އެއްވެސް މަސައްކަތެއް ނުކުރެވި، މަޖިލީހުގެ މިއަދުގެ ޖަލްސާ ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލުމަށް ފަހު، އެންމެ ފަހުން ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތުމުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތީ ކައުންސިލަރު ޖަނަރަލް ފާތުމަތު ފިލްޒާގެ ލަފާގެ މަތިން ކަމަށެވެ.

މިއަދުގެ ޖަލްސާ އަށް އެމްޑީޕީގެ މެންބަރުން ހުރަސް އެޅުއްވުމުން، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވަން އުޅުނު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލްގެ ފުރަތަމަ، ކިޔުން އިއްވައި ބަހުސް ވެސް ކުރިއަށް ނުގެންދެވުނެވެ.

އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަތަކެއް ނަންގަވައި ވިދާޅުވަމުން ގެންދެވީ ކުއްލި މައްސަލައިގެ ދަށުން ވެރިކަން ބަދަލުވި ގޮތް ބެލުން ފިޔަވައި އެހެން މަސައްކަތެއް މަޖިލީހުންކޮށްގެން ނުވާނެ ކަމަށެވެ. ތަކުރާރުކޮށް ނިޒާމީ މައްސަލަތަކެއް އެމްޑީޕީގެ މެންބަރުން ނަންގަވަން ފެށުމުން، ރިޔާސަތުން ނިންމީ ނިޒާމީ މައްސަލައިގެ ދަށުން ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވުމަށެވެ. އެ ހިސާބުން މަޖިލިސް ހޫނުވެ، ނިޒާމު ގެއްލިގެން ޖަލްސާ ފުރަތަ ނިންމަވާލެއްވީ ހެނދުނު ދަންފަޅީގަ އެވެ. އަދި 11:00 ޖެހިއިރު ޖަލްސާ ފެށުމާ އެކު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ނިޒާމީ މައްސަލަތަކެއް ނަންގަވައި އަޑު ގަދަކުރައްވަން ފެއްޓެވި އެވެ. މަޖިލީހުގައި އޭނާ އަޑު ގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ ތިން ފަހަރެއްގެ މަތިން އޭނާއަށް ނަސޭހަތްތެރިވެފަ އެވެ.

އެންމެ ފަހުން ކުބޭގެ ނަން އިއްވައި ޖަލްސާ ކުރާ މާލަމުން ނުކުންނެވުމަށް ރިޔާސަތުން އެންގެވި އެވެ. ކުބޭ މަޖިލީހުން ނުކުންނެވުމާ އެކު ޖަލްސާ ތިން ވަނަ ފަހަރަށް ފެށިއިރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަންވެސް އިއްވައި ޖަލްސާ މެދުކަނޑާލި އެވެ.

ހަތަރު ވަނަ ފަހަރަށް ޖަލްސާ ފެށުމާ އެކު ނަން އިއްވެވި މެންބަރަކު މަޖިލީހުގެ ތަޅުމަށް ވެންނެވުމާ އެކު އަނެއްކާ ވެސް ޖަލްސާ މެދުކަނޑާލި އެވެ. ދެން މަޖިލީސް ފެށި އިރު، މަޖިލިސް ކުރާ މާލަމުގައި ތިއްބެވީ އެންމެ ނުވަ މެންބަރުންނެވެ. ފަސް މިނިޓްގެ ކޯރަމް ރަނގަބީލު ޖެހުމުން ވެސް މެންބަރުން ތަޅުމަށް ވަޑައިނުގެންނެވުމުން ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

"މިއަދުގެ ޖަލްސާ މި ނިންމާލަނީ އެއްވެސް މަސައްކަތެއް ނުކުރެވި. މިއަދުގެ ޖަލްސާގައި މަސައްކަތެއް ނުކުރެވޭ ގޮތް ދިމާވީ، މަޖިލީހުގައި ހިމެނޭ މައި ޕާޓީތަކުގެ ތެރެއިން އެއް ޕާޓިއަކުން ހުށަހެޅި ކުއްލި މައްސަލައެއް، ބަލައިނުގަތުމުގެ ސަބަބުން." ރިޔާސަތުން ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވި އެވެ.