ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އޭނާގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ސަލީމު ސަސްޕެންޑުކޮށް ހައްޔަރުކޮށްފައިވަނިކޮށް، ރައީސާ އަރިސްކޮށް ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވެސް ސަސްޕެންޑުކޮށްފިއެވެ.

ސިޓީ ކައުންސިލުގައި އެކުގައި މަސައްކަތްކުރި ކުރި ދުވަސްވަރުން ފެށިގެން ރަމީޒު ފާހަގަވެފައިވަނީ ރައީސާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ނަމަވެސް މި ވޭތުވެދިޔަ ފަސްވަރަކަށް މަސްދުވަހުގެ ތެރޭ ރަމީޒު ވަނީ މަންޒަރުން މުޅިންހެން ގެއްލިފައެވެ.

އެއާއެކު ކުއްލިއަކަށް އިއްޔެ އެނގުނު ގޮތުގައި ރަމީޒުގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމް ވަނީ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިކަމުގެ މައުލޫމާތު އާންމުވެފައެވެ.

އިތުރު ދެ މީހަކާ އެކު ހައްޔަރުކުރިއިރު އެ އެންމެންގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގައި ޝަމްނާޒު ވެސް ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުން ތިބޭ ޕޭޖުގައި ކުރިން ޝަމްނާޒްގެ ނަން އޮތް ނަމަވެސް މިހާރު އެ ނަން ވަނީ ކަނޑާލައިފައެވެ. އަދި، ކުރީގެ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ޝަމްނާޒް ވަނީ ހިމަނާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީތޯ ސުވާލުކުރުމުން އެ ކަމަށް ފުލުހުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.