"ދެދުނިޔޭގެ ކާމިޔާބު ގުޅިފައިވަނީ ނަމާދު ގާއިމު ކުރުމުގައެވެ. ކޮންމެ ހާލެއްގައި ވިޔަސް ނަމާދު ދޫކޮށްނުލާށެވެ. "

***

" ފިލީ ދޯ..." އުރުޖުވާން ތުން ވަށްކޮށްލިއެވެ. ފެން ޖަހާފާނެތީ ބިރުން އަވަހަށް ނިކުތީ ކަމަށް ހީކޮށް އުރުޖުވާން ތައްޔާރުވެލައިގެން ނިކުތެވެ. ނަމަވެސް ފާޚާނާ ދޮރު ހުރީ ހަމަ އެތެރެއިން ތަޅުލިގޮތަށެވެ. އޭނަ ކުއްލިއަކަށް ސިހޭ ލޯ ބޮޑުވިއެވެ. މާޒްވިލާގެ ދޮރުން ވަނީއްސުރެން އާދަޔާޚިލާފް ކަންތައްތަކެއް އިހުސާސްކުރެވޭކަން ފާހަނގަވަމުން ދިޔައެވެ. އަވަހަށް ނިކުންނަން ހަދައިގެން އުރުޖުވާން ކައްސާނުލީވެސް ކިރިޔާއެވެ. ފާޚާނާއިން ނިކުމެ ވަށައިގެން ހޯދައިލިއިރު މާޒިމް އޮތީ އެނދުގައެވެ. ގަދަ ނިދީގައެވެ. ބޮކިތައް ނިއްވާލާފައި ހުރުމުން ވެރިވެފައިވަނީ ހަމަ އެކަނި އެނދުކައިރީގައި ހުރި ބައްތީގެ ފަނޑު އަލިކަމެވެ. އޭނަގެ އަމިއްލަ ހިޔަނި ފެނުމުންވެސް ބިރުގަންނާންފެށިއެވެ. މާޒިމް އަށް ގޮވާލަން ހިތަށް އަރާފައިވެސް ފަސް ޖެހެވުނެވެ. އެހާ ދިގު ދަތުރަކަށްފަހު އަރާމު ނިންޖެއްގައި އޮތްވާ އުދަގޫކުރާކަށް ނުވާނެއެވެ.

ދަތުރުގެ ވަރުބަލިކަން އިހުސާސްވި ނަމަވެސް އޭނަގެ ލޮލަށް ނިންޖެއް ނައެވެ. މާޒިމް ގަދަ ނިދީގައި އޮވެފައިވެސް އެތައް ފަހަރަކު ސިއްސައިގެން ދާތަން ފެނި އެކަމާވެސް ކަންބޮޑުވިއެވެ. މާޒިމް ހޭލައްވާލަން ގޮވާލި ނަމަވެސް ފުން ނިންޖެއްގައި އޮތުމުން އެކަމަށް ކުޅަދާނައެއްނުވިއެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. މާޒިމް އާއި އެކި ހޭދަކުރެވުނު މި ހުރިހައި ދުވަސް ތަކުގައިވެސް އުރުޖުވާން އެކަހަލަ ގޮތަކަށް ވިސްނާފައެއް ނެތެވެ. ހިތް ބުނަން ފެށީ މާޒިމް ގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ ލޯތްބާއި ރައްކާތެރިކަން ގެއްލިދާނެކަމަށެވެ. ޚިޔާލުތަކުން ދުރުވުމަށް ބޭނުންވިއެވެ. ބޮލުގަިއވެސް ފާޑެއްގެ ރިހުމެއް ހުއްޓެވެ. އެނދުގައި އިށީނދެ ގަޑި ބަލައިލެވުނެވެ. އެއިރު މެންދަމުން އަލިވެ ތިނެއް ޖަހަން ކައިރި ވަނީއެވެ. ނިދި ކޮޅެއް ނުލިބުނުތާ ހަމަޖެހިލައިގެން ވެސް އޮވެވުނީއެއް ނޫނެވެ. ވަރުބަލިވެފައި ހުރުމުން ދަމު ނަމާދު ކުރުމަށް ވެސް ކަންނެތްވިއެވެ. ނަމަވެސް ނަމާދުން ނޫނީ ހިތަށް ތަސައްލީ އެއް ނުލިބޭނެކަން އެނގޭތީވެ އުރުޖުވާން އޭނަ އަވަހަށް މުސައްލަ ނަގައި ރޫޅާލިއެވެ. ނަމާދުގައި ހުރި އިރު މާޒިމް ނިދީގައި އޮވެ ވާހަކަ ދައްކާހެން ހީވެއެވެ. ނަމާދުގައި ޚުޝޫއަތްތެރިވެގެން ހުރުމަށް އުނދަގޫވިއެވެ. ނަމާދު އަވަސްކޮށްލައި އެނދާއި ދިމާލަށް ބަލައިލިއިރު ބިރުން ހަލާކުވާވަރުވިއެވެ. އޭނަގެ ހިތް ގެނބޭގޮތްވިއެވެ.

"މާޒް...." މާޒިމް ހުރީ އެނދުމަތީގައި ކޮޅަށެވެ. އުރުޖުވާން ހުރީ ގުޑިލަންވެސް ނޭގިފައެވެ. ބައްތީގެ އަލި ފަނޑުވެފައިވީ މާޒިމް އޭގެ ކުރިމަތީގައި ހުރުމުންނެވެ. އެނދުމަތީގައި ކޮޅަށް ހުރި އިރު މާޒިމް ގެ އިސްކޮޅުވެސް އިހުނަށްވުރެ ދިގުވެފައިވިއެވެ. ޖަވާބެއް ނުދީ ހުރުމުން އަނެއްކާވެސް އުރުޖުވާން ގޮވާލިއެވެ. ޖަވާބެއް ނުދިންތާ ގުޑާވެސްނުލައެވެ. ހަދާނެ ގޮތެއް ނޭނގިގެން އުރުޖުވާން ޤުރުޢާން ކިޔަވަންފެށިއެވެ. ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތް ކިޔަވަން ފެށުމުން މާޒިމް އެނދަށްް ވެއްޓިގަތީ ކަނޑައިލި ރުކެއްހެންނެވެ. ކުރިން އޮތްގޮތަށް އޮށޯވެ ހަމަޖެހިލިއެވެ. އެވަގުތު އުރުޖުވާން އަށް މާޒިމް ގެ މޫނު ފެނުނެވެ. ލޯ މަރާލައިގެން އޮތުމުން އަދިވެސް ނިދަނީކަން އެނގުނެވެ. މުސައްލަ މަތިން ތެދުވަން ވެސް ނުކެރިފައި އިންދާ ފަޖުރު ގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. ބަންގީގެ އަޑުން ހިތަށް ކޮންމެވެސް ވަރެއްގެ އަމާންކަމެއް ލިއްބައިދިނެވެ. މާޒިމް ގެ ފޯނު އެލާމް ވީވެސް ބަންގި ދީ ނިމުމުންނެވެ.

" ފަޖްރް ކޮށް ނިންމާލީތަ؟....ކީއްވެ ނުގޮވީ..." މޯޅިއަކަށް ދެމިލަމުން މާޒިމް ތެދުވުނެވެ. އުރުޖުވާން ގެ މޫނު މަތީގައިވީ ވަރުބަލިކަމެވެ.

" ނޫން ދެންމެ ބަންގި ދިނީ....އަވަހަށް ތެދުވޭ މަސްޖިދަށް ދާން....މިއަދު ވޯކް އަށްވެސް ދަން ޖެހޭ ދޯ..."

މާޒިމް ތާޒާ ވެލައިގެން ނިކުތް އިރު އުރުޖުވާން ހުރީ ގަމީސް އިސްތިރިކުރުމަށެވެ. މޫަަނު މަތިން ވަރުބަލިކަން ފެނުނު ނަމަވެސް ވަގުތު ނަމާދަށް ދާން އަވަސްވެފައި ވުމުން އަހައިނުލާ ދިޔައީއެވެ. އުރުޖުވާން ވިސްނެމުން ދިޔައީ ރޭގައި ކަންތައް ވި ގޮތާއި މެދުގައެވެ. މާޒިމް އާއި އެވާހަކަ ދައްކަން ވީހެއްޔެވެ؟ އެކަމަކު މަދީނާ އާއި ކެނާން އާއި މެދު މާޒިމް ކަންބޮޑުވާވަރު ވިސްނިފައި އެވާހަކަ ފަސްކޮށްލަން އޭނަ ގަސްތުކުރިއެވެ. ހެނދުނުގެ ނާސްތާ ހަދަން ބޭރަށް ދިޔައިރު އަހްމަދު ހުރީ ސުފުރާ ތައްޔާރުކޮށްފައެވެ.

" އަހްމަދު ބެ.....އުރޫޖް މިއައީ ސައި ތައްޔާރުކުރަން...މިއީ ހާދަ ފްރެޝް ބްރެޑް އެއް...މިތާ ކައިރީ ބޭކަރީ ހުރޭތަ؟" އުރުޖުވާން ހައިރާންވިއެވެ. ބަދިގެއަށް ނަޒަރު ހިންގައިލިއިރު ތަށިތަކުން ސިންކު ފުރިފައިވިތަން ފެނި ހެވުނެވެ.

" ވަރަށް ހަޑިވެއްޖެ ދޯ....ކަނބުލޮ އަވަހަށް އިށީނދޭ ސައި ބޯން....މާޒް ރެޑީ ވަނީ ދޯ..." އަވަސް އަރުވާލާފައި އަހްމަދު އަވަހަށް ގޮނޑި ދުރުކޮށްދިނީ އުރުޖުވާން އިށީނުމަށެވެ.

" އަންކަލް...ހާދަ ވަރެއް ކޮށްލާފަ.....މެހެކް އާއި މީކާ ވަރަށް މިސްވެއްޖެ....އުރޫޖް އަށް އެނގޭތަ؟އަހްމަދު ބެ މިކޮޅަށް އައިސް އުޅޭ ހޮލިޑޭސް ތަކުގައި އަބަދުވެސް ބްރެކްފާސްޓް ރެޑީ ކުރާނެ...." މާޒިމް އުފަލުން ލޯ ދިއްލުނެވެ.

" އާނ ދޯ....އެކަމު ނަބީ ހާދަ ރުޅިއެއް ބާލައޭ...ބަދިގެ ފެނި..." އަހްމަދަށް ހެވުނެވެ. ނާސްތާ ކުރަމުން ދިޔަ ވަގުތު އުރުޖުވާން މޭނުބައި ކުރާ ގޮތެއް ވިއެވެ. ކާން ހުރެފައި ދުއްވައިނުގަނެވެނީސް ހޮޑު ލެވުނެވެ.

"އުރޫޖް...އޯކޭތަ؟" މާޒިމް ހާސްވިއެވެ. އަހްމަދުވެސް އަވަހަށް ޓިޝޫ ގެނެސް ދިއްކޮށްލިއެވެ. އޭނަ ކަންބޮޑުވީ އުރުޖުވާންއާއި ނުގުޅޭ އެއްޗެއް ކާން ދެވުނީ ކަމަށް ހިތާއެވެ.

" ހީވަނީ ފްލޫ ހެން...ރެސްޓް ކޮށްލަން ވި ކަންނޭނގެ....ރޭގަ އެހާ ރަނގަޅަށް ނުވެސް ނިދުނު.....ރެސްޓް ކޮށްލީމަ ރަނގަޅު ވެދާނެ އިންޝާﷲ" އުރުޖުވާން ބޭނުންވީ އެއީ އެހާ ބޮޑުކަމަށް ނެހެދުމަށެވެ.

" އެހެންވިމަ މިއަދު ދެން މާޒް ވެސް މަޑު ކުރާނީ...." މާޒިމް ބުނެލީ އުރުޖުވާން ގެ ބޮލުގައި ފިރުމަދެމުންނެވެ. ނަމަވެސް އުރުޖުވާން އެކަމާ ދެކޮޅުހެދިއެވެ. ވަޒީފާ އަށް ނުގޮސް މިހާ ގިން ދުވަސް ޗުއްޓީގައި ހުރެފައި ނުދިޔުން އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައި ވިސްނައިދިނެވެ.

" އަހްމަދް ބެ މިހިރީ ނު.....އުރޫޖްއަށް އަޅާލާނަން.." އަހްމަދު ހިނިތުންވެލިއެވެ. މާޒިމް އުރުޖުވާންދެކެ ވާ ލޯތްބާއި އަޅައިލުން އިހުސާސްވެ ހިތާހިތުން ޝުކުރުކުރެވުނެވެ. އަހްމަދުވެސް އުރުޖުވާން އަށް އެހީތެރިވެ އަޅާލާނެ ފުރުސަތަކަށް އެދި ހުއްޓާ އެކަން ތަނަވަސްވުމުން އެކަމާއި ވެސް އުފާކުރިއެވެ.

" އޯކޭ....އެކަމު....އުރޫޖް ވާނެ ރަނގަޅަށް ރެސްޓް ކުރަން...މިއަދު އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ...މުޅިން ބެޑް ރެސްޓް...." މާޒިމް އިންޒާރުދިނީ ލޯބިންނެވެ. މާޒިމްގެ އެހީގައި ކޮޓަރިއަށް ގޮސް އޮށޯވެލުމާއެކު ލޮލަށް ނިދި ސަވާރުވިއެވެ.

" ހާސް ނުވޭ....އަންކަލް މިހުރީނު...." މާޒިމް ދާން ހިނގައިގަތް ވަގުތު އަހްމަދު ބުނެލިއެވެ.

" ކެނާން ގުޅިތަ؟މިހާރު ފްލައިޓް ވެސް ލޭންޑް ކޮށްފާނެ...." މާޒިމް ނިކުންނަމުން ކުރި ސުވާލުން އަހްމަދު ގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

" އަދި ނުގުޅާ.....މެހެކް އަށް ގުޅާފައި ޚަބަރު ބަލައިލާނަން. އެއަޕޯޓަށް ދާ ވާހަކަބުނި..." އަހްމަދު ބުނެލިއެވެ.

" ދެން މައްސަލައެއް ނޫން ދޯ ދިޔަޔަސް...ބުނެލާފަ ދިޔަނަމަ ވީހެއްނު..." މާޒިމް ބުނެލިއެވެ. އަދި އަހްމަދު އެވަގުތު ބޯ ޖަހައިލީ އެއްބަސްވެލަމުންނެވެ.

މާޒިމް ގަރާޖުން ކާރު ނެރެގެން ނައްޓައިލި ވަގުތު ގޭޓު ކައިރީ މީހަކު ހުރިތަން ފެނި އެތަނަށް މަޑުކޮށްލެވުނެވެ.

" ކާކު ހޯދަނީ؟" މާޒިމް ކާރު ބިއްލޫރިގަނޑު ތިރިކޮށްފައި ސުވާލުކޮށްލިއެވެ.

" މި ގެ.....ބަގިޗާ ސާފު ކުރާ މީހާ..." ވީދިފައި ހުރި ބާ ސޯޓުގަނޑަކާއި އެކީ ގަމީހެއް ލާފައި ހުރި އިރު އޭނަގެ މޫނު ފޮރުވިފައިވީ މާސްކަކުންނެވެ. މާޒިމް އެމީހާގެ ބޮލުން ފެށިގެން ފައިކުރިޔާއި ހަމަޔަށް ނަޒަރު ހިންގާލިއެވެ.

"ކެނާން ނެތީތަ؟" މާޒިމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ބެލް ޖަހަން އަތް ނެގީމަ މާޒިމް ކާރުން ފައިބައި ދޮރާށި ހުޅުވާލަދިނެވެ. މާޒިމް ހީކުރީ އެއީ ހަގީގަތުގައިވެސް ބަގީޗާ ސާފު ކުރަން ކެނާން ހަމަޖައްސާފައި ހުރި މަސައްކަތު މީހެއް ކަމަށެވެ.

ދޮރާށި ހުޅުވާލަދިނުމާއެކު އާދަމް އޭނާގެ އަތް ދިއްކޮށްލީ ސަލާމަށެވެ. މާޒިމް ސަލާމް ކުރި އިރު އާދަމް ގެ ނިޔަފަތިތައް ފެނި ކުޑަކޮށް ފަސްޖެހޭގޮތްވިއެވެ. ނަމަވެސް ހެޔޮ ހިތުން ސަލާމް ބަލައިގަތެވެ. މާޒިމް ގެ އަތަށް ހީވީ ޕިނެއް ހެރުނު ހެންނެވެ. އަތުތެރެ ބަލާލިއިރު ލޭވެސް އަރާފައި ހުއްޓެވެ. ނަމަވެސް ގަޑި ޖެހޭތީ އެހާ ވިސްނުމެއް ނުބަހައްޓާ އަވަހަށް ކާރަށް އަރައި ދުއްވާލިއެވެ. ޓިޝޫ އަކުން އަތުގައި ހުރި ލޭތައް ފޮހެލީއެވެ. އެވަގުތު ފަރަހް ގެ ފޯނެއް އައެވެ. މާޒިމް އަށް އެ ކޯލު އައުމުން ވަގުތުން އެ ފޯނަށް ޖަވާބު ދެވުނެވެ.

އާދަމް ގޭޓުން ވަދެގެން ދިޔައިއިރު ތުންފަތުގައި ވީ ނުލަފާ ހިންޏެކެވެ.

" އާދެބަ ބަލާ....މިހިރީ ގޯޅި ކަންމަތީ.....ވެއިޓިންގް ފޯ ޔޫ...." ފަރަހް ތުއި އަޑަކުން ވާހަކަދެއްކިއެވެ.

"މިދަނީ...." މާޒިމް ޖަވާބު ދިނީ ފަރަހް ބަލައި ދާން ކެތްމަދުވެފައި ހުރެއެވެ. ހީވީ ފަރަހް ބުނި ކޮންމެ ކަމެއް ކުރުމަށް ވެސް ނަފްސު އަޅުވެތިވީހެންނެވެ.

***

" އެއީ މީކާއިލް ދޯ...ހާދަ ހިއްކާލައިފިއޭ ދޯ މިހާރު..." މަދީނާ ކެނާން ކުރެން އަހައިލީ ވަރަށް ސިއްރުންނެވެ. ކެނާން ބޯ ޖަހައިލިއެވެ.

މެހެކްއަށް މަދީނާ ފެނުމުން ދުވެފައި ގޮސް ބައްދާލިއެވެ. އެހާ ދުވަސް ފަހުން މަދީނާ ފެނުމުން ތަފާތު އުފަލެއް އިހުސާސްކުރެވުނެވެ. މަދީނާ އަށްވެސް ވީ އެވަރެވެ. މީކާއީލް އެންމެ ފަހަރަކު މަދީނާ އަށް ލޯ އަޅައިލި ހެން ހީވިއެވެ.

" ފެޓްސޯ ވަރަށް ފޮނި ދޯ މިހާރު..." މަދީނާ ސިއްރުން މެހެކް ކަންފަތް ދަށުގައި ކިޔާލިއެވެ. މެހެކް އަށް ހެވުނީ މިކާއިލް އަށް އަޑުއިވިއްޖެއްޔާ ފޯރިޔެއް ހުންްނާނެކަމަށް ހީކޮށްފައެވެ. މަދީނާ އާއި މިކާއިލް އަކީ ކުޑައިރު އެކީގައި ބޮޑުވެ އެހާ ސަކާރާތާއި މަޖަލުގައި ވަގުތު ހޭދަކޮށްފައިވާ ދެމީހުންނެވެ. ކެނާން ގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. މިކާއިލް އާއި ސަލާން ކުރިއިރުވެސް ތުންފަތް މަތީގައިވީ ފަނޑު ހިނިތުންވުމެކެވެ. ބަސް މަދުވެފައި ހުރުމުން މިކާއިލް އަށް ވެސް އިތުރު ސުވާލުތަކެއް ކުރުމަށް ފަސްޖެހެވުނެވެ.

" ކުޑަބެ....ކޮބާ މަދީނާ ގެ ފޯނު؟" މަދީނާ ވަށައިގެން ހޯދާލިއެވެ. ހަނދާނަށް އައީ އުރުޖުވާން އަށް މެސެޖެއް ކޮށްލުމަށެވެ. މެހެކް ފެނުމުން އޭނާ އުރުޖުވާން މަތިން ހަނދާންވީއެވެ. ކެނާން ފޯނު ދޭން ބޭނުން ނުވެފައި ހުރެ އޭގައި ޗާޖު ނެތް ކަމަށް ބުނެ ބަހާނާ ދެއްކިއެވެ.

" އުރޫޖް ގެ ލޮލާ މެހެކް ގެ ލޯ ވަރަށް ވައްތަރު.....އަޑުވެސް..." މަދީނާ ކިޔައިލީ މެހެކް ގެ އަތުގައި ހިފާލަމުން ކާރާއި ދިމާއަށް ހިނގައިގަތް ވަގުތުއެވެ. މެހެކް ގެ ފިޔަވޅުތައް މަޑު ޖެހުނެވެ.

"އަސްލުވެސް ތަ؟" މެހެކް ގެ ލޮލުގެ ވިދުން ގަދަވިއެވެ. އުރުޖުވާން އާއި ބައްދަލުކޮށްލުމަށް އޭނާގެ ހިތް އެދުނެވެ. ފޮޓޯ އިން ފެނިފައިވި ނަމަވެސް ހަމަ ލޮލަށް ފެނިބައްދަލުވުމަށް ހިތް އެދވުނެވެ. ކާރު ތެރޭގައިވެސް މަދީނާ އެހާ އަނގަ ގަދަ ކޮށްލާފައި އިން އިރު ކެނާން އިނީ ހިމޭނުންނެވެ.މަދީނާ އުރުޖުވާން ގެ ހިތްހެޔޮ ކަމާއި އެކުވެރި ކަމުގެ ވާހަކަ ދެއްކީ ވަރަށް ފޯރިއާއި ޖޯޝާއި އެކުގަ އެވެ.

" ހަމަ ބޮލިރަވައެއްހެން...." ކާރު ދުއްވަން އިން މީކާއިލް ތުންތަޅުވާލިއެވެ. މީކާއިލް އެވަގުތު ޤުރުއާން ޖަހައިލިއެވެ. މަދީނާގެ އަޑު މަޑުވިއެވެ. ފައި ތަޅުވަން ފެށިއެވެ. މަދީނާގެ އަތްތިލައިގާ ހިފަހައްޓާލައިގެން އިން މެހެކް އަށް ވެސް މަދީނަގެ އަތް ފިނިވަމުންދާކަން އިހުސާސް ކުރެވުނެވެ.

"މަދީނާ.....އޯކޭތަ؟" މެހެކް އަހައިލިއެވެ. އޭނަ މެހެކް ގެ އަތަށް ބާރުކޮށްލިއެވެ.

"ޕްލީޒް ސްޓޮޕް......" މަދީނާ ކަންފަތް މަތީގައި އަތް އެޅިއެވެ. ކެނާން އެވަގުތު ޤުރުޢާން ނިއްވާލުމަށް އުޅުމުން މީކާއިލް އެކަން ހުއްޓުވިއެވެ.

"ޤުރުއާނަކީ ޝިފާއެއް.....ހުއްޓާލަން އެބުނަނީ މަދީނާ އެއް ނޫން....." އެވަގުތު މީކާއިލް ކާރުގެ ދޮރުތަކުގައި ޗައިލްޑް ލޮކް އެޅުވިއެވެ. މެހެކް އުނދަގުލުން ނަމަވެސް މަދީނާގެ ކާރު ސީޓު ބެލްޓް ބާރުކޮށްލިއެވެ. ކެނާން އަށް އެ މަންޒަރު ބަލަން އުނދަގޫ ވިއެވެ. މަދީަނ ދިޔައީ ކިޔެވުން ހުއްޓުވުމަށްއެދި އެތައް އާދޭހެއް ކުރަމުންނެވެ.

ނުނިމޭ