ކޮޕީރައިޓް ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ އޯޕެންއޭއައި އަދި މައިކްރޮސޮފްޓްއާ ދެކޮޅަށް އަނެއްކާ ވެސް އިތުރު ދައުވާއެއް އުފުލައިފިއެވެ.

މަދާ ޖޯންސް އާއި ރިވީލް މަޖައްލާތައް ޝާއިއު ކުރަމުން އަންނަ ދަ ސެންޓާ ފޮ އިންވެސްޓިގޭޓިވް ރިޕޯޓިން (ސީއައިއާރް) އިން އުފުލާފައިވާ މި ދައުވާގައި ބުނެފައިވަނީ އެ ދެ ކުންފުނިން ސީއައިއާރުގެ މިލިއަނުން ގުނާލެވޭ މިންވަރަކަށް މަޒުމޫނުތަކާއި ލިޔުންތައް ހުއްދަނެތި ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް ތަމްރީނު ކުރަމުންދާ ކަމަށެވެ.

މިއީ ފަހަކަށް އައިސް ޚަބަރުފަތުރާ ގިނަ މީޑިއާތަކަކުން އޯޕެންއޭއައިއާ ދެކޮޅަށް އުފުލަމުންދާ ދައުވާތަކުގެ ތެރެއިން އެންމެ ފަހުގެ ދައުވާއެވެ.

މީގެ ކުރިން ދަ ނިއު ޔޯކް ޓައިމްސް، ދި އިންޓަސެޕްޓް، ނިއު ޔޯކް ޑެއިލީ ނިއުސް، ދަ ޝިކާގޯ ޓްރިބިއުން އަދި ދަ ޑެންވާ ޕޯސްޓް އިން ވެސް ވަނީ އޯޕެންއޭއައި އާއި މައިކްރޮސޮފްޓާ ދެކޮޅަށް މިފަދަ މައްސަލަތައް ކޯޓަށް ވައްދާފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ތަރައްޤީވަމުން އައި ގޮތަށް ބަލާއިރު، މި ދައުވާއަކީ އައު ކަމެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި އޯޕެންއޭއައި ފަދަ ކުންފުނިތަކުން ވަނީ ބޮޑެތި ޑޭޓާ ސެޓްތައް ބޭނުންކޮށްގެން އެމީހުންގެ މޮޑެލްތައް ތަމްރީނުކޮށްފައެވެ.

މި ޑޭޓާ ސެޓްތަކުގައި އިންޓަނެޓުގައި ހުރި ގިނަ މައުލޫމާތުތަކެއް ހިމެނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ކޮޕީރައިޓް މައްސަލަތަކާއި އަދި އެހެނިހެން ޤާނޫނީ ސުވާލުތައް އުފެދެމުންދާކަން ފާހަގަކުރެވެއެވެ.

ނިއު ޔޯކްގެ ފެޑެރަލް ކޯޓަކަށް ހުށައެޅި މި މައްސަލައިގައި ސީއައިއާރް އިން އެދިފައި ވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި އޯޕެއެންއޭއައި އާއި މައިކްރޮސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކުން ސީއައިއާރްގެ ކޮޕީރައިޓް މެޓީރިއަލްތައް ފޮހެލުމުގެ އަމުރަކަށެވެ.

މި މައްސަލައާ ގުޅިގެން އޯޕެންއޭއައި އާއި މައިކްރޮސޮފްޓްއިން އަދި ރަސްމީކޮށް އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ނަމަވެސް މީގެ ކުރިން މިފަދަ ދައުވާތަކާ ގުޅިގެން އެ ކުންފުނިތަކުން ބުނެފައިވަނީ އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ޤާނޫނާ އެއްގޮތަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

މި މައްސަލައިގައި ކޯޓުން ނެރޭނެ ހުކުމަކާމެދު ގިނަ ބަޔަކު ޝައުޤުވެރިވަމުންދާއިރު، މީޑިއާ ދާއިރާގެ ބައެއް މާހިރުން ބުނަމުންދަނީ މި މައްސަލައިގެ ނިމުމަކީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ ކުރިމަގަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.