އިމިގްރޭޝަނާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކެޓުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އާއްމުގޮތެއްގައި ބިދޭސީން އެންމެ ގިނަ އަދަދަކަށް ފެންނަ އެއް ތަނަކީ މާރުކޭޓުތަކެވެ. ގޮޅިތަކުގައި ވެސް ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ. ނަމަވެސް އުސޫލު ބުނާގޮތުން ބިދޭސީންނަށް ސޭޓުންގެ ގޮތުގައި ނުތިބެވޭނެއެވެ.

މިކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ފުލުހުން މަސައްކަތްކުރަނީ: މިއީ އިމިގްރޭޝަނާ ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއް -- ސަން ފޮޓޯ

އެފަދަ ބިދޭސީން ދެނެގަތުމަށް ފަހު ފުލުހުން އެ ބިދޭސީން ހަވާލު ކުރާނީ އިމިގްރޭޝަނާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއަދުގެ އޮޕަރޭޝަންގައި މާރުކޭޓުތަކުން އެއްވެސް ބިދޭސީއަކު ހައްޔަރު ނުކުރާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އަންހެނުން ހޯދުމަށް މެއި މަހު ފަހުކޮޅު ވެސް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ ފަހަރު އިމިގްރޭޝަންގެ ޤާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގިއެވެ.

ރާއްޖެއަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވާ މައްސަލަ ވަރަށް ބޮޑެވެ.

ފާސް ނެތް ބިދޭސީން މާރުކޭޓުގެ ގޮޅިތަކުގައި -- ފޮޓޯ/ ކައުންސިލް

މި މައްސަލަ ހައްލުކުރަން ހޯމް މިނިސްޓްރީން ވެސް ވަނީ 'އޮޕަރޭޝަން ކުރަނގި' ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައެވެ.

އެ އޮޕަރޭޝަން އެންމެ ފުރަތަމަ ފެށީ ކ. ހިންމަފުށީގައެވެ. އެއަށްފަހު ކ. މާފުށިން މިހާތަނަށް 805 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް މި މަހުގެ 15 ވަނަ ދުވަހު ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ބަންގްލަދޭޝް މަސައްކަތްތެރިން އެތެރެކުރާތީ، އެ ގައުމުން މަސައްކަތްތެރިން ގެނައުން ވެސް ވަނީ ހުއްޓާލާފައެވެ.

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު 'ސަން'އަށް މީގެ ކުރިން ވިދާޅުވީ، ބަންގްލަދޭޝް މަސައްކަތްތެރިން އަލުން ގެންނަން ފެށޭނީ ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރަމުންދާ މައްސަލައިގައި މިހާރު އެ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގަށް ފަހުގައި ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ 100،000 މަސައްކަތްތެރިންނެވެ.

ކަން މިހެން އޮތް ނަމަވެސް ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭ ގޮތަށް އޮންނަ ލިމިޓު އުވާލަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ މިހާރު ރާއްޖޭގައި އޮތް ޑިމާންޑާ އެއްވަރަށް މަސައްކަތްތެރިން ނުލިބޭނެ ކަމަށް ވެސް މި ފަހުން މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައެވެ.