27 Jun 2024, 08:54
މިއަދު ސިނަމާތަކުގައި ދައްކަން ފަށާ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ 2898 AD"ގެ ފަނަރަ ލައްކަ ޓިކެޓު މިހާތަނަށް ބެލުންތެރިންނަށް ވިއްކާލެވިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ މިހާތަނަށް ފިލްމެއް ރިލީޒް ކުރުމުގެ ކުރިން އެހާ ގިނަ އަދަދެއްގެ ޓިކެޓް ވިއްކާލެވުނު އެންމެ ފުރަތަމަ އިންޑިއާގެ ފިލްމުވެސް މެއެވެ.
އެކްޓަރު ޕްރަބާސްގެ އިތުރުން އަމީތާބް ބައްޗަން، ކަމާލް ހަސަން، ދީޕިކާ ޕަދުކޯން އަދި ދިޝާ ޕަތާނީ މުހިއްމު ރޯލްއިން ފެންނާނެ "ކަލްކީ"އަކީ ވަރަށް ވަރުގަދަ ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ ދުވަހުގެ ޝޯގެ 15 ލައްކަ ޓިކެޓު ވިކިފައިވުމުން މިއަދު އެކަނިވެސް ފިލްމަށް ލިބޭނެ އާމްދަނީގެ އަދަދު 200 ކްރޯޑު ރުޕީސް (ތޭވީސް މިލިއަން އެމެރިކާ ޑޮލަރު)އަށް އަރާނެ ކަމަށް ފިލްމު އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ. މި ފިލްމަކީ 71 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު "ކަލްކީ 2898 AD"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ކަލްކީ"ގެ ފުރަތަމަ ދުވަހުގެ ޓިކެޓު ވިކުނު އަދަދު 15 ލައްކައަށް އެރިއިރު ޕްރަބާސްގެ އެންމެ ފަހު ފިލްމު "ސަލާރު" ރިލީޒްކުރުމުގެ އެއް ދުވަސް ކުރިން އެޑްވާންސްޑް ބުކިންގް މެދުވެރިކޮށް ވިއްކާލެވުނު ޓިކެޓުގެ އަދަދު ވަނީ 22 ލައްކައަށް އަރާފައެވެ.
މި ފިލްމު ބެލުންތެރިންނަށް ދައްކަން ނިންމާފައި ވަނީ D2 އަދި D3 ކޮށެވެ. މިއީ ތެލުގޫ ފިލްމެއް ނަމަވެސް ފިލްމު ހިންދީ ބަހުން ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ޕްރަބާސްގެ މި ފިލްމަށް 200 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދިއްޖެނަމަ މި ފިލްމު ވެގެންދާނީ އިންޑިއާގެ ބޮކްސް އޮފީހުގައި މި އަދަދުގެ އާމްދަނީ ހޯދާނެ ޕްރަބާސްގެ ދެވަނަ ފިލްމަށެވެ. މިހާތަނަށް 200 ކްރޯޑު ރުޕީސްގެ އާމްދަނީ ފުރަތަމަ ދުވަހުން ހޯދި ކަމުގެ ރެކޯޑު އޮތީ ޕްރަބާސްގެ ފިލްމު "ބާހޫބަލީ" އަދި ޑައިރެކްޓަރު އެސް އެސް ރާޖާ މޮލީގެ ފިލްމު "އާރްއާރްއާރް"ގައެވެ.