27 Jun 2024, 14:37
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އެކުއަޑޯއާއި ޖެމެއިކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ކުރާ އުންމީދު އެކުއަޑޯއިން އާކޮށްފިއެވެ.
ލާސް ވޭގަސްގެ ނެވާޑާގެ އެލީގިއަންޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެކުއަޑޯއިން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި އެކުއަޑޯއިން މެޗުގެ ލީޑު ނެގިއިރު އެ ޓީމުން ކާމިޔާބުކުރި ލަނޑަކީ ޖެމެއިކާގެ ކޭސީ ޕާމާއަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުންނުކުރެވި ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް އެކުއަޑޯއަށް އެ ޓީމުގެ ލީޑު ފުޅާކުރެވިގެންދިޔައީ ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެންޑްރީ ޕައޭޒެވެ.
ދެވަނަ ހާފުގައި ޖެމެއިކާއިންވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރުކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ.
ލަނޑު އެ ޓީމަށް ޖަހައިދިނީ މިކައިލް އެންޓޯނިއޯއެވެ. މި ލަނޑާ އެކު ޖެމެއިކާއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެކަން އެ ޓީމަށް ވާގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ މި ހާފުގެ ވެސް އިތުރު ވަގުތުގައި އެކުއަޑޯއިން ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކުރި ތަނެވެ. މި ލަނޑު އެ ޓީމަށް އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ޖަހައިދިނީ އެލެން މިންޑާއެވެ.
މި ނަތީޖާއާ އެކު އެކުއަޑޯއިން ވަނީ ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވާ ތިން ޕޮއިންޓާއި ފައިދާ ގޯލާ އެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި، ތިންވަނައިގައި މި ވަގުތު އޮތީ މެކްސިކޯއެވެ.