އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ވެނެޒުއޭލާ ޖާގަހޯދައިފިއެވެ.

ވެނެޒުއޭލާއިން ކުއާޓާގެ ޖާގައެއް ހޯދީ ގްރޫޕް ބީގައި ކޮންކާކަފް ސަރަހައްދުގެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ މެކްސިކޯ، 1-0 އިން ބަލިކޮށްގެންނެވެ.

މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ވެސް އުފެއްދީ މެކްސިކޯއިންނެވެ. އެކަމަކު، މެކްސިކޯއަށް ވެނެޒުއޭލާގެ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ.

މެޗުގައި ވެނެޒުއޭލާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީއަކުންނެވެ. މެކްސިކޯ ޕެނަލްޓީ އޭރިޔާ ތެރެއިން ހޫލިއަން ކުއިނޯނޭސް ވެނެޒުއޭލާގެ ޖޮން އަރަމްބޫރޫއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑު ނަގައިދިނީ ރޮންޑޮންއެވެ.

މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ވެނެޒުއޭލާއިން މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ލިިބޭނެކަން ކަށަވަރުކޮށްފައެވެ. މެކްސިކޯއިން ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދަން ބޭނުންނަމަ ފަހު މެޗުގައި އެކުއެޑޯ އަތުން މޮޅުވާން ޖެހޭނެއެވެ.