ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެވަނަ ފުރުސަތުގެ ދަށުން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާއިރު އޭގެތެރޭގައި ހިމެނޭ ބޮޑެތި ކުށްތަކުގެ މީހުން އަނބުރާ ޖަލަށް ގެންދާނެ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ދެވަނަ ފުރުސަތުގެ އަފޫއާންމުގައި ދޫކުރި ކުށްވެރިންގެ ތެރޭގައި ހިމެނޭ މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުށްތައް ކުރާ މީހުންނާއި ކުޑަކުދިނާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ މީހުން އަނބުރާ ޖަލަށް ވައްދާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރުން މިފަދަ ގިނަ ކުށްވެރިން ދޫކޮށްލާފައިވަނީ ގާނޫނީ އެއްވެސް މިންގަނޑަކަށް ނުފެތޭ ގޮތަކަށް ކަމަށާއި މިހާރުގެ ސިޔާސަތަކީ އެފަދަ ކުށްވެރިން އަނބުރާ ޖަލަށް ގެންދިއުން ކަމަށެވެ.

ދެވަނަ ފުރުސަތާއި އެނޫން ވެސް ފުރުސަތުތަކުގައި މުޖުތަމައަށް ދޫކޮށްލާފައިވާ ކުށްވެރިންގެ ތެރެއިން ދެވަނަ ފަހަރަށް ކުށަކަށް އަރައިގަނެގެން 100 އެއްހާ މީހުން މިހާރު ވެސް އަނބުރާ ޖަލަށް ގެންގޮސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[ކުރީގެ ސަރުކާރުގެ] ވިސްނުން އޮތީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާ މީހަކު ކުށަކަށް އަރައިގަތުމުން އަނބުރާ ގެންދިއުން. ނަމަވެސް އަޅުގަނޑުގެ ސިޔާސަތަކީ އެ ނިޒާމުގެ ތެރެއިން ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ދޫކޮށްލާފައި ތިބީ އެއްވެސް ކަހަލަ އުސޫލެއްގެ ދަށުން ކަމުގައި ނުވާތީ އެމީހުން އަނބުރާ [ޖަލަށް] ގެންދިއުން،" ޖަމީލް ވިދާޅުވި އެވެ.

މުޖުތަމައިގެ ތެރޭގައި މީހުން މެރުމާއި މާރާމާރީ އާއި ގޭންގް ކުށްތައް ފަދަ ބޮޑެތި ކުށްތައް ހުއްޓުވޭނީ އެ ކުށަކަށް ދެވޭ އަދަބުތައް މިހާރަށްވުރެ ހަރުދަނާ ކޮށްގެން ކަމަށް ވެސް ކުރީގެ އިސް ގާޒީ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ދެވަނަ ފުރުސަތުގެ ދަށުން 400 އަށްވުރެ ގިނަ ކުށްވެރިން ދޫކޮށްލާފައިވާއިރު އޭގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީން ހިމެނެ އެވެ.