29 Jun 2024, 09:48
އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ ހީނާ ޚާންއަށް އުރަމަތީގެ ކެންސަރު ޖެހި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން ބަތަލާ ހާމަކޮށްފިއެވެ.
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ޚަބަރު ހިއްސާ ކުރަމުން 36 އަހަރުގެ ބަތަލާ ބުނެފައި ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވިކަން އެނގުނުއިރު ހުރީ ކެންސަރުގެ ތިން ވަނަ ސްޓޭޖްގައި ކަމަށެވެ. ކެންސަރު ޖެހުނުކަން އެނގުމާއެކު ބައްޔަށް ފަރުވާ ހޯދަން ފަށާފައިވާ ކަމަށާއި ބަލިން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ހިތްވަރާއެކު ކުރާނެ ކަމަށް ހީނާ ވަނީ ބުނެފައެވެ.
ހީނާއަށް ތާއީދުކުރާ ސަޕޯޓަރުންނާ މި ޚަބަރު ހިއްސާ ކުރުމާއެކު ވަރަށް ގިނަ ބަޔަކުން ވަނީ ބަތަލާއަށް އަވަސް ޝިފާއެއް ލިބުމަށް އެދި މެސެޖުކޮށްފައެވެ. އަދި އެއްބަޔަކު ވަނީ ހީނާއަށް ކެންސަރު ޖެހުމުން އެކަމާ ކަންބޮޑުވެ ހިތާމަ ފާޅުކުރާ ކަމަށް ބުނެފައެވެ.
މީގެއިތުރުން ވަރަށް ގިނަ ޓިވީ ތަރިންނާއި ބޮލީވުޑްގެ ފިލްމީ ތަރިންވެސް ވަނީ ހީނާ ކެންސަރު ބަލިން ރަނގަޅުވުމަށް އެދި މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި ޕްރޮޑިއުސަރު އެކްތާ ކަޕޫރު، ބަތަލާ މޯނީ ރޯއި، ޝެހެނާޒް ގިލް އަދި ޖެނިފަ ވިންގްޓެން ފަދަ ތަރިން ހިމެނެއެވެ.

ހީނާ ޚާން މި އަހަރު ކުރީކޮޅު ޢުމްރާގެ އަޅުކަން އަދާކުރަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ
އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި ހެޔޮ ދުޢާއަށް ޝުކުރު އަދާކުރަމުން ހީނާ ބުނެފައި ވަނީ، ބަލިން އެއްކޮށް ރަނގަޅުވުމަށްފަހު ހިތްވަރުގަދަކޮށް އެނބުރި އާދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ދެ ފަހަރެއްގެ މަތިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައިވާ ބަތަލާ ވަނީ މި ދަނޑިވަޅުގައި ބަތަލާގެ ޕްރައިވެސީއަށް އިހުތިރާމު ކުރުމަށް ހުރިހާ މީހުންގެ ކިބައިންވެސް އެދޭކަމަށް ބުނެފައެވެ.
ޓެލެވިޒަން ތަރިންގެތެރެއިން ބޮޑު މަގުބޫލުކަމެއް ހޯދި ހީނާއަކީ، މިވަގުތު ޓެލެވިޒަން އިންޑަސްޓްރީގައި ހިމެނޭ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.