28 Jun 2024, 20:46
ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްއިން ވަރަށް ފަހުން ވަކިވި އެ ޓީމުގެ ކުރީގެ ކެޕްޓަން ނާޗޯ، ސައުދީ ޕްރޯ ލީގުން އަލަށް ޖާގަހޯދާފައިވާ އަލް ޤަދުސިއާއަށް ސޮއިކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ނާޗޯ ރެއާލް އިން ވަކިވެފައިވަނީ 23 އަހަރުގެ ދިގު މުއްދަތެއްގައި އެ ކްލަބަށް ކުޅުމަށްފަހު މިދިޔަ އަންގާރަ ދުވަހުއެވެ.
އަދި މި ވަގުތު ޔޫރޯ މުބާރާތުގައި ވާދަކުރަމުންދާ ސްޕެއިން ޓީމުގައި ހިމެނޭ ނާޗޯ އެ މުބާރާތް ނިމުމާއެކު އަލް ޤަދުސިއާ ގުޅޭނެއެވެ.
ނާޗޯ ހާމަކުރި ގޮތުގައި މިފަދަ ނިންމުންތަކުގެ އަސަރު އޭނާގެ ކުޅުމަށް އެއްވެސް އިރެއްގައި އައިސްފައި ނުވާކަމަށާއި މި ކަން މިހެންވާކަން އެނގޭތާ ދެތިން މަސްވެއްޖެ ކަމަށާއި މިފަދަ ނިންމުންތަކުގެ ސަބަބުން އޭނާއަށް އިތުރަށް ހިތްހަމަ ޖެހިގެން ކުޅުމަށް އެހީތެރިވާ ކަމުގައި ވެސް އޭނާ ހާމަކުރިއެވެ.
އަލް ޤަދުސިއާ ސައުދީ ޕްރޯ ލީގަށް ޕްރޮމޯޓްވެފައިވަނީ ސައުދީ ފަސްޓް ޑިވިޜަން ލީގު ކާމިޔާބު ކުރުމުންނެވެ. ނާޗޯވަނީ ރެއާލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައެވެ.
މިގޮތުން އޭނާ އެ ކުލަބްގައި ހޭދަކުރި 23 އަހަރުގައިވަނީ 26 ތަށި ކާމިޔާބު ކޮށްފައެވެ. އުމުރުން 10 އަހަރުގައި ރެއާލްގެ އެކަޑަމީއާއި ގުޅުނު ނާޗޯ 2012 ވަނަ އަހަރު ސީނިއާ ޓީމުން ޖާގަ ހޯދަން ފެށިފަހުން މިހާތަނަށްވަނީ 364 ފަހަރު އެ ޓީމަށް ކުޅެފައެވެ. އޭނާ އެންމެ ފަހުން ރެއާލަށް ކުޅުނު މެޗަކަށް ވެފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގު ފައިނަލްގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި ވާދަކޮށް ދެ ލަނޑު ސުންލަނޑުން މޮޅުވި މެޗެވެ.
ސައުދީ ޕްރޯ ލީގު ފަހަކަށް އައިސް ވެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފުޓްބޯޅަ ކުޅުންތެރިން ޚިޔާރު ކުރާ އެއް މަންޒިލަށެވެ. މިގޮތުން އެ ލީގުގައި ކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ، ކަރީމް ބެންޒީމާ އަދި އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިން ހިމެނެއެވެ.