ދެ ލައްކަ ރުފިޔާގެ ކެމެރާއަކާއި 50،000ރ.ގެ ތިން ކޮފީ މެޝިނު އަގު ބޮޑުކޮށް އިލެކްޝަންސް ކޮމިޝަނަށް ގަނެފައި ވަނީ ކދ. އަހުމަދު މަނިކު އިލެކްޝަންސް ކޮމިޝަން ހިންގެވިއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން އޮޑިޓާ ޖެނަރަލްއަށް އަންގަވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުއްވެވި ސިޓީ މާލިއްޔަތު ކޮމެޓީގައި މިއަދު ވަނީ އިއްވާފަ އެވެ. އެ ސިޓީއާ ގުޅިގެން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ކދ. އަހުމަދު މަނިކު ވިޔަސް، ބޭކާރު ހަރަދުކޮށް، ދައުލަތުގެ ބަޖެޓަށް ހަރަދު ބޮޑުކޮށްފައިވާނަމަ އޭނާއާމެދު ވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

އޮޑިޓާ ޖެނަރަލްއަށް ފޮނުވި ސިޓީގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ބައެއް ކަންތައްތަކަކީ މިހާރު ތިއްބެވި މެންބަރުން ކޮމިޝަނަށް ވަޑައިގެންނެވުމުގެ ކުރިން ކޮމިޝަނަށް ގަނެފައިވާ ތަކެތި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޭރުން، ކޮމިޝަންގެ ކޮންމެ މެންބަރަކަށް އައިޕެޑް ގަތް މައްސަލާގައި އޮޑިޓާ ޖެނަރަލްގެ އޮފީހަށް އިލެކްޝަނުން ޖަވާބުދާރީވެފައި ވަނީ ބަޖެޓްގައި ކަނޑާއަޅާފައިވާ ފައިސާއަކަށް ހަރަދު ކުރުމަކީ ގާނޫނާ ހިލާފު މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

އޮޑިޓާ ޖެނަރަލް ވިދާޅުވެފައި ވަނީ އިލެކްޝަންސްގެ މެންބަރުންނަށް އައިޕެޑް ގަނެފައިވާއިރު، ކޮމިޝަންގައި ބޭނުންނުކޮށް 250 ލެޕްޓޮޕް އެބަހުރި ކަމަށެވެ. އަދި މެންބަރުން ގަނެފައިވާ އައިޕެޑް އިލެކްޝަންސްގެ މެންބަރުންގެ އާއިލާގެ މެންބަރުން ބޭނުން ކުރާ ކަމަށާއި މެންބަރުން ނަންގަވާ ފޯނު އެލަވަންސްފެ ފައިސާ ވެސް އާއިލާގެ މީހުންގެ ފޯނުތަކަށް ޓްރާންސްފާ ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ އެނގި ތިއްބަވައިގެން ހިންގާފައިވާ ހިޔާނާތްތަކެއް ކަމަށާއި އެ މައްސަލަތަކުގެ ތަފްސީލް އިލެކްޝަންސްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާނެ އޮޑިޓާ ޖެނަރަލް ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމެޓިގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ އޮޑިޓް ރިޕޯޓްގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެބޭފުޅުން ކޮމެޓީއަށް ހާޒިރުކުރާނެ ވަކި ތާރީހެއް ނާޒިމް ވިދާޅެއް ނުވެ އެވެ.