28 Jun 2024, 21:11
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންގް ޕިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގް ގައެވެ.
ޝާހިދު ޝީ އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގައެވެ.
މި ކޮންފްރެންސަކީ ޗައިނާގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.
ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ މި ކޮންފަރެންސްގައި ޝީ ދެއްވި ތަޤްރީރުގެ ކުރިންނެވެ. ޝީގެ ތަޤްރީރަށްފަހު ޝާހިދު ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެންގެ ދިރިއުޅުން ބައްޓަންކުރުން ކަމުގައެވެ.
"އިންސާނިއްޔަތަށް އޮތީ އެންމެ ސާދާ އިޚްތިޔާރެއް. އެއީ ސުލްހަވެރިކަމާއެކު އެކުވެއުޅުން،" ޝާހިދުގެ ޓުވީޓުގައި ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެކުގައި މަސައްކަތްކޮށްގެން އާންމު ގޮންޖެހުންތަކަށް ކުރިމަތިލެވި ދެމެހެއްޓެނިވި ސުލްހަވެރި ހަމަޖެހޭ އަދި ފާގަތި މުސްތަޤުބަލަކަށް އެންމެންނަށް މަގުފަހިކުރެވިދާނެ ކަމަށެވެ.
ޝާހިދަކީ ބައިނަލްއަގްވާމީ ގިނަ ޖަމާއަތްތަކަކާއި، ބައިނަލްއަގްވާމީ ގިނަ އިދާރާތަކެއްގެ އިސް ބޭފުޅުންނާ ގާތް ގުޅުމެއް ގާއިމްކުރައްވައިފައިވާ ބޭފުޅެކެވެ.
ނިމިދިޔަ ދައުރުގައި އޭނާވަނީ އދ.ގ 76ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ވެސް އަދައިކުރައްވައިފައެވެ.
އިދިކޮޅު ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ރައީސްކަމުގައި ޝާހިދު ހުންނެވިއިރު، މިހާރު އެ ޕާޓީން ކުރަމުން އަންނަނީ މުޅި ޕާޓިގެ ހިންގުން އަލުން މުރާޖާކޮށް އެކުލަވައިލުމުގެ މަސައްކަތެވެ.