29 Jun 2024, 13:54
އައިފޯން އުފެއްދުމަށް އެޕަލްއަށް ސަޕްލައިކޮށްދޭ ކުންފުންޏެއްކަމަށްވާ ފޮކްސްކޮންއިން އިންޑިއާގައި ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުޞޫލުތައް ތަހުގީގުކުރުމަށް އެގައުމުގެ ވެރިކަންކުރާ ޕާޓީގެ އަންހެނުންގެ ގޮފިން ގޮވާލައިފިއެވެ.
އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އަންހެނުންގެ ގޮފީގެ ރައީސާ ވަނާތީ ސްރީނިވާސަން ތުހުމަތު ކުރެއްވީ ފޮކްސްކޮންއިން ވަޒީފާ ދިނުމުގައި، ކައިވެނިކޮށްގެން އުޅޭ އަންހެނުން ނިޒާމީ ގޮތެއްގައި ބާކީކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ، ނޭޝަނަލް ކޮމިޝަން ފޯ ވިމެންއިން އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހެދުމަށް އޭނާ އެދިވަޑައިގަތެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮކްސްކޮންގެ ވަޒީފާތަކަށް މީހުން ނެގުމުގައި، ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށް ފުރުޞަތު ދިނުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އެއީ އެމީހުންގެ އާއިލާގެ މަސްއޫލިއްޔަތުތަކާ މެދު ހުރި ކަންބޮޑުވުންތައް ހުރި ކަމަށާއި ވަޒީފާއަށް ނުނިކުންނަ ނިސްބަތް ބޮޑުކަމަށް ބުނެ އެކުންފުނިން އަޅާފައިވާ ފިޔަވަޅެއްކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ސަބަބުން އިންޑިއާގެ ލޭބާ މިނިސްޓްރީން ވަނީ ފޮކްސްކޮން ޕްލާންޓް ހުންނަ ޓެމިލް ނާޑޫގެ ލޭބާ ޑިޕާޓްމަންޓުން ތަފްސީލީ ރިޕޯޓަކަށް އެދިފައެވެ.
އެޕަލްއާއި ފޮކްސްކޮންއިން ވަޒީފާ ދިނުމުގައި މީގެ ކުރިން ހުރި ގޯސްތައް 2022ގައި ގަބޫލުކުރި ނަމަވެސް މިދިޔަ އަހަރާއި މި އަހަރާ ދެމެދު އެ ތުހުމަތުތަކަށް ސީދާ ހައްލެއް ހޯދައިދީފައެއް ނުވެއެވެ.
އެޕަލްއިން ބުނީ ވަޒީފާއަދާކުރުމުގެ ހަރުދަނާ މިންގަނޑުތައް ދަމަހައްޓަން ފިޔަވަޅު އަޅާފައިވާ ކަމަށާއި، ނަމަވެސް ފޮކްސްކޮންއިން ވަޒީފާގެ ތަފާތުކުރުންގެންގުޅޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ.
އިޖުތިމާއީ ހުރަސްތައް ނައްތާލައި މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މި މައްސަލައިގެ އަސަރު ފޯރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.