29 Jun 2024, 10:02
ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯނާއި ޑުރަގާއި އެ ނޫން ވެސް ތަކެތި ވައްދައިދޭކަމުގެ ތުހުމަތުވާ ނެޓްވޯކްގައި ހިމެނޭ ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުންގެ ތެރެއިން ދެ މީހުން ފަސް ދުވަހަށް ބަންދުކޮށް ބާކީ ތިބި 11 އޮފިސަރުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފައެވެ. އެ މީހުން ހައްޔަރުކުރަން ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފައެވެ.
ފުލުހުން އިއްޔެ ބުނީ، އެ އޮޕަރޭޝަންގެ ތެރެއިން 13 އޮފިސަރަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 13 އޮފިސަރުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ދެ މީހުން ފަސް ދުވަހަށް އަދި ދެން ތިބި 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
މި 13 އޮފިސަރުންގެ ތެރޭގައި ކ. މާފުށިން ހައްޔަރުކުރި ނުވަ އޮފިސަރުންނާއި ކ. ކާށިދޫން ހައްޔަރުކުރި ދެ މީހުންނާއި ހއ. އުތީމުން އެކަކާއި މާލެއިން އެކަކު ހިމެނެއެވެ.
އެކަމަކު، އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އެ ނެޓްވޯކްގައި 18 އޮފިސަރުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރެއިން ހަ މިހާރު ވަޒީފާއިން ވަކިވެފައިވާއިރު ދެން ތިބި މީހުން ތިބީ އަދިވެސް ވަޒީފާގައި ކަމަށްވެއެވެ.
ފުލުހުން ބުނި ގޮތުގައި އެއީ ވިޔަފާރިއެއް ކުރާ ބައެއް ނޫން ނަމަވެސް އެކައުންޓުތަކުގައި މިލިއަނުން ފައިސާ ހުއްޓެވެ. އެގޮތުން، ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނީ، މި ފައިސާ އެކައުންޓުތަކަށް ޖަމާވަމުން އައީ ޖަލުގައި ތިބި ގައިދީންގެ އެކައުންޓުތަކުންނާއި މާލޭގައި ކުށްކުރާ މީހުންގެ އެކައުންޓުތަކުން ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެހާ ބައިވަރު އަދަދެއްގެ ފައިސާ އެކައުންޓުތަކުން ދައުރުވާން ފުރުސަތު ލިބުނު މައްސަލަ "ކޮންމެހެން ވެސް" ބަލާނެ ކަމަށެވެ. ނަމަވެސް، އެކައުންޓުތަކަށް ފައިސާ ޖަމާވަމުން އައީ އެވްރެޖްކޮށް ވަރަށް ކުދިކުދި އަދަދުތަކަކުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.