ.
"ބައްޕަ، ބައްޕަ، ބައްޕަ، އަބަދު ކީއްވެތަ ބައްޕަ އަހަރެންގެ ކަންކަމާ ގޮތް ނިންމަނީ. މަންމައަށް އެއްވެސް ކަމެއް ނުވަންޏާ، އަހަރެން އަމިއްލައަށް ގޮސްދާނަން" އައިސްފައި ހުރި ރުޅީގައި މަންމަގެ އަތް ފޮޅުވާލުމަށްފަހު ޔަލްވީ އެދިޔަ ބާރު މިނުގައި ނުކުމެގެން ދިޔައީ، އަތްދަބަހާއި ބެކްޕެކް ވެސް ހިފައިގެންނެވެ.
(ނުނިމޭ)