ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިނަމަ އެއީ މަރަށް މަރު ހިފުން ކަމުގައި ވިޔަސް އެ ހުކުމެއް ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ކުރާ ކުށްތަކާއި ގޭންގް ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްކުށަށް ދެވޭ އަދަބަކީ ކުށްވެރިން ޖެހިލުންވާ ފަދަ އަދަބެއްގެ ގޮތުގައި ބަދަލު ކުރަންޖެހޭ ކަމަށެވެ. ވިދާޅުވި އެވެ: "މަޖިލީ ނިންމައިފިނަމަ އެއީ މަރަށް މަރު ހިފުން ކަމުގައި ވިޔަސް އަޅުގަނޑު މިހުރީ، އެ އެހުކުމެއް ތަންފީޒު ކުރަން،"

ރާއްޖޭގައި މަރަށް މަރު ހިފުމުގެ އަދަބު ގާނޫނުގެ ތެރޭގައި އޮތް ކަމުގައި ވިޔަސް އެ އެދަބު ތަންފީޒު ކުރުމުގެ ބަދަލުގައި މިހާރު އޮންނަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމެވެ.

މުޖުތަމައުގައި އާއްމުވަމުންދާ މީހުން މެރުމުގެ މައްސަލައާ ބެހޭ ގޮތުން ސަން އޮންލައިނަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީތަކާ ގޭންގް ހަރަކާތުގައި ކުރާ ކުށްތައް ހުއްޓުވުމަށް ޖެހިލުންވާ ފަދަ ގޮތަކަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވޭ އަދަބުތައް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.

" ގާނޫނު ހަދާ ފަރާތްތަކުން އެބަޖެހޭ މިކަމާ ދޭތެރޭގައި ވިސްނާފައި އެންމެ އެކަށީގެންވާ އަދަބުތަކަކީ ކޮބައިތޯ ކަނޑައަޅަން. މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެންނާއި ގޭންގް ކުށްތަކުގައި ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި އެކުށަކަށް ދެވޭ އަދަބުތަކާ މެދު ގޮތްތަކެއް ކަނޑައަޅަން އެބަޖެހޭ. މަޖިލީހުން އެކަންތަކާ މެދު ގޮތެއް ނިންމޭނީ، އެ ކުށްތަކަށް ކޮންމެ އަދަބެއް މަޖިލީހުން ކަނޑައެޅިޔަސް، އެއީ މަރަށް މަރު ހިފުން ކަމުގައި ވިޔަސް އަޅުގަނޑު މިހުރީ، އެ އެހުކުމެއް ތަންފީޒު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖޭގައި ބަދަލުވަމުންދާ ކުށުގެ މާހައުލާ އެއްގޮތަށް ބޮޑެތި ކުށްތަކަށް ދެވޭ އަދަބުތަކާ ދޭތެރޭގައި ރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން ވިސްނަން ޖެހިފައިވާ ކަމަށާއި މިސަރުކާރުގައި އެއްވެސް ކުށްވެރިއަކު ސިޔާސީ އެއްވެސް މަގުސަދެއްގައި ދޫކޮށްނުލައި ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.

"ވަކި ނުފޫޒެއް ބޭނުންކޮށްގެން އެއްވެސް ކުށްވެރިންތަކަކަށް [ޖަލުން} ބޭރަކަށް ނުނިކުމެވޭނެ. މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ކުރާ ކުށްތަކާއި ގޭންގް ކުއްތަކުގެ މީހުން ޕެރޯލްއަށް އެލިޖެބަލް ނުވާ ގޮތަށް [ގަވައިދު] އިސްލާހު ކުރާނަން،"