ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕު އީގައި ކުޅުނު ފަހު މެޗުތަކުންވެސް ނަތީޖާ ހަމަހަމަވެ، ގްރޫޕުން ދެވަނަ ބުރަށް ބެލްޖިއަމް އާއި ރޮމޭނިއާ އާއި ސްލޮވާކިއާ ދަތުރުކުރިއިރު ޔޫކްރެއިން މުބާރާތުން ކަޓައިފިއެވެ.

މިއީ ޔޫރޯގެ ތާރީޚުގައި ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ދިޔައިރު ގްރޫޕްގެ ހަތަރު ޓީމްވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރެވެ.

ޔޫކްރެއިން މުބާރާތުން ކެޓީ ބެލްޖިއަމް އާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗާއެކުއެވެ. ބެލްޖިއަމް ދެވަނަ ބުރުން ޖާގަ ހޯދިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ރޮމޭނިޔާއާއި ސްލޮވާކިޔާ ވާދަކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އީގެ ހަތަރު ޓީމްވެސް ގްރޫޕް ސްޓޭޖް ނިންމާލީ 4 ޕޮއިންޓާއެކުއެވެ. ފައިދާ ގޯލަށް ބަލައިގެން އެއްވަނަ އަދި ދެވަނަ ޓީމްގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރީ ރޮމޭނިޔާއާއި ބެލްޖިއަމް އެވެ. ގްރޫޕްގެ އެއްވަނަ ހޯދީ ރޮމޭނިޔާ އެވެ.

މިއީ 2000 ވަނަ އަހަރުގެ ފަހުން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ރޮމޭނިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސްލޮވާކިއާ ދެވަނަ ބުރުން ޖާގަ ހޯދީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ބެލްޖިއަމް މެޗާއެކު ޔޫކްރެއިން ކެޓި ނަމަވެސް އެ މެޗުގައި ޔޫކްރެއިން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. ޕޮއިންޓުގެ ގޮތުން ހަމަހަމަވި ނަމަވެސް ޔޫކްރެއިނަށް ފުރުސަތު ގެއްލުނީ ގެއްލުން ދެ ގޯލުގެ ސަބަބުންނެވެ. އެއާއެކު ޔޫކްރެެއިން ވެފައިވަނީ 4 ޕޮއިންޓާއެކު މުބާރާތުން ވަކިވާން ޖެހުނު ހަމައެކަނި ޓީމަށެވެ.