27 Jun 2024, 23:43
އދ ގެ ފަލަސްތީނު މަންދޫބު ރިޔާދު މަންސޫރާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއީ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޒަމީރު ބޭއްވެވި އެންމެ ފުރަތަމަ ބައްދަލުކުރެއްވުމެވެ.
އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރު ގައުމަކަށް ވުމުގެ ޙައްގު ހާސިލުކުރުމުގައި، ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރާއްޖޭގެ ފަރާތުން އަރުވާފައިވާ ކަމަށެވެ.
އަދި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ނިމުމަކަށް ގެނައުމަށް ގޮވާލާ، ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށް ޒަމީރު ވަނީ އެ ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.
ހަމައެއާއެކު ޒަމީރު ވަނީ މި ދަތުރުފުޅުގައި އދ.ގެ އެކި ސަރަހައްދީ ޖަމިއްޔާތަކާއި ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައި، ނިއުޔޯކްގައި ރާއްޖެ އިޝްތިހާރުކުރުމަށް ޓަކައި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ވެސް ބައްދަލުކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ހަމަލާތައް ދެމުންދާތާ މިހާރު އަށް މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އަންގާރަ ދުވަހު ނެރުނު އިންޓްގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 37،600 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލައިފައިވާއިރު، ޣައްޒާގެ އާބާދީގެ 96 އިންސައްތަ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ އިންތިހާއަށް ދަރަޖައިގައެވެ.
އައިޕީސީގެ ރިޕޯޓުގައިވާ ގޮތުން ގާތްގަނޑަކަށް 343،000 މީހުން، އަދިވެސް ތިބީ ކާނާގެ ނުލިބުމުގެ އެންމެ ނުރައްކާ ހާލަތު ކަމަށްވާ އައިޕީސީ ފޭސް ފަހެއްގައެވެ.
އިތުރު 745،000 މީހުންނަކީ ކާބޯތަކެތީގެ ދަތިކަން ނުރައްކާތެރި ހާލަތުގައި ތިބި މީހުންގެ ގޮތުގައި ގިންތިކުރެވިފައިވާ މީހުންނެވެ.