ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުން ފެށިގެން ހިންދީ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ޒީނަތު އަމާން އެކަނިވެރި މައެއްގެ ގޮތުގައި ހޭދަކުރި ދަތި އުނދަގޫ މަރުހަލާތަކުގެ ވާހަކަތައް އާއްމުންނާ ހިއްސާކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ބަތަލާ ބުނެފައި ވަނީ، ކައިވެންޏަށް ލިބުނު ދެ ކުދިންނާ އެކު ހޭދަކުރި ދުވަސްތަކަކީ ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރުވި ދުވަސްތަކެއް ކަމަށެވެ.

ޒީނަތު ބޮޑަށް އެކަނިވެރިވީ 1985ވަނަ އަހަރު ކުރި ދެވަނަ ކައިވެންޏަށް ފަހު 1998ވަނަ އަހަރު ފިރިމީހާ މަޒްހަރު ޚާން މަރުވުމާ ގުޅިގެންނެވެ. ކައިވެންޏަށް ފަހު ޒީނަތު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ މަޒްހަރު އެހާ ރުހޭ ކަމަކަށް ނުވުމާއެކު ޒީނަތަށް ފަހުން ފިލްމު ތަކުން ފުރުސަތު ލިބުން އެހާ ފަސޭހަ ނުވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ޒީނަތު އަމާން އޭނާގެ ދެ ކުދިންނާ އެކު--ފޮޓޯ/ފޭސްބުކް
ފިލްމުތަކުން ފުރުސަތު ނުލިބި ދުވަސްތައް ހަފުތާތަކަށް ބަދަލުވެ މަސައްކަތެއް ނެތި އަހަރުތަކެއް ވަންދެން ވަރަށް ދަތި ހާލުގައި އުޅެން ޖެހުނު ކަމަށް ޒީނަތު ވަނީ ބުނެފައެވެ.

ހަމައެއާއެކު އުމުރުން ދުވަސްވެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިސް ފިލްމުތަކުން ކުރިން ލިބުނު ވަރާ ގާތަށް ވެސް ފުރުސަތުތައް ނުލިބޭ ކަމަށް 72 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ދެ ކުދިންގެ ހައްގުގައި އޭރު ކިތަންމެ ކުޑަ ރޯލެއް ލިބުނު ނަމަވެސް އެ ރޯލަކަށް އެއްބަސްވެ ދަރިންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އޭރުގެ ހަނދާންތައް އާ ކުރަމުން ޒީނަތު ބުނީ، ބައެއް ދުވަސްވަރު އެކިއެކި ހަފްލާތަކުގައި ބައިވެރިވުމުގެ ހުށަހެޅުންތައް ލިބޭ ކަމަށާއި ބައެއް އޯޑިއޯ ޓޭޕްތަކަށް އަޑު އަޅައިދީފައި ވެސް ހުންނާނެ ކަމަށެވެ.

އޭރު ކުރި މަސައްކަތްތަކަކީ ވަރަށް އާދައިގެ މަސައްކަތްތައް ކަމަށާއި އެކަމާ އެއްވެސް ވަރަކަށް ލަދުގަނެ ދެރަ ނުވާ ކަމަށް ފަޚުރުވެރިކަމާއެކު ޒީނަތު ވަނީ ބުނެފައެވެ.

އެފަދަ މަސައްކަތްތަކުގެ ސަބަބުން ދެ ކުދިންގެ ހައިހޫނުކަން ފިލުވާދީ ފައިސާގެ ގޮތުން އެ އާއިލާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު ބަތަލާ ވަނީ ބުނެފައެވެ. ޢުމުރުން 19 އަހަރުގައި މިސް އިންޑިއާގެ ތާޖު ހާސިލުކުރި ބަތަލާ އަކީ، ކުރީގެ މަޝްހޫރު ބަތަލާއިންގެ ތެރެއިން ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވާ ބަތަލާއެކެވެ.

ޒީނަތުގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރާ ގިނަ ޕޯސްޓު ތަކަކީ ބަތަލާގެ ފިލްމީ ކެރިއަރުގެ ގިނަ ތަޖުރިބާތަކާ އެކު ފޮނި ހަނދާންތައް އާ ކުރާ ޕޯސްޓުތަކެކެވެ. ޒީނަތުގެ މަގުބޫލު ފިލްމުތަކުގެ ތެރޭ، "ޔާދޯންކީ ބާރާތު"، "ސަތުޔަމް ޝިވަމް ސުންދަރަމް"، "ދޯސްތާނާ" އަދި "ޤުރުބާނީ" ފަދަ ފިލްމުތައް ހިމެނެއެވެ.