27 Jun 2024, 12:50
މާފަންނު މަދަރުސާ ބިތްދޮށުން އޮންނަ ހަނިގޯޅިއަށް "ފަލަސްތީނު ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މާލޭ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށް ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. މޭޔަރު މީގެ ކުރިން ވިދާޅުވީ މާލޭގައި ނަން ނުކިޔައި ދެ މަގެއް އޮތް ކަމަށެވެ. އެ ގޮތުން އެ ތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ވިޔަސް، ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށް ފެންނަ ކަމަށް ވިދާޅުވެ، ކައުންސިލަރުންގެ ޚިޔާލަށް މޭޔަރު އެދިވަޑައިގަތެވެ.
މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި މާފަންނު މަދަރުސާ ބިތްދޮށުން އޮންނަ ހަނިގޯޅިއަށް "ފަލަސްތީނު ހިނގުން" ކިޔަން ފާސްކުރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަން ދިނުމަށް ހުށަހެޅުއްވީ ފަލަސްތީނުގެ ރައްޔިތުންނަށް އުންމީދެއް ދީ، ދިވެހީން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ހާމަ ކުރުމުގެ ގޮތުންނެވެ. އަދި ދިވެހީންގެ ހިތްތަކުގައި ފަލަސްތީނާ މެދު އޮންނަ ލޯބި ހާމަކުރުމުގެ ގޮތުންނެވެ.
"ފަލަސްތީނު ހިނގުން" މަގަކީ ދުވާރު ހެދުމާއި ބައެއް އެހެނިހެން މަސައްކަތް ވެސް މިހާރު ކުރެވެމުންދާ މަގެކެވެ.
މަސައްކަތް ނިމުމުން، އެ މަގު ހުޅުވާނީ އެ ކަމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.