ބޮލީވުޑްގެ ބަތަލާ އަދިތީ ރާއޯ ދާދި ފަހުން އިނގިރޭސިވިލާތަށް ކުރި ދަތުރެއްގައި އަމިއްލަ ލަގެޖުތައް ނުލިބި ލަސްވެ, އެތައް އިރެން ވަންދެން މަޑުކުރަން ޖެހުމުން އެކަމާ ނުރުހުން ފާޅުކޮށް ހީތުރޯ އެއާޕޯޓުގެ އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ވެބް ސީރީޒް "ހީރާމަންޑީ"އިން ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ބަތަލާ އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރީ ހާއްސަ ކޮންފަރެއްސެއްގައި ބައިވެރިވުމުގެ ގޮތުންނެވެ. ބްރިޓިޝް އެއާވެއިސްއިން ލަންޑަނަށް ކުރި ދަތުރު ނިންމާލުމަށް ފަހު ތިން ގަޑިއިރު ވަންދެން ހުސް ބެލްޓަށް ބަލަހައްޓައިގެން ހުންނަ ޖެހުނު ކަމަށާއި ލަގެޖުތައް ނުލިބި 19 ގަޑިއިރު ހޭދަކުރަން ޖެހުނު ކަމަށް އަދިތީ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އަދިތީ ކުރި ޕޯސްޓްތަކުން ދޭހަވާ ގޮތުގައި ބްރިޓިޝް އެއާލައިނުން އަދިތީއަށް އެހީތެރިވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެއާލައިނުގެ އިތުރުން އެއަޕޯޓުގެ އެއްވެސް މުވައްޒަފަކު ވެސް އަދިތީއަށް އެހީތެރިވެފައި ނުވާކަމަށް ބަތަލާ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ބަތަލާ އަދިތީ ރާއޯ މުމްބާއީގެ އެއަޕޯޓުތެރޭގައި--ފޮޓޯ/ޕިންޓްރެސްޓް
އަމިއްލަ ލަގެޖުތައް ނުލިބި ލަސްވެ އަދިތީއަށް ލަގެޖުތައް ލިބުނީ ބްރިޓިޝް އެއާލައިނުގެ މުވައްޒަފެއް ކަމަށްވާ ސެބީނާ ފެނާންޑޭސް ކިޔާ މުވައްޒަފެއްގެ އެހީއާ އެކު 45 ގަޑިއިރު ފަހުން ކަމަށް ބަތަލާ ވަނީ ފަހުން ބުނެފައެވެ.

އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އަދިތީ ވަނީ އެ މުވައްޒަފަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އެފަދަ މުވައްޒަފުން ބްރިޓިޝް އެއާލައިންގައި އުޅޭތީ ޝުކުރު އަދާކޮށްފައެވެ.

އަދިތީ މި އަހަރު ދެ ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު ބަތަލާ އެންމެ އަވަހަށް ފެންނާނީ ސައުތު އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު މުހިއްމު ރޯލް ކުޅޭ ފިލްމު "ގާނދީ ޓޯކްސް"އިންނެވެ.