އެމެރިކާ އާއި ކެރޭބިއަން ސަރަހައްދުގައި މިހާރު ކުރިއަށްދާ އައިސީސީ ޓީޓުވެންޓީ ކްރިކެޓް ވާރލްޑް ކަޕްގެ ފައިނަލްގެ ފަހު ޖާގަ އިންޑިއާއިން ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލުން އިންޑިއާ ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑާއި ބައްދަލުކޮށް 68 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ގަޔާނާގެ ގަޔާނާ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޓޮސް ދިމާވުމުން އިންގްލަންޑް އިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.

މިގޮތުން އެންމެ ފުރަތަމަ އިންޑިއާއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ.

އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 57 ލަނޑު ހަދައިދިން ކެޕްޓަން ރޯހިތު ޝަރްމާއެވެ.

މީގެއިތުރުން ސުރްޔަކުމާރު ޔާދަވުވަނީ 47 ލަނޑު ހަދައިދީފައެވެ. މިއީނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 37 ލަނޑަށް ތިން ވިކެޓު ނަގައިދިން ކްރިސް ޖޯޑަންއެވެ.
ޖަވާބުގައި އިންގްލަންޑް އިން ކުޅެން އަރާ 16 އޯވަރު ހަތަރު ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ.

އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 25 ލަނޑު ހަދައިދިން ހެރީ ބްރޫކްސްއެވެ. މީގެ އިތުރުން ކެޕްޓަން ޖޮސް ބަޓްލާ 23 ލަނޑު ހަދައިދިން އިރު ޖޮފްރާ އާޗާވަނީ 21 ލަނޑު ހަދައިދީފައެވެ.

އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 16 ލަނޑަށް ތިން ވިކެޓް ނަގައިދިން ކުލްދީޕް ޔާދަވެވެ. މީގެއިތުރުން އަޒާރު ޕަޓޭލް ހަތަރު އޯވަރު 19 ލަނޑަށް ތިން ވިކެޓް ނަގައިދިން އިރު ޖަސްޕްރީތު ބުމްރާވަނީ ދެ އޯވަރު ހަތަރު ބޯޅައަށް 12 ލަނޑަށް ދެ ވިކެޓު ނަަގައިދީފައެވެ.

މިކާމިޔާބީއާއެކު އިންޑިއާ މިހާރު މިވަނީ ހޮނިހިރު ދުވަހު ބާބަޑޮސްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ދެކުނު އެފްރިކާއާއި ބައްދަލުކުރާނެ ޓީމަކަށް ހޮވިގެން ގޮސްފައެވެ.

އިންޑިއާއަށް ވާލްޑް ކަޕެއް ކާމިޔާބު ނުކުރެވޭތާ މިހާރު 13 އަހަރު ވެފައިވާއިރު މިއީ ޓީ ޓުވެންޓީ ކްރިކެޓް ވާރލްޑް ކަޕްގެ ފައިނަލުން ދެކުނު އެފްރިކާ ޖާގަހޯދި ފުރަތަމަ ފަހަރެވެ. މި ދެ ޓީމަކީ ވެސް މިފަހަރުގެ މުބާރާތުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމެވެ.

މި މުބާރާތުގެ ފައިނަލުން ދެކުނު އެފްރިކާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އާއި ބައްދަލުކޮށް ފަސޭހަ ކަމާއެކު މެޗު ކާމިޔާބު ކޮށްގެންނެވެ. ދެކުނު އެފްރިކާއިން އަފްޣާނިސްތާން ބަލިކޮށްފައިވަނީ ނުވަ ވިކެޓުންނެވެ.