27 Jun 2024, 16:06
އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުއްޓާ ހައްޔަރުކުރި ފާތިމަތު ޝަމްނާޒް އަލީ ސަލީމް އިއްޔެ އެ މަގާމުން ސަސްޕެންޑުކޮށްފިއެވެ.
އިތުރު ދެ މީހަކާ އެކު ޝަމްނާޒް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ އެންމެންގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުން ތިބޭ ޕޭޖުގައި ކުރިން ޝަމްނާޒްގެ ނަން އޮތް ނަމަވެސް މިހާރު އެ ނަން ވަނީ ކަނޑާލައިފައެވެ. އަދި، ކުރީގެ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ޝަމްނާޒް ވަނީ ހިމަނާފައެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގެ ވެބްސައިޓުގައި ބުނާ ގޮތުންޝަމްނާޒް ސަސްޕެންޑުކުރީ އިއްޔެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީތޯ ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާން އަޙްމަދު ޝިފާން ވިދާޅުވީ، ޝަމްނާޒްއާއި އިތުރު ދެ މީހެއް ހިމެނޭ ގޮތުން ފުލުހުން ދަނީ މައްސަލައެއް ތަހުގީގު ކުރަމުން ކަމަށެވެ.
އިތުރު ތަފުސީލެއް ނުދެއްވައެވެ.
ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މީހުން ވަރިވީ ވަރަށް ފަހުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.
މި ކަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.