29 Jun 2024, 10:31
ލަ ޕާޒް (29 ޖޫން 2024): ލެޓިން އެމެރިކާގެ ގައުމެއް ކަމުގައިވާ ބޮލީވިޔާގެ ރައީސް ލުއީސް އަރްސޭގެ ސަރުކާރު ވައްޓާލުމަށް އެގައުމުގެ ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް ހުވާން ހޯސޭ ސުނީގާ ގެންނަންއުޅުނު އަސްކަރީ ބަޣާވާތް ނުވަތަ އިންގިލާބު ނާކާމިޔާބުކޮށްލިކަން އެގައުމުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ބަޣާވާތް ނާކާމިޔާބުކޮށްލީ ރައީސް ލުއިސް އަރްސޭއަށް ވަފާތެރި ސިފައިންނެވެ. ބޮލީވިޔާގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން ބަޣާވާތުގެ ލީޑަރަކަށްހުންނެވި ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް ހުވާން ހޯސޭ ސުނީގާ އާއި އޭނާގެ ބައިވެރިން މިހާރުވަނީ ހައްޔަރުކޮށް ޖަލަށްލާފައެވެ. އެމީހުންގެ މައްޗަށް ދައުވާއުފުލައި ޝަރީއަތް ހިންގާނެއެވެ. މިބަޔާން ބުނާގޮތުން ގައުމުވެސް މިހާރުވަނީ މުޅިން ހަމައަކަށް އެޅި ކުރީގެ ހާލަތަށް ރުޖޫއަވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ރައީސް އަރަސޭއަށް ވަފާތެރި ސިފައިންވަނީ ސޫނީގާގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ. ބަޣާވާތް ނާކާމިޔާބުވީ މިކަމުގެ ސަބަބުންނެވެ.
މިއާއެކު ސުނީގާ ރޭވިގޮތަށް ބަޣާވާތުގެ ކަންކަން ކުރިޔަށްނުދިޔައެވެ. އަދި ރައީސް އަރަސޭއަށް ވަފާތެރި ސިފައިން ސުނީގާ އާއެކު ބަޣާވާތްކުރި ސިފައިންގެ މައްޗަށް ކާމިޔާބު ހޯދައި ސުނީގާ ހައްޔަރުކުރިއެވެ. އެއަށްފަހު ރައީސް އަރްސޭ ވަނީ ސިފައިންގެ އިސް ކޮމާންޑަރުކަމުން އޭނާ ދުރުކޮށްފައެވެ.

ބޮލީވިއާގެ ރައީސް ލުއިސް އަރްސޭ
ބޮލީވިޔާގެ ރައީސް ލުއިސް އަރްސޭގެ ސަރުކާރު ވައްޓާލުމަށްޓަކައި ޖެނެރަލް ސޫނީގާއާއި އޭނާގެ ކޮމާންޑްގެ ދަށުން މަސައްކަތްކުރި ސިފައިން އުޅުނީ ވެރިރަށް ލަ ޕާޒްގެ ޕްލާޒާ މުރިއްޔޯ މައިދާނަށް އެއްވުމަށްފަހު ރިޔާސީ ގަނޑުވަރު ހިސާރުކޮށް އެތަނަށް ވަދެގަނެ ރައީސް އަރްސޭ ހައްޔަރު ކުރުމަށެވެ. ރިޔާސީ ގަނޑުވަރު ހުންނަނީ ލަ ޕާޒްގެ ޕްލާޒާ މުރިއްޔޯ މައިދާނާ ވަރަށް ގާތުގައެވެ.
ސޫނީގާ ކޮމާންޑްގެ ދަށުން މަސައްކަތްކުރި ސިފައިން މި މައިދާނަށް އެއްވުމަށްފަހު ރިޔާސީ ގަނޑުވަރަށް ވަދެގަނެ ރައީސް އަރްސޭ ހައްޔަރުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެމީހުންނަށް ރައީސް އަރްސޭ ފެންނަގޮތެއްނުވިއެވެ.
އަރްސޭ އެވަގުތުވަނީ ސިފައިން ބަޣާވާތެއްކުރަން ފަށާފައިވާކަމާއި ބަޣާވާތް ނާކާމިޔާބުކޮށް ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ރިޔާސީ ގަނޑުވަރުގެ ކައިރިއަށް ޖަމާވެ ބާޣީންނާ ކުރިމަތިލުމަށް ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ރައްޔިޔުންނަށް އިލްތިމާސެއް ކުރައްވާފައެވެ.
މިއާއެކު ވެރިރަށް ލަ ޕާޒްގެ އާންމު ރިޔާސީ ގަނޑުވަރާދިމާއަށް އަންނަކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. އަދި ރިޔާސީ ގަނޑުވަރުގައި ތިބި ރިޔާސީ ގާޑުން ބާޣީން ސިފައިންނަށް އެއްބާރުލުމެއް ނުދިނެވެ. އެހެންކަމުން އެތައް އިރެއްވީއިރުވެސް ބަޣާވާތްކުރަން އުޅުނު ސިފައިންނަށް ރައީސް އަރްސޭ ފެންނަގޮތެއް އަދި އޭނާ ހައްޔަރުކުރެވޭ ގޮތެއްވެސް ނުވިއެވެ.
އަނެއްކޮޅުން ރައީސް އަރްސޭއަށް ވަފާތެރި ސިފައިން ސިފައިންގެ މައި ހެޑްކުއާޓަރުތަކުގެ ކޮންޓްރޯލް ނެގިއެވެ. މިއާއެކު ބޮޑުކުރިމަތިލުމަކަށް ދާންޖެހިދާނެކަމަށް ބިރުން ބަޣާވާތްކުރި ސިފައިން ނިންމީ ރިޔާސީ ގަނޑުވަރުން ނުކުތުމަށެވެ.
އޭރު ފުލުހުންގެ ބާރުތައްވެސްވަނީ ބާޣީ ސިފައިން ހައްޔަރުކުރުމަށްޓަކައި ރިޔާސީ ގަނޑުވަރުގެ ކައިރިއަށް އައިސްފައެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ގުޅިގެން ބާޣީ ސިފައިންނާ އަދި ބާޣީ ލީޑަރު ޖެނެރަލް ހުވާން ހޯސޭ ސުނީގާ ހައްޔަރުކުރީ އެމީހުން ރިޔާސީ ގަނޑުވަރުން ނުކުތުމަށްފަހުގައެވެ.
ބޮލީވިޔާގެ ޕަބްލިކް ޕްރޮސިކިޔުޓަރު ވިދާޅުވީ، ބާޣީ ލީޑަރު އަދި މަގާމުން ވަކިކޮށްފައިވާ ސިފައިންގެ ވެރިޔާ ޖެނެރަލް ސޫނީގާގެ މައްޗަށް ސަރުކާރު ވައްޓާލައި ބަޣާވާތްކުރަން އުޅުމުގެ ދައުވާކުރާނެ ކަމަށެވެ. އޭނާއާއި އޭނާގެ ބައިވެރިން މިހާރު ތިބީ ޖަލަށްލާފައެވެ.