އެމްޓީޑީސީގެ އެންމެ ބޮޑު އިންވެސްޓްމަންޓް، މައްސަލަތަކެއްގެ ތެރޭގައި އޮތް ހެރެތެރެ ރިސޯޓަށް ޓޫރިސްޓުން ގެނެސް އަންނަ ޖުލައި މަހުގެ ތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާ މެނޭޖިން ޑިރެކްޓާ މުހަންމަދު މަތީން މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހެރެތެރެ ރިސޯޓުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތި ވަމުން އަންނަ ކަމަށާއި އެ ގެއްލުންތަކުން އަރައިގަތުމަށް އަންނަ މަހުން ފެށިގެން ޓޫރިސްޓުން ގެނެސް ހެރެތެރޭގެ އޮޕަރޭޝަންތައް އެމްޓީޑީސީން ފަށައިގަންނާނެ ކަމަށެވެ. މަތީން ވިދާޅުވީ ކުންފުނިން ހެރެތެރެއާ ހަވާލުވެ އަލުން ހިންގަން ފަށާއިރު މިހާރުވެސް 100 އަށް ވުރެ ގިނަ ޓޫރިސްޓުން ހެރެތެރެއަށް އައުމަށް ބުކިން ހަދާފައިވާކަމަށެވެ.

"އަޅުގަނޑުމެން ނުތިބޭނަން ގެއްލުންވާތަން ބަލާކަށް، އަޅުގަނޑުމެންގެ މޮޓޯއަކީ ކުރިއަށް ބަލައި ފިޔަވަޅު އެޅުން. މި ވަގުތަށް އަޅުގަނޑުމެން މިބަލަނީ އެތަން ގެއްލުންވަމުންދާ ތަނެއްގެ ގޮތުގައި ބޭއްވުމަށް ވުރެ ބޮޑަށް އެތަނުން އެއްޗެއް ހޯދޭތޯ. އެގޮތުން އަންނަ މަހު އޮޕަރޭޝަން ފަށަން ބެލިއިރު 100 ޓޫރިސްޓުން އެބަ އޮތް ބުކިންސް ހަދާފައި، އެހެންވީމަ މިއީ ރަނގަޅު ނިޝާނެއް ކަމަށް މި ބަލަނީ،" މަތީން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހެރެތެރެއަށް ދިމާވި މައްސަލަތަކުގެ ސަބަބުން ކުންފުންޏަށް ބޮޑެރި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

އައްޑު އަތޮޅުގައި 68 މިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްގެން ތަރައްގީކުރި ހެރެތެރެ ރިސޯޓް އެމްޓީޑީސީން ހިންގުމަށްފަހު ފުރަތަމަ ލީސްކުރީ ޔޮޓް ޓްއާސް އަށެވެ. އޭގެ ފަހުން މެނޭޖްމަންޓް ކޮންޓްރެކްޓެއް ދަށުން ހެރެތެރެ ލީސްކުރީ ތައިލެންޑްގެ އޮނިކްސް އެވެ. މިދިއަ އަހަރު މެދުތެރޭގައި އޮނިކްސް ގުރޫޕުން އެރަށް ހިންގަން ފެށުމަށްފަހު ރަށުން ފޭބީ މިދިޔަ މަހު އެވެ.

މަތީން ވިދާޅުވީ އޮނިކްސް އިން އެރަށް އެމްޓީޑީސީއާ ހަވާލުކޮށް ފޭބިނަމަވެސް އޮނިކްސާއެކު ހަދާފައިވާ ކޮންޓްރެކްޓް އަދި ކްލޯޒް ކޮށްފައި ނުވާ ކަމަށާއި އެއަށް ގޮތެއް ނިންމަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޮނިކްސް އިން އެރަށް ދޫކޮށްފައި ދިޔައީ "ސީރިއަސް" މައްސަލަތަކެއް އެރަށުގައި ހުރެގެން ކަމަށާއި އެކަންތައްތައް ބަލަން އެރަށުގެ ޕާފޯމިން އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަސްލު އެރަށުގައި އެބަހުރި މައްސަލަތަކެއް، ހީވަނީ ހުސް އެރަށަށް ދިމާވާ މައްސަލަތަކެއް ނޫންހެން. އަޅުގަނޑުމެންނަށް އެ މައްސަލަތައް އިނގޭނީ ޕާފޯމިން އޮޑިޓެއް ހެދީމުން އަޅުގަނޑުމެން އޮޕަރޭޓް ކުރަން ފެށީމަ ދެން އަޅުގަނޑުމެންނަށް އިނގިގެން ދާނޭ ކޮބައިތޯ އޮނިކްސް މީހުން ދާން އެޖެހުނު މައްސަލަތައް،" މަތީން ވިދާޅުވި އެވެ.

އިތިބާރު ހުރި ގޮތެއްގައި ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އޮނިކްސް އިން އަންނަނީ އެ ރަށުގެ ކޮންޓްރެކްޓް ކުލޯޒްކުރަން ރަށްވިއްކާލައިގެން ނަމަވެސް ފައިސާ ހޯދަން ޑިމާންޑް ކުރަމުންނެވެ. ނަމަވެސް މަތީން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ. ހަމައެކނި ވިދާޅުވީ ވާހަކަ ދައްކައިގެން ކޮންޓްރެކްޓް ކްލޯޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޮނިކްސްގެ ކޮންޓްރެކްޓަށް ޓެކްނިކަލް ކްލޯޒާއަކަށް ނާދެވި އަންނަ މަހު އެމްޓީޑީސީން ރަށް އޮޕަރޭޓް ކުރަން ފެށި ނަމަވެސް އެމްޓީޑީސީގެ ވިސްނުމަކީ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ރަށް އޮޕަރޭޓް ކުރުމެވެ. ނޫނީ އިތުރު ޖޮއިންޓް ވެންޗާއެއް އުފައްދައިގެން ރަށް ހިންގުމެވެ.

"އަޅުގަނޑުމެންގެ ހިޔާލެއް އަދި ނެތް މިކޮޅުން [އެމްޓީޑީސީން] ރިސޯޓްތައް އޮޕަރޭޓް ކުރާކަށް ހަމަ ބަޔަކަށް ކުއްޔަށް ދޭން އޮތީ، ނޫނީ އަދި ހަމަ ފެންނަ ކަމެއް ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ވެސް އޮޕަރޭޓް ނުކުރެވެންވީ ސަބަބެއް ވެސް ނެތް ކަމަށް. އަޅުގަނޑުމެންގެ އެ އެކްސްޕަޓީ ވެސް އެބަހުރި،" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެމްޑީޓީސީން މެނޭޖްމަންޓް ކޮންޓްރެކްޓަކަށް ދާނަމަ ވިސްނާނީ ފައިނޭންޝިއަލް ބާޑަން އެންމެ ކުޑަ ގޮތަކަށް ބަލައިގެން ކޮންޓްރެކްޓަކަށް ދިޔުމަށް ކަމަށެވެ. އަދި އަންނަ މަހު އޮޕަރޭޝަންތައް ފަށާއިރު ސީދާ ގަމަށް ޗާޓަރު ފްލައިޓްތައް ފަށަން މަސައްކަތް ކުރައްވާ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

"މި ބަލަނީ 200 އަށް ވުރެ މަތިން ޓޫރިސްޓުން އަންނަ ނަމަ ޗާޓަރު އެއާލައިންތައް ސީދާ ގަމަށް ޖެއްސޭނެ ގޮތެއް ހަދަން، އެ މަޝްވަރާތައް ވެސް ކުރިއަށް އެބަދޭ، އޭގެ ތެރެއިން ދެވޭތޯ މި ބަލަނީ، އެ މަޝްވަރާތައް ވެސް އެބަ ކުރެވޭ،" މަތީން ވިދާޅުވި އެވެ. "އެހެން ނޫނީ ހެރެތެރެ އަކީ އެންމެ ރަނގަޅަށް ހިނގާތަނަކަށް ނުހެދޭނެ، އެތަނަށް މި ގޮތަށް އޮޕަރޭޓް ކުރަން ފެށިއްޖެނަމަ ރަނގަޅު އުންމީދީ ޕްރޮޕަޓީއެއް އެއީ، އެތަނުން އުންމީދު އެބަފެނޭ،"