އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުންދާ ނެދަލަންޑްސްގެ ޑިފެންޑާ އިއާން މާޓްސެން އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.

ވިލާއިން މާޓްސެން ގެންގޮސްފައިވަނީ 35 މިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 22 އަހަރުގެ މާޓްސަން މިދިޔަ ސީޒަންގެ ފަހު ބައި ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް އަށެވެ. އަދި އޭނާ ވަނީ ޑޯޓްމުންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންދިއުމުގައި އެހީތެރިވެދީފައެވެ.

މާޓްސެން މި ވަގުތު ހުރީ ޖަރުމަނުވިލާތުގައި ކުރިއަށްދާ ޔޫރޯ 2024 ގައި ވާދަކުރަމުންދާ ނެދަލަންޑްސް ޓީމާއެކުއެވެ. މާޓްސެންއަކީ ވިލާއިން އާ ސީޒަނަށް އެ ޓީމަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ވިލާއިން ވަނީ އެވަޓަންގެ ފޯވާޑް ލުއިސް ޑޮބިންވެސް އެ ޓީމަށް ގެންގޮސްފައެވެ.

ޗެލްސީއިން މާޓްސެން އެ ޓީމަށް ގެންގޮސްފައިވަނީ 2019 ވަނަ އަހަރު އޭނާ ނެދަލަންޑްސްގެ ޕީއެސްވީ އެއިންދްހޯވެންއަށް ކުޅެމުންދަނިކޮށެވެ. އަދި މާޓްސެން ވަނީ އޭނާ ލޯން އެއްބަސްވުމުގެ ދަށުން މީގެ ކުރިން ކުޅުނު ކްލަބްތައް ކަމުގައިވާ ޗާލްޓަން އެޓުލެޓިކް، ކޮވެންޓްރީ ސިޓީ، ބާންލީ އަދި ޑޯޓްމުންޑްގައި މޮޅު ކުޅުމެއް ދައްކާ މީހުންގެ ސަމާލުކަން ހޯދައިފައެވެ.

މިދިޔަ އަހަރުގެ ސީޒަންގައި މާޓްސެން ވަނީ ބާންލީ ޕްރެމިއާ ލީގަށް ޕްރޮމޯޓް ކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އެ ސީޒަންގައި ޗެމްޕިއަންޝިޕްގެ ޓީމް އޮފް ދި ސީޒަންގައިވެސް އޭނާ ވަނީ ހިމެނިގެން ގޮސްފައެވެ. ނަމަވެސް މިދިޔަ ސީޒަންގެ ކުރީކޮޅު މާޓްސެންއަށް ވަނީ ޗެލްސީގައި މައުރީސިއޯ ޕޮޗެޓީނާގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަހޯދުމުގައި ދަތިތަކާ ކުރިމަތިވެފައެވެ. ނަތީޖާއަަކަށް ވެގެންދިޔައީ ސީޒަންގެ ދެވަނަ ބައިގާ އޭނާ ޑޯޓްމުންޑަށް ބަދަލުވުމެވެ. މާޓްސެން ޗެލްސީގެ ޖާސީގައި ކުޅެފައިވަނީ މުޅިއަކު 16 މެޗެވެ.