27 Jun 2024, 08:58
މިދިޔަ މަހު ރިލީޒްކުރަން ނިންމި އެކްޓަރު ވަރުން ދަވަންގެ އެކްޝަން ތުރިލަ ފިލްމު "ބޭބީ ޖޯން" މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ގޮތަށް ނިންމައިފިއެވެ.
ވަރުންއާ އެކު ސައުތު ސިނަމާގައި ފިޔަޖަހަމުން އަންނަ ބަތަލާ ކީރްތީ ސުރޭޝް ބޮލީވުޑަށް ނުކުންނަ "ބޭބީ ޖޯން"އަކީ ޖިއޯ ސްޓޫޑިއޯ އަދި ސައިން1 ސްޓޫޑިއޯއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ކޯ-ޕްރޮޑިއުސަރަކީ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީއެވެ.
މިއީ އެޓުލީއާ އެކު ވަރުން މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ. ވަރުން އަދި ކީރުތީއާ އެކު "ބޭބީ ޖޯން"އިން ފެންނާނެ އިތުރު ތަރިންގެތެރޭ ބަތަލާ ވަމީޤާ ގައްބީ، ޖެކީ ޝްރޮފް އަދި ރާޖްޕަން ޔާދަވް ހިމެނެއެވެ.

ވަރުން އާއި ޖާންވީ ކަޕޫރު ފިލްމު "ބަވާލް"ގެ މަންޒަރެއްގައި--ފޮޓޯ/ފޭސްބުކް
ފިލްމުގެ އާ ޕޯސްޓަރެއް ރިލީޒްކޮށް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު ބަދަލުކުރިކަން އިއުލާނު ކުރިއިރު "ބޭބީ ޖޯން"އާ އެކު އާމިރު ޚާން އުފައްދާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ވެސް ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާނެއެވެ.
މި ދެ ފިލްމަކީ މުޅިން ތަފާތު ޖޯންރާއެއްގެ ފިލްމެއް ކަމުން ފިލްމު ބަލަން ވަންނަ އޯޑިއަންސްގެ އަދަދަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފިލްމު "ބަވާލް"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރު ވަރުން ގިނައިން ކުޅެފައި ވަނީ ހެއްވާ މަޖާ ރޯލްތަކެވެ. ނަމަވެސް "ބޭބީ ޖޯން"ގައި ވަރުން ފެންނާނީ އަންހެން ދަރިޔަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް ދުޝަމަނުންނާ ކުރިމަތިލާ ޖެހިލުންކުޑަ މީހެއްގެ ރޯލްއިންނެވެ. މި ފިލްމަކީ ޑައިރެކްޓަރު އެޓުލީ 2016ވަނަ އަހަރު ގެނެސްދިން ތަމަޅަ ފިލްމު "ތޭރީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.