18 Jun 2012, 13:46
އެފްޓެކްގެ އެގާރަ މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ފިލައިގެން އުޅޭ މީހަކު ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން އިންޓަޕޯލުން ރެޑް ނޯޓިސް ނެރިގެން ފުލުހުން ހޯދަމުން ދަނީ މ. ވުޑްޕެކާ މުޙައްމަދު އަބްދުﷲ 41، އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ، އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ސީދާ އެތަންތަނަށް ސަޕްލައި ކޮށްދިނުމަށް 2010 ވަނަ އަހަރު ހެލްތު މިނިސްޓްރީ އާއި އެފްޓެކް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ 12.7 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ ދަށުން ދޭން ޖެހޭ ޚިދުމަތް ނުދެނީސް 11.8 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވާ ކަމަށް 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު މައްސަލައާ ގުޅިގެން ކަމަށެވެ.
މުހައްމަދު އަބުދުﷲ ހޯދުމަށް މި އަހަރުގެ މެއި 14 ވަނަ ދުވަހުން ފެށިގެން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެފްޓެކް މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކާއި ކުރީގެ ޓެންޑާ އިވެލުއޭޝަން ބޯޓުގެ މައްޗަށް ފިޔަވަޅުއަޅަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުވައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ އިސް އެކްޓިވިސްޓް ފާތިމަތު ޝިއުނާއާ ވެސް ވަނީ ސުވާލުކޮށްފަ އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 12.7 މިލިއަން ރުފިޔާގެ ތަކެތި ސަޕްލައިކުރުމަށް އެ ކުންފުންޏާ ހަވާލުކުރި ނަމަވެސް ސަޕްލައިކޮށްދީފައި ވަނީ އޭގެ ތެރެއިން 930512.15ރ.ގެ މުދާ ކަމަށެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ބޭހުގެ ސާމާނު ސަޕްލައިނޮކޮށް އެފްޓެކުން 11.8 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.