އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ބްރެޒިލް އާއި ޕެރަގުއާއީ ބައްދަލު ކުރި މެޗު ބްރެޒިލްއިން ކާމިޔާބު ކޮށް, މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.

ލާސް ވޭގަސްގެ ނެވާޑާގައި ހުންނަ އެލީޖިއަންޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލްއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެޒިލްއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ގޮތުން އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ.

މި މެޗުގައި ބްރެޒިލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެެއް ދައްކާނެކަމަށް ކުރިންވެސް ބެލެވިފައިވި ވިނީޝިއަސް ޖޫނިއާއެވެ. މި މެޗުގައި ބްރެޒިލްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސޭވިއޯއެވެ. އަދި ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ވިނީޝިއަސްއެވެ.

ފުރަތަމަ ހާފު ވަރަށް ފުރިހަމައަށް ކޮންޓްރޯލް ކުރި ނަމަވެސް ދެވަނަ ހާފުގެ ފެށުން ރަނގަޅުވީ ޕެރަގުއޭގެއެވެ. މިގޮތުން ޕެރެގުއޭއިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމުގެ އިތުރުން ހިތްވަރު އާކޮށްފައެވެ. ޕެރެގުއޭއިން ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެ ޓީމަށް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި މެޗުގައި ބްރެޒިލް އިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ލޫކަސް ޕަކުއެޓާއެވެ. މި މެޗުގައި ޕެރަގުއޭއަށް އިތުރަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމުގެ އަންޑްރޭސް ކޫބާސްއަށް ރަތްކާޑު ދެއްކުމުންނެވެ.

މި ކާމިޔާބީއާއެކު ކްއާޓާ ފައިނަލްގެ ޖާގައެއް ހޯދުމަށް ބްރެޒިލްއިން ކުރާ އުންމީދު މިވަނީ އާވެގެން ގޮސްފައެވެ. އަދި މިހާރު އުޅެނީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އެއްވަނައިގައި އުޅޭ ކޮލޮމްބިއާ އާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްފިނަމަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކްއާޓާ ފައިނަލަށް ދާނެއެވެ. އެއްވަރު ވެއްޖެނަމަ ދާނީ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ބަލިވެއްޖެ ނަމަ ކްއާޓާ ފައިނަލަށް ދިއުމުގެ ހަނި ފުރުސަތެއް ކޮސްޓަރީކާއަށްވެސް ހުޅުވިފައިވެއެވެ. މި މެޗުން ބަލިވުމުން ޕެރަގުއޭ މިހާރު މިވަނީ ކުޅުނު ދެ މެޗުން ބަލިވެ ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.