18 Jun 2012, 15:07
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ދޫކުރާ ސްކޯލާޝިޕަށް އެދުމުގެ ފުރުސަތު ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށާއި ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލައިފި އެވެ.
އެ ސްކީމާބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ މިއަދު ވިދާޅުވީ 10 މިލިއަން ރުފިޔާގެ ސްކީމްގެ ދަށުން 500 ދަރިވަރުންނަށް ފުރުސަތު ހުޅުވާލައި މިއަދު ގެޒެޓްކޮށްފައިވާ ކަމަށެވެ.
އެ ސްކީމްގައި ފުރުސަތު ހުޅުވާލީ ފައުންޑޭޝަން ހަދަން ބޭނުންވާ 130 ފުރުސަތެވެ. ޑިޕްލޮމާ އާއި ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 160 ފުރުސަތެވެ. މާސްޓާސް ހަދާ ކުދިންނަށް 50 ފުރުސަތެވެ.
ޒަކާތު ފަންޑުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާނީ އަންނަ މަހު އެވެ. އޭގެ ތެރެއިން ފައުންޑޭޝަން ހަދަން ބޭނުންވާ ކުދިންގެ އެޕްލިކޭޝަންތައް ބަލައިގަންނާނީ އަންނަ މަހުގެ ދެވަނަ އަދި ތިން ވަނަ ދުވަހު އެވެ. ޑިޕްލޮމާއަށް ކިޔަވާ ކުދިންގެ އެޕްލިކޭޝަން ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު އެވެ. ޑިގްރީ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ އެޕްލިކޭޝަން ބަލައިގަންނާނީ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަ އެވެ. މާސްޓާސް ހަދާ ދަރިވަރުންގެ އެޕްލިކޭޝަން ބަލައިގަންނާނީ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.
"އަޅުގަނޑުމެން ބަލައިގަންނާނީ އެދުވަސްތަކު ގެންނަ އެޕްލިކޭޝަންތައް. އޭގެ ފަހުން ގެންނަ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެ. އެދުވަސްތަކުގެ ދަރިވަރަށް ނާދެވޭނެ ނަމަ ދަރިވަރާއި ދަރިވަރުގެ މައިންބަފައިންގެ މައުލޫމާތު ދެވޭ ފެންވަރުގެ ބޭފުޅެއް ވަޑައިގަންނަވަން ޖެހޭނީ. އެފަދަ ބެފުޅަކު ވަޑައިގެން މައުލޫމާތުގައި އޮޅުންތަކެއް އަރައިފި ނަމަ ދެވަނަ ފަހަރަށް ފުރުސަތެއް ނުލިބޭނެ،" އައިމިނަތު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޝޯޓް ލިސްޓް ކުރުމުގައި ބޮޑަށް ބަލާނީ ތައުލީމީ ބެކްރައުންޑްގެ އިތުރުން ކުދިންގެ މާލީ ތަނަވަސްކަމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ސްކީމުން ފުރުސަތު ދިނުމުގައި އިސްކަން ދެނީ ރާއްޖެ އަށް މިހާރު ބޭނުންވާ މުހިންމު ދާއިރާތަކަށް ކަމަށެވެ.
ޒަކާތުގެ ފަންޑުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވަނީ މީގެ ކުރިން ވެސް ސްކީމް ހުޅުވާލާފަ އެވެ.