ގޫގުލް ޓްރާންސްލޭޝަނަށް މިދިޔަ ބުރާސްފަތި ދުވަހު ބޮޑު އަޕްގްރޭޑެއް ލިބުނު އިރު، މިހާރު އިތުރު 110 ބަހަކަށް ސަޕޯޓް ކުރާނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި އާ ބަސްތައް އިތުރުކޮށްފައިވާއިރު، ގޫގުލްގެ އިން-ހައުސް ޕީއޭއެލްއެމް -2 ލާޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ބޭނުންކޮށްފައިވަނީ، ބަހެއްގެ ސަރަހައްދީ ބަހުރުވަތައް ދަސްކުރުމުގައި މި ޓެކްނޮލޮޖީގެ ބޭނުން ހިފުމަށެވެ.

އަލަށް ތައާރަފްކުރި ބަސްތަކުގެ ތެރޭގައި އިންޑިއާގެ ސަރަހައްދީ ބަހެއް ކަމަށްވާ އަވަދީ އާއި މަރްވާދީ ވެސް ވަނީ ގޫގުލް ޓްރާންސްލޭޓްގައި ހިމަނައިފައެވެ.

އެ ކުންފުނިން ކުރިބްލޮގް ޕޯސްޓެއްގައިބުނީ މިއީ ގޫގުލް ޓްރާންސްލޭޓް އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އިތުރުވުން ކަމަށެވެ. މީގެ ކުރިން ގޫގުލް ޓްރާންސްލޭޝަންގައި ހިމަނާފައިވަނީ ޖުމްލަ 133 ބަހަކަށް ތާއީދުކުރާ ވަސީލަތެކެވެ. ނަމަވެސް އެވަސީލަތް ފުޅާކުރުމަށްފަހު އެ އަދަދު މިހާރު މިވަނީ 243 ބަހަށް އިރުވެފައެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގޫގުލްއިން ވަނީ 1،000 ބަހުގެ އިނީޝިއޭޓިވް އެއް އިއުލާނުކޮށްފައެވެ.

މި އިނީޝިއޭޓިވްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ވާހަކަ ދައްކާ 1،000 ބަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭއައި މޮޑެލްތައް ހެދުމަށް އެ ކުންފުނިން ވަނީ ވައުދުވެފައެވެ. އަލަށް އިތުރުކުރި 110 ބަހަކީ އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް އެކުންފުނިން ބުނެއެވެ.

އާ ބަސްތައް އިޚްތިޔާރު ކުރުމަށް ގޫގުލް އިން އިސްކަން ދިނީ ކޮންމެ ބަހެއްގެ ވެސް އެންމެ ގިނައިން ބޭނުންކުރާ ބަހުރުވަ ތަކަށެވެ.

މިސާލެއްގެ ގޮތުން އެކުންފުނިން ބުނީ ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ގިނަ ބަހުރުވަތަކެއް ހިމެނޭ ރޯމާނީ ބަހަށް ވިސްނާއިރު އޭއައި މޮޑެލް އިން ހިޔާރުކުރި ސަދަން ވްލެކްސް ރޯމާނީ ބަހުރުވައަކީ އޮންލައިންކޮށް އާންމުކޮށް ބޭނުންކުރާ ބާވަތެއް ކަމަށެވެ.

އަދި އޭއައި މޮޑެލް ތަމްރީނު ކުރެވިދާނެ ލިޔުންތައް ލިބެން ހުރުމުން ވެސް އެ އިޚްތިޔާރު ކަނޑައެޅިއެވެ.

ގޫގުލް ޓްރާންސްލެޓަކީ 2006 ވަނަ އަހަރުގެ އޭޕްރީލް މަހު ގޫގުލް އިން ތަރައްގީކުރި ގިނަ ބަސްބަހުން ބޭނުންކުރާ ނިއުރަލް މެޝިން ޓްރާންސްލެޝަން ހިދުމަތެކެވެ.

ނަމަވެސް 2016 ވަނަ އަހަރު ގޫގުލް އިން ވަނީ ޑީޕް ލާނިން ޓެކްނިކްސް ބޭނުންކޮށްގެން މާ ޞައްޙަ އަދި ގުދުރަތީ ތަރުޖަމާތައް އުފައްދާ ނިއުރަލް މެޝިން ޓްރާންސްލެޝަން (އެންއެމްޓީ) އަށް ބަދަލުވެފައެވެ.